03 އޯގަސްޓް 2016 - 06:25

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
"މަނާރަތު!" ކުޑަ ކުއްޖަކު ގޮވައިލި އަޑު އަހަންނަށް އިވުނު ކަހަލައެވެ.
މަނާރަތު އޮތީ ނިދާފައެވެ. ފަހަކަށް އައިސް ކުރުސި ކިޔަންދެން މަނާރަތު މަޑަކުން ނޯވެއެވެ. އުޅޭނީ ތެދުވެގެން ކޮންމެވެސް ކަމެއް ކުރަން ދާށެވެ. ވަރަށް ފަސޭހައިން ޝަހާދަތް ކިޔައެވެ. އަހަރެން ހަދާގޮތަކީ މަރާނަތު ގައިގައި ބައްދައިލަނީއެވެ. ނުދެވޭ ވަރަށް ހިފަހައްޓައިލައިފައި ކުރުސި ކިޔަނީއެވެ. އެ ގޮތަށް ވިޔަސް، ކުރުސި ނުކިޔައެއް ދަރިފުޅު ނުނިންދަވަމެވެ. އެކަމަކު އެ ރޭ ކުރުސި ކިޔަން އަހަރެން ހަނދާން ނެތުނީއެވެ. ދަރިފުޅާ އެކުގައި އޮށޯވެގެން އޮއްވައި އަހަންނަށް ވެސް ނިދުނީއެވެ. މަނާރަތަށް ގޮވާ އަޑު އައިހެން ހީވީ ވަރަށް ދުރުންނެވެ. އެހާ ދުރުން އިވުނު އަޑަކަށް އަހަރެން ސިއްސައިގެންދިޔައީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އެއީ ވެސް އަހަރެންގެ ޝައްކުބަލިބާއެވެ؟ ވަރަށް ވިސްނައިގެން އަޑުއަހަން އޮތީމެވެ. ކުއްލިއަކަށް މަނާރަތު ތެދުވިއެވެ. އޭނަ އެ ކުރާ ގޮތަށް ނަމާދުކުރަން ފެށިއެވެ. ސަޖިދައަށް ގޮސްފައި އެނދުގައި އިށީނދެލިއެވެ. މަޑުމަޑުން ގުނަން ފެށިއެވެ. އަހަރެންގެ އަތް ނަގައިގެން އަތުގެ އިނގިލިތަކުން، އިނގެރޭސިބަހުންނެވެ. އަހަރެން އަތް ފޮރުވީމެވެ. އެ ހިސާބުން، އަމިއްލަ އަތުން މަނާރަތު ގުނަން ފެށިއެވެ. ހީނގަތެވެ. އެއީ، "ކޮއްކޮ" އަންނަ ރޭރޭގެ ފެށުމެވެ. އެ ހުރިހައި ސަކަރާތެއް މަނާރަތު ޖަހައިފިއްޔާ އެ ރޭ ނިދާނީ ފަތިސްނަމާދަށް ބަންގި ގޮވާ ވަގުތުއެވެ. އަހަރެން ފޯނުން ޔާސީން ސޫރަތް ޖަހަން ފެށީމެވެ. ކުރިން ޖަހަނީ ބަޤަރާ ސޫރަތެވެ. އެ ގޮތް ރަނގަޅުވާނެކަމަށް މީހަކު ބުނީމައެވެ. އެހެން މީހަކު ބުނި ގޮތުގައި، ރުޤްޔާ ކިޔަވާއިރު ވެސް ބަޤަރާ ސޫރަތުގެ އާޔަތްތަކެއް ކިޔައެވެ. ޖިންނި ގެނައުމަށްޓަކައެވެ. ބަޤަރާ ސޫރަތް އެއްކޮށް ޖަހަން އުޅެންޏާ، އެ ޖަހާ އެއްޗެއް ހުއްޓި ސޫރަތުގެ އަޑު ކެނޑެނީ އެހެންވެކަމަށް ވެއެވެ. ފޯނުވިޔަސް ކޮންޕިއުޓަރުން ވިޔަސް ވެހެވެ. އެއީ ވެސް ތެދެކެވެ. އަހަރެން ކިތަންމެ ފަހަރަކު އެ ކަން ތަޖުރިބާ ކޮށްފީމެވެ. އެ ފަދަ އެހެން ރޭތައް ފަދައިން، އެ ރޭ ވެސް މަނާރަތު އުޅުނީ އެނދުން ފައިބާށެވެ. އެ ކަން ކުރިޔަ ނުދިނުމުން އެނދުމައްޗަށް ކޮޅަށް އެރިއެވެ. އޭނަ ބަލާ ކަނާދިމާއަށް، މައްޗަށް ބަލައިލިއެވެ.
"އުރާ!" އަތްތިލަބަޑި ޖަހައިލައިފައި، ކަނާ ދިމާއަށް ދެ އަތް ދިއްކޮށްލައިފައި މަނާރަތު ބުނެލިއެވެ. "އުރާ! އުރާ!"
އަހަރެންގެ ގަޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ގަތް ބިރުން ހަދާނެ ގޮތެއް ނޭނގި އިރުކޮޅަކު އޮވެވުނެވެ. އަހަންނަށް އެނގެއެވެ. މަނާރަތު ވާހަކަދެއްކީ ފާރަކާ ނޫނެވެ. އޭނަގެ ރައްޓެއްސަކު އެ ތަނުގައި ހުރީއެވެ. އަހަންނަށް ނުފެންނަނީއެވެ.
"ހިނގާ އަވަހަށް ނިދަމާ!" ބިރުގަތްކަން ނާންގަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. "މަންމަ ވާހަކައެއް ކިޔައިދެންތަ؟"
އަހަރެން އެހެން ބުނި ނަމަވެސް، މަޑުމަޑުން ކުރުސި ކިއީމެވެ. މަނާރަތު ގަދަހެދީ ތެދުވާށެވެ. އިރުއިރުކޮޅާ ކަނަށް ބަލާގޮތުން ހީވަނީ އޭނައަށް ގޮވާހެންނެވެ. ގޮވީމައި އެ އަޑަށް ބަލާހެންނެވެ.
"ޔެލޯ!" ކަނަށް ބައިލައިފައި މަނާރަތު ބުނެލިއެވެ. "ޔެލޯ!"
ލަފުޒުތައް ވަކިން ކިޔާތީ މަނާރަތު ބުނަން އުޅެނީ ކީކޭކަމެއް އަހަންނަކަށް ނުވިސްނުނެވެ. ރީނދޫ ކުލައިގެ އެއްވެސް އެއްޗެއް ކޮޓަރިއަކު ނެތެވެ.
"ބަލާބަލަ މިއޮއް ތިއްތި ސާކަލްއެއް،" އޮޅުވައިލަން އަހަރެން މަސައްކަތް ކުރީމެވެ. "މީ ސާކަލްއެއްތަ؟ ނޫނީ ގެއެއްތަ؟"
އަހަރެން ދެއްކީ އެނދުގައި އޮތް ފަލަނގުފޭއްޔެވެ. އޭގައި ހުރި ކުރެހުންތަކެވެ. މަނާރަތު އެއަކަށް ނުބެލިއެވެ. ކޮޅަށް ތެދުވެ ހުރީއެވެ.
"އުރާ!" އަހަންނަށް ބަލައިލައިފައި މަނާރަތު ބުންޏެވެ. "އުރާ!"
ގާތުގައި ހުންނަ މީހެއް ގާތުގައި އުރާކަށް މަނާރަތު ނުބުނާނެއެވެ. އެ ގޮތަށް ބުނާނީ ދުރުގައި ހުންނަ މީހަކަށެވެ. މަނާރަތު އުރައިލައިގެން އަހަރެން ތެދުވީމެވެ. ކިތަންމެ ބިރުގެންފައި ހުއްޓަސް ކޮޓަރިން ނުކުތީމެވެ. މައިދައިތަގެ ކޮޓަރީގެ ރަނގަބީލު ޖެހީމެވެ.
"ކޮއްކޯ!" މަޑުމަޑުން މަނާރަތު ބުނެލި އަޑު އިވުނެވެ.
އަހަރެން ފަހަތެއް ނުބަލަމެވެ. މައިދައިތަ ދޮރު ހުޅުވިއެވެ.
"ކޮއްކޮގެ ކަންތައް މި ރޭ މާ ބޮޑުވެގެން މި އުޅެނީ،" އަހަރެން ބުނީމެވެ. "މަންމަ ހިނގާބަލަ!"
މައިދައިތަޔާ އެކުގައި ގޮސް ކޮޓަރިއަށް ވަނީމެވެ. ހޮޅިބުރި ދިއްލީމެވެ.
"ކޮބައިތަ ކޮއްކޮ؟" މައިދައިތަ އެހިއެވެ. އަދި ބުންޏެވެ. "ތި މަންޖެ އެނދުގައި ބާއްވަބަލަ!"
މަނާރަތު ބޭއްވުމުން މައިދައިތަ އައިސް އެ ކިއި އެއްޗެއް ކިއިއެވެ. އަހަންނަށް އަޑު ނީވޭ ވަރަށެވެ. މަނާރަތުގެ މޫނަށް ފުމުނެވެ. ފުމެން ފަށާއިރަށް މަނާރަތު ވަށައިގެން ކަޅި އަނބުރަން ފެށިއެވެ. އެ ހިސާބުން މައިދައިތަ ވެސް ކުޑަކޮށް ބިރުގަތެވެ.
"ހިނގާ މަންމަގެ ކޮޓަރިއަށް." މައިދައިތަ އެދުނެވެ.
މައިދައިތަގެ ކޮޓަރިއަށް ވަނުމާއެކު މަނާރަތު ހަމަޔަކަށް އެޅުނެވެ. އޭގެ މާނައެއް އަހަރުމެންނަކަށް ނުވިސްނުނެވެ. އެ ރޭ މަނާރަތު ބޭއްވީ މައިދައިތަ ކޮޓަރީގައެވެ. އެ ދަންވަރު ފަޔާޒަށް ގުޅައިގެން މަޝްވަރާ ކުރީމެވެ. ފަންޑިތަހަދާކަށް ފަޔާޒް އެއްބަހެއް ނުވިއެވެ. އަހަރެން ވެސް އެ ގޮތް ބޭނުމެއް ނޫނެވެ. މައިދައިތަގެ ވިސްނުން ކުޑަކޮށް ތަފާތުވިއެވެ.
"ވާ ގޮތް އެބަ ބަލަންޖެހެއެއްނު،" މައިދައިތަ ކަންބޮޑުވެފައި ބުންޏެވެ. "މިހާރު އެބަ އެނގޭތާ ތި ކޮޓަރީގަ ކޮންމެވެސް މައްސަލައެއް އެބަ އުޅޭކަން. މަނާރަތަށް ފަންޑިތަ ހެދުމާ މަ ވެސް ދެކޮޅޭ. އެކަމަކު، މީހަކު ގެނެސް ބަލައިލެވިދާނެއްނު ކިހިނެއްތޯ ވެގެން މި އުޅެނީ؟ އަޅާނުލައި ތިއްބާ ދެން ވާނީ ކިހިނެއްކަމެއް ވެސް ނޭނގޭ. މަ ބޭނުމެއް ނޫން ބިރުގަންނަވާކަށް، އެކަމަކު ތި ކޮއްކޮއަކާ އެކީގަ މަނާރަތު ހިނގައްޖެއްޔާޔޯ؟"
"ތިހެން ނުކިޔާ މަންމާ!" އަހަންނަށް ބުނެވުނެވެ.
އެ ފަދަ ވާހަކަތަކެއް އަހަރެން އަޑުއެހީމެވެ. ކޮންމެވެސް ރަށަކުން ކުއްޖަކު ގެއްލިފައި ފެނުނީ ކަށިކެޔޮގަސްތަކެއްގެ ތެރެއިންނެވެ. އެހެން ކުއްޖަކު ގެއްލިފައި ނުވެސް ފެނުނެވެ. އަހަންނަށް ރަނގަޅީ އެއީ ހުސް ފުލޯކު ވާހަކައަށް ވިއްޔާއެވެ. އަހަރެން ބިރުގެންފިކަން އެނގުމުން މައިދައިތަ އިތުރަށް ހިތްވަރުދިނެވެ. އަމިއްލަ ދަރިއެއްހެން އަހަރެންނަށް ވިސްނައިދިނެވެ. އަހަރެން ވަރަށް ކުޑައިރު އަހަންނަށް ސިހުރުގެ ކަމެއް ޖެހުނެވެ. އެ ކަމުން ސަލާމަތްވީ ކިޔަވައި، ފެންއަޅައިގެންނެވެ. މައިދައިތައަށް އެ ކަން އެނގޭނެއެވެ. މައިދައިތަ ލަފާކުރާ ގޮތުގައި، މަނާރަތަށް ދިމާވި ކަންތަކާއި އަހަންނަށް ދިމާވި ކަންތަކުގައި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.
"އަހަރުމެން ދެމައިން ބޭނުން ނުވިޔަސް ވާން ހުރި ކަމެއް ވާނެ،" މައިދައިތަ ބުންޏެވެ. "ޒުބޭރު ގާތުގަ ބުނަނިކޮށް އޭނަ ބަލައިދީފާނެ ވެގެން ތި އުޅޭ ގޮތެއް. އޭނަ ނަހަދާނެ ފަންޑިތައެއް. ކޮންމެވެސް އެހެން ނަމެއް ކިޔާ ކަމެއް އޭނަ ކުރާނީ. މަންމަ ބަލައިލަންތަ؟ ނެތެއްނު ނުބަލާ ވާކަށް."
އަހަރެން އެއްބަސްވީމެވެ. ފަޔާޒް ވެސް އެއްބަސް ކުރުވީމެވެ. ނަސީބަކުން ޒުބޭރު ހުރީ މާލޭގައެވެ. މައިދައިތަ ގުޅުމުން، ވަރަށް ފަސޭހައިން އަންނަން އެއްބަސްވިއެވެ. ބޭނުންވި ހުރިހާ މަޢުލޫމާތެއް މައިދައިތަ ދިނެވެ. ޒުބޭރު ގެއަށް އަންނާނެ ދުވަހާއި ގަޑި ވެސް ކަނޑައެޅިއެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ކަމަކާ ހެދި ކެންސަލުވަމުންދިޔައެވެ. އެހެން އުޅެމުން ގޮސް ޒުބޭރަށް އާދެވުނީ ވަރަށް ވިއްސާރަ ރެއަކުއެވެ. ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. އޭނަ އައުމުގެ ކުރިން ދެ ފަހަރު ކަރަންޓު ދިޔައެވެ. ގެއަކު އިމަޖެންސީ ލައިޓެއް ނެތެވެ. އަހަރުމެން ބެހެއްޓީ އުއްބައްތި ތައްޔާރުކޮށްފައެވެ. ޓެކްސީއެއް ނުލިބިގެން އުޅެއުޅެފައި ޒުބޭރަށް އާދެވުނުއިރު ރޭގަޑު ދިހަގަޑި ބައިވެ ބޮޑުވެއްޖެއެވެ. މަނާރަތު އޮތީ ނިދާފައެވެ.
"ދެމައިން ތިއްބާތަ ހުރިހާ ވާހަކައެއް ދައްކަންވީ؟" ޒުބޭރު އެހިއެވެ.
މައިދައިތަ އުޅުނީ އެ ތަނުން ދާށެވެ. އަހަރެން ދެކޮޅުހެދީމެވެ. މައިދައިތައަށް ސިއްރުކުރަންޖެހޭ ވަރުގެ ކަމެއް އަހަރެންގެ ނޯންނާނެއެވެ. ކިޔައިނުދެވޭ ކަމެއް އޮންނާނެހެނެއް ވެސް އަހަންނަކަށް ހިއެއްނުވެއެވެ.
"އެއްވެސް އިރެއްގަ ދަރިފުޅުގެ ބަނޑުގަ އާދަޔާޚިލާފު އެއްޗެއް އޮތްތަ؟" ޒުބޭރު ސުވާލުކުރިއެވެ.
މައިދައިތައަށް އަހަރެން ބަލައިލީމެވެ. އެ ސުވާލުގެ ޖަވާބުދިނީ ވެސް މައިދައިތައެވެ.
"އާނ އޮތް،" މައިދައިތަ ބުންޏެވެ. "ގާތްގަނޑަކަށް އެއް ކިލޯގެ ޓިއުމަރެއް. އޮޕަރޭޝަން ކޮށްގެން ނެގީ. ބޯވައެއް ކަހަލަ ގޮތަކަށް އޮތީ."
"އެހެނޭ އޮންނާނީ،" ޒުބޭރު ބުންޏެވެ. އަދި އަހަންނާ ސުވާލުކުރިއެވެ. "މާބަނޑުއިރު، ރޭގަނޑު މޫދު ކައިރިއަށް ގޮސް އުޅުނިން ތަ؟ ރޭގަނޑެއް ވެސް ނޫން. ދަންވަރު."
ފަންޑިތަވެރިން އެހާ ކުޅަދާނަވާނެކަމަކަށް އަހަރެން ހިއެއްނުކުރަމެވެ. އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހައިލީމެވެ. އެ ހިސާބުން މައިދައިތަ ބޭނުންވީ އަހަރެން އެ ތަނުން ފޮނުވައިލާށެވެ. އަހަރެން އިންކާރު ކުރީމެވެ. ޒުބޭރުގެ ކުޅަދާނަކަން އެނގުމުން، އޭނަގެ ދުލުން ނޫނީ އެ ވާހަކަތައް އަހާކަށް ބޭނުމެއް ނުވިއެވެ.
"ޖިންނިން އުޅޭނެ ބިންމަތީގަ، ވައިގެ ތެރޭގަ، ކަނޑުގަ،" ޒުބޭރު ކަރުކެހިލައިފައި ބުންޏެވެ. "އެއީ އިންސާނުންނަށް ނުކުރެވޭ އެތައް ކަމެއް ކުރާ، މާ ގިނަ ދުވަހު ދުނިޔޭގަ ތިބޭ، އަދަދުގެ ގޮތުން އެތައް ހާސް ގުނައެއް ގިނަ ބަޔެއް. މާބަނޑު ދުވަސްވަރު، މޫދު ކައިރިއަށް ގޮސް އުޅުނުއިރު ވީ ކަންތައްތައް ކިޔައިދީބަލަ. ކީއްކުރަން އެހާ ގިނައިން މޫދު ކައިރިއަށް ދިޔައީ؟"
އަހަރެން ހިތަށްއެރިއެވެ. ހުރިހާ އެއްޗެއް އެނގުނުއިރު، އެ ސުވާލުގެ ޖަވާބު ޒުބޭރަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟
"ބަނޑުބޮޑުއިރު ވަރަށް ގިނައިން ދަތުރުދަން. ދިޔައިން ރިސޯޓަކަށް ވެސް،" އަހަރެން ކިޔައިދިނީ މައިދައިތައަށް ކުރިން ކިޔައިދީފައިވާ ވާހަކަތަކެކެވެ. "މިހާރު ހަނދާނެއް ނެތް ރަށުގެ ނަމެއް. ވަރަށް އެހެން ކަހަލަ ގޮތަކަށް އޮންނަ ރަށެއް އެއީ. ހަނީމޫން ކަޕްލްސްއަށް އެ ތަން ހަދާފަ އޮންނަނީ. ފާޚާނައިގެ އެއްބައި އޮންނަނީ މަތި ހިޔާނުކޮށް. އެ ތަނުގައި އޮންނަނީ މާގަސް އިންދާފަ. ދިޔަ ދުވަހު ހަވީރު މޫދަށްއެރިގެން އުޅެނިކޮށް ގަޔާ ދިމާއަށް މަޑިއެއް އަންނަ ތަން ފެނިގެން އަހަރެން މޫދުން އެރީ. ފަޔާޒަކަށް އެ މަޑިއެއް ނުފެނޭ. ހެނދުނު ސައި ފެށެނީ ހައެއް ޖަހާއިރު. އަހަންނަށް ހޭލެވުނުއިރު ހެނދުނު ހައެއް ޖަހައިފި. ފަޔާޒަށް ނުގޮވާ އަހަރެން ވަނީ ފާޚާނާއަށް. ވަންއިރު ވަރަށް، ވަރަށް އަނދިރި. އަހަރެން ހިތަށްއެރީ ހާދަހާ ވިއްސާރަވީމައޭ މިހާ އަނދިރިވާނީ."
ނުނިމޭ