02 އޯގަސްޓް 2018 - 12:33

ހަރާރޭ (އޮގަސްޓް 2) - ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓު އޮޅުވާލައިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިހްތިޖާޖަށް ނުކުތުމުން ސަލާމަތީ ފަރާތްތަކާ އެކު ބޮޑު ކުރިމަތިލުމެއް ހިންގައިފި އެވެ.

ޒިމްބާބުވޭގެ ރަސްމީ ޓީވީ ޒެޑްބީސީން ބުނީ ވެރިރަށް ހަރާރޭގެ ހަމަނުޖެހުންތަކުގައި ތިން މީހުން މަރުވެފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަން، މޫވްމަންޓް ފޯ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އިން ދަނީ ވެރިކަން ކުރާ ޒާނޫ-ޕީއެފް އިން ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

"މިއަދު ފެނިގެން އެ ދިޔައީ ސިފައިން ނެރެ އެއްވެސް ސަބަބެއް ނެތި އާއްމުންނާ ދެކޮޅަށް ލައިވް ވަޒަން ބޭނުންކުރި ތަން،" އެމްޑީސީގެ ތަރުޖަމާން އެންކުލެކޯ ސިބާންދާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ހަމަނުޖެހުމުގެ ޒިންމާ ރައީސް އެމާސަން ނަންގަގްވާ އަޅުވާފައި ވަނީ އެމްޑީސީގެ ބޮލުގަ އެވެ.
ހަމަނުޖެހުން ފެށުނީ ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ހޯދީ ޒާނޫ-ޕީއެފް އިން ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމާ ގުޅިގެންނެވެ. އިހްތިޖާޖަށް ނުކުތް ޒުވާނުންނަށް އަމާޒުކޮށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. ހަމަނުޖެހުމަށް ނުކުތް މީހުން ވަނީ ވޯޓު ގުނާ މަރުކަޒަށް ގާ އުކައިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އަދިވެސް އިއުލާން ކޮށްފައެއް ނުވެ އެވެ. އިންތިޚާބުގެ ނަތީޖާ ލަސްވެގެން ހޮނހިރު ދުވަހު އިއުލާން ކުރަން ޖެހެ އެވެ. ޒިމްބާބުވޭގައި 37 އަހަރު ވެރިކަން ކުރެއްވި ރޮބަޓް މުގާބޭގެ ވެރިކަމަށް ފަހު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި 23 ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ.
އަނެއްކޮޅުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން ވަނީ އިންތިޚާބަށް ފާޑު ކިޔައިފަ އެވެ. އީޔޫ އިން ބުނެފައި ވަނީ ޒިމްބާބުވޭގެ އިންތިޚާބުގައި ހަމަހަމަ ފުރުސަތު ކެންޑިޑޭޓުންނަށް ލިބިފައި ނުވާ ކަމަށާއި ވޯޓުލާ މީހުންނަށް ބިރު ދައްކާފައިވާ ކަމަށެވެ.