02 އޯގަސްޓް 2018 - 08:18

ސޯޝަލް މީޑިއާގައި ދިވެހިން މި ވަގުތު އެންމެ ބޮޑަށް ޖެހިފައި ތިބީ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަމުގެ އަވައިގައި ކަމަށް ވެދާނެ އެވެ. އެކަމަކު މިއަދު ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަނެއް ކަމަކީ، އުމުރުން ދުވަސްވީ ފިރިހެނަކަށް މާލޭގެ މަގުމަތީގައި ޖެހުނު ދަތި ހާލެއްގެ މަންޒަރެވެ.
ހަދަމުންދާ އިމާރާތްތަކުން ބޭރުކުރާ ފެން މޫދަށް ފޮނުވަން މާލޭގެ މަގުމައްޗާއި ދުވާރުތައް މަތީގައި މި ފަހަކަށް އައިސް އަޅައިފައި ހުންނަ ބޮޑެތި ހޮޅިތަކުގެ އުނދަގޫ އެ މީހާ އަށް ތަހައްމަލް ކުރަން ޖެހުމަކީ ސޯޝަލް މީޑިއާގައި ކޮމެންޓްކުރި އެތައް ބަޔަކަށް އަސަރުކުރުވި ކަމެކެވެ. އެ ތަން ފެންނަ ފޮޓޯއެއް ޓްވިޓާގައި ދައުރުވަމުންދާ އިރު ގިނަ ބަޔަކު ގެންދަނީ، ގިނަ ދުވަސްތަކެއް ވީ އިރު ވެސް ހައްލެއް ލިބިފައި ނެތް، ހޮޅިތަކުގެ މައްސަލަ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަސާގަނޑެއްގެ އެހީގައި ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހަކަށް މިފަދަ ބޮޑު ތަކުލީފެއް ޖެހުމަކީ ބަލައިނުގަނެވޭނެ ކަމެއް ކަން އެތައް ބަޔަކު ފާހަގަކުރެ އެވެ.
އެކަކު ޓްވީޓްކުރީ "މިއީ އަޅުގަނޑުމެންގެ އިސް ރަށްވެހިން އުޅެންވީ ގޮތެއް ނޫން" ކަމަށެވެ. އެހެން ބައެއް މީހުން ފާހަގަކުރި ގޮތުގައި އާއްމުކޮށް އެންމެންނަށް ވެސް ޖެހިފައިވާ މި އުނދަގޫ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ވަކިން ބޮޑެވެ.
"ފުރޮޅުލީ ގޮނޑީގައި ތިބޭ ކުދިން ވެސް ކޮން ފަދަ ހާލެއްގައި ގެ އަށް ވަދެ ނިކުމެ އުޅެން ޖެހެނީ،" އަންހެނަކު ހަމްދަރުދީ ފާޅުކުރި އެވެ.
އިމާރާތްތަކުން މޫދަށް ފެން ބޭރުކުރަން ޖެހޭ ގޮތަށް ހަމަޖެއްސި ފަހުން ދުވާރުތަކާއި ޕާކިން ޒޯންތައް ބޭނުންކުރުމުގައި، ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް ވެސް ބޮޑެތި އުނދަގޫތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ބައެއް ފަހަރު ހޮޅިތައް އަޅާފައި ހުންނަނީ ދުވާރުތައް މަތީގަ އެވެ. އެހެންވެ، ހިނގަން އޮންނަ ތަންކޮޅު އޮންނަނީ ގެއްލިފަ އެވެ. އަދި ދުވާރުތަކާ ވިއްދައިގެން އަޅާފައި ހުންނަ ހޮޅިތަކާ ހެދި ދުވާރުތަކަށް އަރާ ފޭބުން ވެސް ދަތިވެފައިވާ އިރު، ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށާއި ސްޓްރޯލާގައި ކުޑަކުދިން އުފުލާ މީހުންނަށް ވެސް އިތުރު ތުރާލަކަށް ވަނީ ވެފަ އެވެ. ހޮޅިތަކުގައި އަޅައިގަނެ ވެއްޓި އަނިޔާވުމުގެ ފުރުސަތު ވެސް ބޮޑެވެ.
މޫދާ ހަމައަށް ހޮޅިތައް ގެންދަން ޖެހޭ އިރު މާލޭގެ މެދުތެރޭ ހިސާބެއްގައި އަޅާ އިމާރާތެއް ވެއްޖެއްޔާ، ވަރަށް ދުރަށް ހޮޅި އަޅަން ޖެހި މަގުމަތީގެ ބޮޑު ޖާގައެއް އެކަމަށް ނަގަ އެވެ. އަދި މާލޭގައި އެއްފަހަރާ އެތައް ތަނެއް ހަދަމުންދާތީ ހޮޅިތައް އެހާ ގިނަ އެވެ.
މި މައްސަލައިގައި އެތައް ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާތާ ގިނަ ދުވަސްތަކެއް ވީ އިރު ވެސް ހައްލެއް ލިބިފައި ނުވާތީ ހިތްހަމަނުޖެހުންތައް ބޮޑުވެފައިވާ އިރު މިއަދުގެ ފޮޓޯގެ ސަބަބުން ވެސް ސަރުކާރަށާއި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
މަގުމަތީގަ އާއި ދުވާރުމަތީގައި އަޅާފައި ހުންނަ ހޮޅުތަކުގެ މައްސަލަ ހައްލުކުރަން ޑީވޯޓަރިން ނިޒާމެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށް މިދިޔަ މާޗް މަހު ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ. ހޮޅިތައް ގިނަވެ އާއްމުންނަށް "ނުހަނު ގިނަ އުނދަގޫތަކާއި ގެއްލުން ވަމުން އެބަ ދޭ" ކަން ވެސް ޓްވީޓެއްގައި މިނިސްޓަރު ގަބޫލުކުރައްވާފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ފަސް މަސް ވީ އިރު ވެސް ހައްލެއް ލިބިފައި ނުވާތީ އާއްމުންގެ ޝަކުވާ ބޮޑެވެ.