02 އޯގަސްޓް 2018 - 11:25

ތެލް އަވީވް (އޮގަސްޓް 2) - ރަތް ކަނޑުގެ ދެކުނުން ވަދެ ނުކުމެވެން އޮންނަ ބާބުލް މަންދަބް ކަނޑުއޮޅި އީރާނުން ބަންދުކޮށްފި ނަމަ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގައި އިޒްރޭލުން ވެސް ބައިވެރިވާނެ ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.
އިޒްރޭލުގެ ކަނޑުގެ ސިފައިންގެ ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އަރޭބިއަން ޕެނިންސުލާގައި ޔަމަނާއި ޖިބޫތީ އަދި އެރިތުރިއާއާ ދެމެދު އޮންނަ ބޮޑު ކަނޑުއޮޅި ބަންދުކުރަން އުޅޭ ނަމަ އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާ ބައިނަލްއަގުވާމީ ކޯލިޝަނުގައި އިޒްރޭލް ވެސް ހިމެނޭނެ،" ނަތަންޔާހޫ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ޝިޕިން ލޭންގައި މިދިޔަ މަހު 26 ވަނަ ދުވަހު ވަނީ ސައުދީ ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހަމަލާދީފަ އެވެ. އެ ހަމަލާ އަށް ފަހު ސައުދީން ވަނީ ރަތް ކަނޑުގައި ވަގުތީ ގޮތުން ތެލުގެ ޝިޕްމަންޓްތައް ހުއްޓާލައިފަ އެވެ. ހޫތީން އިއްޔެ ވަނީ ރަތް ކަނޑުގައި އެ މީހުންގެ އޮޕަރޭޝަން ދެ ހަފުތާއަށް ހުއްޓާލިކަން އިއުލާންކޮށްފަ އެވެ.
"ހަފުތާ ފެށުނު އިރު ފެނިގެން އެ ދިޔައީ އީރާނާ ގުޅުން އޮންނަ ބަޔަކު ރަތް ކަނޑުގެ ޝިޕިން ހުއްޓުވަން މަސައްކަތް ކުރިތަން،" ނަތަންޔާހޫ ވިދާޅުވި އެވެ.
އީރާނުގެ އެންމެ ބޮޑު ދުޝްމަން ގައުމު ކަމަށްވާ އިޒްރޭލުން މީގެ ކުރިން ވެސް ވަނީ މި ބާވަތުގެ އިންޒާރުތައް ދީފަ އެވެ.