02 އޯގަސްޓް 2018 - 09:15

ނިޔޯން، ސްވިޒަލެންޑް (އޮގަސްޓް 2) – ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ރެފްރީ އިޓަލީގެ ޕިއަރްލުއިޖީ ކޮލީނާ ޔުއެފާގެ ޗީފް ރެފްރީން އޮފިސަރުގެ މަގާމުން އިސްތިއުފާދީފި އެވެ.
ޔުއެފާ އިން ބުނީ އަށް އަހަރަށް ފަހު ކޮލީނާ އެ މަގާމް ދޫކޮށްލީ އަމިއްލަ ސަބަބުތަކަށްޓަކަ އެވެ. ޔޫރަޕުގެ މައި ފުޓްބޯޅަ އިދާރާއިން ބުނީ އެ މުއްދަތުގެ ތެރޭގައި ކޮލީނާ ވަނީ ރެފްރީންގެ މަސައްކަތަށް ވަރަށް ގިނަ ކުރިއެރުން ހޯދައިދީފައިވާ ކަމަށާއި ސެންޓާ އޮފް ރެފްރީން އެކްސެލެސެން އުފެއްދުމަކީ އޭގެ އެއް މަސައްކަތް ކަމަށެވެ.
އުމުރުން 58 އަހަރުގެ ކޮލީނާ އަކީ ގިނަ ބަޔެއްގެ ނަޒަރުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ރެފްރީ އެވެ. އޭނާ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗާއި 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް އިންސާފުކޮށްފަ އެވެ.
އެކަމަކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސްޕެއިނުގެ ރެއާލް މެޑްރިޑް އަތުން ފަހު ވަގުތު އިޓަލީގެ ޔުވެންޓަސް ބަލިވި މެޗުގައި މެޑްރިޑަށް އިނގިރޭސި ރެފްރީ ދިން ޕެނަލްޓީގެ ސަބަބުން ކޮލީނާ އަށް ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވި އެވެ. އެގޮތުން ކޮލީނާ އޭނާގެ އުފަން ގައުމުގެ ޓީމުތަކަށް ފައިދާކޮށްދީފާނެ ކަމަށް ބަޔަކު ބުނެފާނެތީ އޭނާ ގަސްދުގައި އިޓަލީއާ ދެކޮޅު ރެފްރީން އަރުވާކަމަށް ތުހުމަތުތަކެއްކުރި އެވެ.
ކޮލީނާގެ ބަދަލުގައި އެ މަގާމާ ހަވާލުވާނީ އިޓަލީގެ ރޮބާޓޯ ރޮސެއްޓީ އެވެ. އޭނާ އަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ މަސައްލަތް ވިލަރެސްކުރި ފަރާތެވެ. ބައިނަލްއަގްވާމީ ރެފްރީއަކަށް 2002 އިން 2010 އަށް ހަރަކާތްތެރިވި ރޮސެއްޓީ ވަނީ 2008 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލް މެޗުގެ ރެފްރީކަންކޮށްފަ އެވެ.