"ގުޑް ނިއުސް" ގައި އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް
"ގުޑް ނިއުސް" ގައި އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް

މީގެ ކުރިން ވެސް އެކުގައި ކާމިޔާބު ފިމްތަކެއް ކުޅެފައިވާ ކަރީނާ ކަޕޫރާއި އަކްޝޭ ކުމާރް އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެެ.

މި ދެ ތަރިން މި ފަހަރު ސޮއިކުރީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރާޖް މެހެތާ ޑައިރެކްޓްކުރާ "ގުޑް ނިއުސް" އަށެވެ.

ޖުލައި، 19، 2019 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މިހާރު ވިދަމުން އަންނަ ޒުވާން ބަތަލާ ކިއާރާ އަދްވާނީ އާއި ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް އެވެ.

މި ފިލްމްގެ ޑައިރެކްޓަރު ރާޖްއަކީ ކަރަން ޕްރޮޑިއުސްކޮށް، ދާދި ފަހުން ރިލީޒް ކުރި "ދަޅަކް" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާންގެ އެސިސްޓަންޓެވެ. އަދި "ގުޑް ނިއުސް" އަކީ ރާޖް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

ކުރިން އަޑު އަރާފައި އޮތް ގޮތުން ކަރީނާއާ އެކު ފިލްމްގެ ކާސްޓްގައި ހިމެނޭނީ ސިދާތު މަލްއުތުރާ އާއި ޖާންވީ ކަޕޫރާއި ކާތިކް އާރިޔަން އެވެ. ނަމަވެސް މި ފިލްމްގެ ވާހަކަ ދެކެވޭތާ އެތަކެއް ދުވަސް ފަހުން، ކަރަން މިހާރު މި ވަނީ ފިލްމްގެ ކާސްޓާއި ނަން ވެސް ކަށަވަރުކޮށް ދީފަ އެވެ.

"ގުޑް ނިއުސް" އަކީ ޖޫން މަހު ރިލީޒް ކުރި "ވީރޭ ދީ ވެޑިން" އަށް ފަހު ކަރީނާ ސޮއި ކުރި ފުރަތަމަ ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ހާންގެ "ސެލިއުޓް" ގެ ބަތަލާގެ ރޯލް ވެސް ވަނީ އޭނާ އަށް ހުށަހަޅައިފަ އެވެ.

"އެއިތުރާޒް"، "އަޖްނަބީ"މ "ތަޝަން" އަދި "ކަމްބަކްތު އިޝްގް" ފަދަ ފިލްމްތައް އެކުގައި ކުޅެފައިވާ ކަރީނާ އާއި އަކްޝޭ އެންމެ ފަހުން އެކުގައި ފެނިފައި ވަނީ 2015 ގައި ރިލީޒް ކުރި "ގައްބަރު އިޒް ބެކް" އިންނެވެ. އެކަމަކު އެ ފިލްމްގައި ކަރީނާ ފެނިފައި ވަނީ ހާއްސަ ފެނިލުމަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ގުޑް ނިއުސް" ގައި އަކްޝޭ އާއި ކަރީނާ ފެނިގެން ދާނީ ދަރިއަކު ހޯދަން ވަރަށް މަސައްކަތް ކުރާތާ ދުވަސްތަކެއް ފަހުން ދަރިއަކު ލިބޭ ދެމަފިރިއެއްގެ ރޯލުންނެވެ.