02 އޯގަސްޓް 2018 - 11:44

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން، މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ދީފައިނުވާތީ ގިނަ އަދަދެއްގެ އާއްމުންނާއި އަދި ބައެއް ކުޅުންތެރިން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އަދި ރޭ 200 އެއްހާ ޒުވާނުން ވަނީ ކުޑަހެންވޭރު ފުޓްސަލް ދަނޑަށް އެއްވެ ދަގަނޑޭ ގައުމީ ޓީމަށް ނެގުމަށް ގޮވާލައިފަ އެވެ. އެ ހަރަކާތުގައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަދި ދަގަނޑޭ މިހާރު ކުޅެމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބުގެ އިސް ހިންގުތެރިއާ އަހުމަދު ނަޝީދު (ޑޭވް) ބައިވެރިވި އެވެ. އަދި ޓީސީ އާއި ދަގަނޑޭގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓުގެ ބައެއް ސަޕޯޓަރުން ވެސް ތިއްބެވެ.

ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް އެކުލަވާލި ރަސްމީ ފުރަތަމަ ސްކޮޑުން ދަގަނޑޭ އަށް ފުރުސަތު ނުދިން އެއް ސަބަބަކީ، އޭނާ ބުނި ގޮތުގައި އުމުރެވެ. އެކަމަކު މިދިޔަ މާޗު މަހު ޓީމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ބުނީ ޓީމު ނެގުމުގައި ވަކި އުމުރަކަށް ނުބަލާނެ ކަމަށާއި، އާ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ދަގަނޑޭގެ އެހީ ބޭނުންވާނެ ކަމަށެވެ. ސެގާޓް ވަނީ ޓީމަށް ބޭނުންވަނީ 100 ޕަސެންޓް ދޭ ކުޅުންތެރިން ކަމަށާއި ކުޅޭނެތޯ ނުވަތަ ނޫންތޯއާ މެދު ޝައްކެއްގެ މަތީގައި ތިބޭ ކުޅުންތެރިން ބޭނުން ނޫން ކަމަށް ބުނެ ދަގަނޑޭ ނުނެގި ސަބަބުތަކުގެ ތެރޭގައި އެކަން ވެސް ހިމެނޭ ކަމަށް ނުސީދާކޮށް އިޝާރާތްކޮށްފަ އެވެ.
ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަދި ކުރީގެ ކުޅުންތެރިއާ އަހުމަދު މަހުލޫފް ވިދާޅުވީ ދަގަނޑޭ ހުރީ ފިޓްކޮށް ފޯމުގައި ކަމަށާއި އޭނާގެ ތަޖުރިބާ ޓީމަށް ވަރަށް މުހިއްމު ކަމަށެވެ.
ޒުވާނެއް ކަމަށްވާ އަހުމަދު ޝިނާޒާ ޓްވީޓްކޮށްފައިވާ ގޮތުގައި ފިޓްކޮށް އަދި ކުޅެން ބޭނުންވެފައި ހުއްޓާ ދަގަނޑޭ ޓީމުން ބޭރުކުރުމަކީ ލަދެއް ކަމަށެވެ. އަދި ލެޖެންޑެއްގެ ގޮތުގައި ދަގަނޑޭ ހުރިއިރު، އޭނާގެ ކާމިޔާބު ގައުމީ ކެރިއަރުގައި ބޮޑު މުބާރާތެއްގައި ގައުމު ތަމްސީލްކުރުމަށް ލިބޭ ފަހު ފުރުސަތު ފުރުސަތު ގެއްލިގެންވާނެ ކަމަށް ނުދެކޭ ކަމަށް ބުނެފައިވެ އެވެ.
ޒުވާން ކުޅިވަރު އެޑްމިނިސްޓްރޭޓަރު މުހައްމަދު ޖައުޝަން ޝަރީފް ބުނި ގޮތުގައި ހުރިހާ ވެސް އުއްމީދަކީ ޒުވާން ކުޅުންތެރިންގެ ޓީމުން ރާއްޖެ އަށް ދެ ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިނުން ކަމަށާއި އެކަމަކު ދަގަނޑޭ އާއި އަސްހަދު އަލީ (އަޑުބަރޭ) ފަދަ ހުނަރުވެރިން ބާކީކުރުމުން އޭގެ ސަބަބުން ޕޮޒިޓިވް ކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް ބުންޏެވެ. ގައުމީ ޓީމުގައި މޮޅަށް ކުޅެމުން އައި އަޑުބަރޭ ގައުމީ ޓީމުން ރިޓަޔާކުރީ އޭނާ އަށް ކޯޗު ސެގާޓް ކެޕްޓަން ބޭންޑް ދިނުމަށް ފަހު ކުއްލި ގޮތަކަށް ނެގުމުންނެވެ.
ދެކުނު އޭޝިއާގައި ހުރި އެންމެ މޮޅު ކުޅުންތެރިއާ އަށް ގައުމީ ޓީމުން ފުރުސަތު ހައްގު ކަމަށް ސަނާހް ނަމަކަށް ކިޔާ ޒުވާނަކު ދެކޭއިރު، އަހުމަދު ނިޝާތު ބުނި ގޮތުގައި ދަގަނޑޭ ނުނަގާ ނަގަން ޖެހޭ ވަރުގެ ކުޅުންތެރިއެއް އަދިވެސް ނެތް ކަމަށެވެ.
ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަދި ދަގަނޑޭގެ އެންމެ ކާމިޔާބު ސީޒަނުގައި ނިއު ރޭޑިއަންޓުގެ ޗެއާމަންކަން ކުރެއްވި އަލީ ވަހީދު (ބަލަކް) ވިދާޅުވި ގޮތުގައި ފުޓްބޯޅައިގައި އާ ޖީލެއް އުފައްދާނީ، އަދުގެ ޖީލު ބާކީކޮށްފައި ނޫން ކަމަށެވެ.
"އަލީ އަޝްފާގަކީ މިވަގުތު ވެސް އަދި ދިވެހި ތާރީހުގައި ވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ. ގައުމީ ޓީމަށް އެ ކުޅުންތެރިން ކޮށްދިން އަގުވަޒަން ކުރާނީ މިގޮތަކަށް ނޫން. އަޝްފާގް ނަގަން ޖެހޭ،" ބަލަކް ޓްވީޓްކުރެއްވި އެވެ.
ދަގަނޑޭ އަށް ފުރުސަތު ގެއްލުމުން ސަޕޯޓަރަކު ފޭސްބުކަށް ދޫކޮށްލި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބީގެ އެއް ހިއްސާދާރު މާޔޫސްކޮށްލުމަށް ފަހު ޖަހަން މިއުޅެނީ ކޮން ސަކަރާތެއްތޯ ސުވާލުކުރަން ޖެހިއްޖެ ކަމަށެވެ.
"އަހަރެމެންނަށްޓަކައި ދަގަނޑޭ ކުޅެދީފައިވާ މެޗުތައް ބިދޭސީ ކޯޗަކަށް ނޭގިދާނެ އެވެ. އަހަރެމެންނަށްޓަކައި އޭނާވީ ގުރުބާނީ ޔޫރަޕް މީހަކަށް ނުފެނިދާނެ އެވެ. އަހަރެމެންނާ މެދު ލޯބި އުފެއްދުމަށް އޭނާވީ ހިއްސާ އެހެން މީހަކަށް ނޭގިދާނެ އެވެ،"
އެކަމަކު ސަރަހައްދުގެ ކޮންމެ ކޯޗަކަށް ކޮންމެ ކުޅުންތެރިއަކަށް، ކޮންމެ ކްލަބަކަށް އެއީ ކާކުކަން އެނގޭނެ ކަމަށާއި ދިވެހިންގެ ހިތްތަކާ އައްތަކާ އެ ކުޅުންތެރިއާ ގުޅިފައިވަނީ ކިހާ ވަރަކަށްކަން ދިވެހިންނަށް އެނގޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
"މިއަދު އަހަރެން ލަދުގެންފި އެވެ. މާޔޫސްވެއްޖެ އެވެ. އިއްޔެ އަނގަމަތި ފަޅައިގެން ދަލައި ލޭ އޮހޮރުވައިގެން ވީ ގުރުބާނީގެ ބަދަލު ދިން ގޮތުންނެވެ. އިއްޔެ ދަގަނޑޭ ކުޅުނީ އަހަރެމެންނަށްޓަކަ އެވެ. މިއަދު ދަގަނޑޭ އެ ފުރުސަތަށް އެދުމުން އެކަންކޮށް ނުދެވެންވީ ސަބަބެއް ނެތެވެ."
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެންމެ ބޮޑު ހިއްސާއެއްވި އެއް ކުޅުންތެރިއަކީ ދަގަނޑޭ އެވެ. މޫނުމަތި ފަޅައިގެން ގޮސް ވޭން އަޅަމުން ދިޔައިރު ވެސް އޭނާ ފައިނަލުގައި ގަދަގަދަ އިންޑިއާއާ ދެކޮޅަށް ކުރި ހިތްވަރާއި ކަކުލަށް ލިބުނު އަނިޔާއަކާ އެކު ވެސް ގައުމީ ޓީމަށް ކުޅެދިން މެޗުތައް ވަރަށް ގިނަ އެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ދަގަނޑޭ ކުޅެން ބޭނުންވެފައި ހުއްޓާ އޭނާގެ ފަހު މުބާރާތުން ފުރުސަތު ނުދިނުމުންނެވެ. ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް ދަގަނޑޭ މީޑިއާގައި ބުނި ބުނުމުން، އޭނާއާ އެކު ފަހުން ބޭއްވި ބައްދަލުވުމުގައި ބަދަލުނުކުރާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެކަމަކު ދަގަނޑޭ ވަނީ ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ބޭނުންވި ކަމަށާއި އެކަމަށް މަސައްކަތްކުރި ކަމަށް ބުނެފަ އެވެ. އެ ވާހަކަ މިހާތަނަށް އެފްއޭއެމުން ދޮގުކޮށްފައެއް ނުވެ އެވެ.
އުމުރުގެ ވާހަކަ ކޯޗު ސެގާޓް ދެއްކިއިރު ދަގަނޑޭއާ އެއް އުމުރެއްގެ އަދި ދާދި އެއް އުމުރެއްގެ ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. އަނެއް ކަމަކީ އުމުރުން 32 އަހަރުގެ ކުޅުންތެރިއަކަށް ފުރުސަތު ދިނަސް ޒުވާން ކުޅުންތެރިންގެ ޕްރޮޖެކްޓަކަށް ކުރާނެ އަސަރެއް ނެތެވެ. ކޯޗުގެ ހުރިހާ ވިސްނުމަކީ ޒުވާން ޓީމެއް ބިނާކުރުން ކަމަށްވާ ނަމަ 23 އަހަރުން ދަށުގެ ޓީމު ފޮނުވިދާނެ އެވެ. އެކަމަކު ސީނިއާ އަށެއްކަ ކުޅުންތެރިން ހިމެނޭތީ ތަށްޓަށް ވެސް ވާދަކުރަން ބޭނުންވާނެތީކަން ޔަގީނެވެ. އެހެންވީމާ އުމުރުން 32 އަހަރުގެ ކުޅުންތެރިއަކަށް އެ ފުރުސަތު ނުދެވެންވީ ސަބަބެއް ނެތެވެ. އަނެއްކާ ޒުވާން ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް ލިބޭ އޭޝިއަން ގޭމްސްގައި ރާއްޖޭން ބައިވެރިނުވުމުން ސެގާޓްގެ ނަޒަރުގައި ބޮޑުކަމަކަށްނުވީ އިރު، އޭނާގެ ޒުވާން ޕްރޮޖެކްޓުން ސީނިއާ ކުޅުންތެރިއަކަށް ފުރުސަތު ދޭން އެހާ ދެކޮޅީ ކީއްވެތޯ ސުވާލު އުފެދެ އެވެ. އެކަމުގައި އެހެން ފަރާތެއްގެ ނުފޫޒު އޮތީ ބާވަ އެވެ؟
ދަގަނޑޭ އަށް ފުރުސަތު ދޭން ޖެހޭ އަނެއް ސަބަބަކީ ކޮންމެހެން އޭނާ ދަގަނޑޭ އަށް ވުން އެކަންޏެއް ނޫނެވެ. މިވަގުތު ފޯވާޑުންގެ ދަތިކަން ޓީމަށް އޮވެ އަދި އޭނާ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ފޯވާޑަށް ވުމެވެ. މި އަހަރުގެ ސީޒަން ދެބައި ނުވަނީސް އޭނާ ވަނީ 25 ގޯލް ޖަހައިފަ އެވެ. ދެން ހިމެނޭ އަސަދުﷲ އަބްދުﷲ އަކީ ހުނަރުވެރި އަދި ތަޖުރިބާކާރު ފޯވާޑެއް ނަމަވެސް ދިގު މުއްދަތުގެ އަނިޔާއަކަށް އޭނާ ފޯމަކަށް ނޭޅެ އެވެ. ހުދު ކޯޗު ވެސް އެކަން ގަބޫލުކުރެ އެވެ. ދެން ތިބީ އެޓޭކިން މަގާމްތަކަށް ކުޅޭ ޒުވާން ކުޅުންތެރިންނެވެ. ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އަދި އެންމެ ތަޖުރިބާ ބޮޑު ކުޅުންތެރިއާ އެވެ. އެހެންވީމާ އެންމެ ފޯމުގައި ހުރި ފޯވާޑް ނުލާ ބޮޑު މުބާރަތަކަށް، ގައުމީ ޓީމުގައި ނަމުގައި ދާނަމަ އެއީ ކޯޗުވާ އިހުމާލެކެވެ. އޭނާ ޖަވާބުދާރީވާން ޖެހެ އެވެ.
އިންޑިއާ ވެސް މުބާރާތަށް ދަނީ އެ ޓީމުގެ އެންމެ މުހިއްމު ފޯވާޑް ސުނިލް ޗެތުރީ ނުލާ ކަމަށް ބުނެ ޖަވާބުތައް އާދެ އެވެ. އިންޑިއާ އިން އެ ނިންމުން ނިންމި ސަބަބަކީ އޭޝިއަން ކަޕް އޮތުމެވެ. ޗެތުރީ ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން އެ މުބާރާތަށް ހިފަ އެވެ. ރާއްޖެ އަށް މި ވަގުތު އޮތް ހަމައެކަނި މުބާރާތަކީ ސާފް ޗެމްޕިއަންޝިޕެވެ. އެހެންވެ އެ މުބާރާތަށް ތަޖުރިބާކާރު ކުޅުންތެރިންގެ އެހީ ބޭނުންވެ އެވެ.
ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީގެ ކުރީގެ ކޯޗު މުހައްމަދު ޝާހިދު (ޝާޑު) ބުނީ މިހާރު ދަގަނޑޭ ހުރި ފޯމް އިން އޭނާ ގައުމީ ޓީމުން ސްކޮޑަށް ނުނަގަންވީ ހަމަ އެއްވެސް ސަބަބެއް ނޭގޭ ކަމަށެވެ. ޒުވާން ކުޅުންތެރިންނަށް އޭނާގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކުރި އެވެ.
ބޯޅަ އެމްވީ އަށް ސަޕޯޓަރަކު ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެ ބައިބައިވެފައި އޮއްވާ އެއްބައިވަންތަކޮށްދިނީ ދަގަނޑޭ ކަމަށާއި ސާފް ޗެމްޕިއަންޝިޕުގައި ވިދާލަން ލިބޭ ފަހު ފުރުސަތު އޭނާގެ އަތުން އަތުލުމަކީ ލަދެއް ކަމަށެވެ.
"ކޯޗުންނާއި މެނޭޖަރުން އައިސް އައިސްފައި ދާނެ އެކަމަކު ދަގަނޑޭ އަބަދު ވެސް ވެގެންދާނީ ދިވެހި ފުޓްބޯޅައިގެ ނިޝާނަށް،" ލިޔެފައިވެ އެވެ.