02 އޯގަސްޓް 2018 - 18:42

އެންވަޔަމަންޓް ޕޮލިސް އުފައްދައި ކުނި މެނޭޖްކުރުމުގެ ގަވާއިދު ތަންފީޒުކުރަން ވެމްކޯ އަށް އެހީތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރަން ކޮންސްޓަބްލަރީ ފުލުހުން މިދިޔަ މަހުގެ މެދެއްހާ ހިސާބުން ފެށިގެން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ވެމްކޯއަށް އެހީތެރިވުމުގައި ކޮންސްޓަބްލަރީ ފުލުހުން ހަރަކާތްތެރިވަނީ ޔުނީފޯމުގަ އެވެ.
އެންވަޔަމަންޓް ޕޮލިސް އުފެއްދުމަށް ފުލުހުންނާއި އެންވަޔަމަންޓް މިނިސްޓްރީން ސޮއިކުރީ މިިދިޔަ މާޗު މަހެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، ގަވާއިދާ ހިލާފަށް ކުނި އުކުން ހުއްޓުވުމަށްޓަކައި ރަށުތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި ގަވާއިދާ ހިލާފަށް ކުނި އުފުލުން ހުއްޓުވައި ފިޔަވަޅު އެޅުމަކީ ކޮންސްޓަބްލަރީ ފުލުހުންގެ ޒިންމާ އެކެވެ.
ވެމްކޯ އަށް ހާއްސަ ކޮށްފައިވާ ޒޯންތަކުގެ ރައްކާތެރިކަމާއި ޓްރެފިކްގެ ކަންކަން ބެލެހެއްޓުން ވެސް ކޮންސްޓަބަލްރީ ފުލުހުން ކުރަން ޖެހެ އެވެ. އަދި ކުނި މެނޭޖް ކުރުމުގައި ސެކިއުރިޓީގެ ގޮތުން ދިމާވާ ކަންތައްތައް ހައްލުކުރަން ވެމްކޯ އަށް އެހީތެރިވާން ޖެހެ އެވެ.
މީގެ އިތުރުން ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތައް ތަންފީޒު ކުރަން އެންވަަޔަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކޮންސްޓަބްލަރީ ފުލުހުން ކުރަންޖެހެ އެވެ.