02 އޯގަސްޓް 2018 - 09:39

ލަންޑަން (އޮގަސްޓް 2) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2030 ވަނަ އަހަރު އިންގްލެންޑުގައި ބާއްވަން ބިޑްކުރާނެ ކަމަށް އިނގިރޭސި އެފްއޭ އިން ބުނެފި އެވެ.
އިންގްލެންޑަކީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބިޑްކުރާނެ ތިން ވަނަ ފަރާތެވެ. އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭ އިން ޖޮއިންޓް ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައިވާއިރު، މޮރޮކޯ އާއި ޓިއުނީޝިއާ އިން ވެސް ބިޑްކުރަން ވަނީ ނިންމައިފަ އެވެ.
ވޯލްޑް ކަޕެއް އެންމެ ފަހުން އިންގްލެންޑުގައި ބޭއްވީ 1966 ވަނަ އަހަރު އެވެ. އެއީ އެ ޓީމަށް ހަމައެކަނި ވޯލްްޑް ކަޕް ތަށި އުފުލާލެވުނު ފަހަރެވެ. އަދި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އިންގްލެންޑުގައި ބޭއްވިއްޖެނަމަ އެ މުބާރާތް ވެގެންދާނީ 34 އަހަރު ތެރޭގައި އިންގްލެންޑުގައި ބޭއްވޭ ބައިނަލްއަގްވާމީ ބޮޑު ފުރަތަމަ މުބާރާތަށެވެ.
އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ކްލާކް ވިދާޅުވީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ޔޫރަޕްގެ ކެނޑިޑޭޓަކަށް އިންގްލެންޑް ހެދުމުގެ ގޮތުން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާއާ އެކު ވެސް މަޝްވަރާކުރާނެ ކަމަށެވެ.
"މަޝްވަރާތައް އަންނަ އަހަރު ފަށާނަން. މި ކަމުގައި މުޅި ޔޫރަޕްގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރަން." ގްރެގް ވިދާޅުވި އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ވަނީ 2030 ގެ ވޯލްޑް ކަޕަށް އެހެން ގައުމުތަކުން ތައްޔާރުވަނީ ޖޮއިންޓް ބިޑަކާ އެކު ކަމަށްވާއިރު، އިންގްލެންޑުން ވެސް އެގޮތަށް ވިސްނުން ރަނގަޅު ކަމަށެވެ. އެ ގޮތުން އިންގްލެންޑާއި ސްކޮޓްލެންޑް އަދި ވޭލްސްގެ ޖޮއިންޓް ބިޑަކަށް ދިއުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ބުނެ ހިޔާލުފާޅުކޮށްފަ އެވެ.
އެ ހިޔާލުތަކާ ގުޅިގެން އިނގިރޭސި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން އިނގިރޭސި ސަރުކާރުން ޖޮއިންޓް ވޯލްޑް ކަޕް ބިޑަކަށް ސަޕޯޓްދޭނީ އެ ބިޑް ލީޑުކުރުމުގެ ބާރު އިންގްލެންޑް އަތުގައި އޮންނަ ގޮތަށް ކަމަށެވެ.
ރަޝިއާގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އިންގްލެންޑް ދިޔައީ ހަތަރު ވަނަ އެވެ. މިއީ 1990 ވަނަ އަހަރަށް ފަހު އިންގްލެންޑަށް ވޯލްޑް ކަޕްގެ މި ހިސާބަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ. އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް މި ފަހަރުގެ ވޯލްޑް ކަޕްގައި ކުރި މަސައްކަތް ބަލައިގަނެ އިނގިރޭސި އެފްއޭ އިން އަންނަނީ އޭނާ އަށް ދީފައިވާ އެއްބަސްވުން އާ ކުރަން ނިންމައިފަ އެވެ.