04 އޯގަސްޓް 2018 - 07:33

އަހަރު ދެބައިވެގެން ދާއިރު، އާ ފިލްމްތަކެއް އިއުލާންކޮށް އަދި އިއުލާންކޮށްފައި ހުރި ގިނަ ފިލްމްތަކެއްގެ ޝޫޓިން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވެސް ވަރަށް އުންމީދީ ފިލްމްތަކެއް ހުރި އިރު، އަންނަ އަހަރަކީ ވެސް ހިންދީ ސިނަމާ އަށް ކާމިޔާބު އަހަރަކަށް ވާނެ ކަމަށް ބެލެވެ އެވެ.
ކާތިކް އަރިޔަން އާއި ކިރިތީ ސެނަން ލީޑް ރޯލް ކުޅޭ ފިލްމް "ލުއްކާ ޗުއްޕީ" ގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ލަކްޝްމަން އުޓޭކަރް ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން ފެށި އިރު، މީގެ ކާސްޓާ އެހެން އެކްޓަރަކު ވެސް މިހާރު ވަނީ ގުޅިފަ އެވެ.
އެއީ އަޕަރްޝަކްތީ ކުރާނާ އެވެ. އޭނާއަކީ "ވިކީ ޑޯނާ" ފަދަ ފިލްމްތައް ކުޅުނު އަޔޫޝްމަން ކުރާނާގެ ކޮއްކޮ އެވެ. އަޕަރްޝަކްތީ ވަނީ "ޑަންގަލް" އާއި "ބަދްރީނާތު ކީ ދުލްހަނިޔާ" ފަދަ ފިލްމްތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފަ އެވެ.
އަންނަ އަހަރުގެ މާޗަށް ތާވަލުކޮށްފައިވާ "ލުއްކާ ޗުއްޕީ" ގައި ކާތިކް ފެނިގެން ސާނީ ޓީވީ ޗެނަލެއްގެ ނޫސް ރިޕޯޓަރެއްގެ ރޯލުންނެވެ. މިއީ މި އަހަރު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަށް ފަހު އޭނާ މަސައްކަތް ފެށި ފުރަތަމަ ފިލްމެވެ.
އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވޭ ހަނގުރާވެރިއެއް ކަމަށްވާ ސުބޭދަރް ތާނަޖީ މަލޫސަރޭގެ ވާހަކަ ކިޔައިދޭ ފިލްމް "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޝޫޓިން އަންނަ މަހުގެ 25 ގައި ފަށާ ގޮތަށް ނިންމައިފި އެވެ. މި ފިލްމަކީ އަޖޭ ލީޑް ރޯލް ކުޅުމުގެ އިތުރަށް އޭނާ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ ފިލްމެކެވެ.
"ތާނަޖީ" ބެލުންތެރިންނަށް ގެނެސް ދޭން ނިންމާފައި ވަނީ އަޖޭގެ ފިލްމް ކުންފުންޏާއި ޓީ ސީރީޒް ގުޅިގެންނެވެ. އެކަން ޕްރޮޑިއުސަރު ބުޝަން ކުމާރް ވަނީ ކަށަވަރު ވެސް ކޮށްދީފަ އެވެ.
އަޖޭ ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާ "ތާނަޖީ" ގެ ފަސްޓްލުކް މިދިޔަ އަހަރުގެ ތެރޭގައި ދައްކައިލައިވާ އިރު، މި ފިލްމް ޑައިރެކްޓް ކުރަނީ އޯމް ރައުތު އެވެ.
ޗައިނާގައި ހިންދީ ފިލްމްތަކަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު ސަލްމާން ހާންގެ ފިލްމެއް އަނެއްކާ ވެސް ޗައިނާގެ އޯޑިއަންސަށް ގެނެސް ދޭން ނިންމައިފި އެވެ. އެއީ 2016 ގައި ރިލީޒް ކުރި ކާމިޔާބު ފިލްމް "ސުލްތާން" އެވެ.
އަލީ އައްބާސް ޒަފަރު، ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އަށް ޑައިރެކްޓްކޮށް ދިން "ސުލްތާން" ޗައިނާގެ ސިނަމާތަކުގައި ދައްކަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރު ވެސް ދައްކާލައި، ފިލްމް އެ ގައުމުގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ރެސްލިން ތެޅުންތެރިންތަކެއްގެ ވާހަކަ ކިޔައިދޭ "ސުލްތާން" ގައި ސަލްމާނާ އެކު، ބަތަލާގެ ރޯލް ކުޅުނީ އަނުޝްކާ ޝަރްްމާ އެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި 92 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
ދެހާސް ފަނަރައިގައި ރިލީޒް ކުރި ސަލްމާންގެ "ބަޖިރަންގީ ބައިޖާން" ވެސް ވަނީ ޗައިނާގައި މިދިޔަ އަހަރު ދައްކައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. ކަބީރް ހާން ޑައިރެކްޓް ކުރި އެ ފިލްމް އެ ގައުމުގައި ދެއްކީ "ލިޓްލް ލޮލީތާ މަންކީ ގޯޑް އަންކަލް" ގެ ނަމުގަ އެވެ.