02 އޯގަސްޓް 2018 - 09:11

ލަންޑަން (އޮގަސްޓް 2) - ކުރިއަށް އޮތް އިނގިރޭސި ފުޓްބޯޅަ ސީޒަނުގައި ޕްރިމިއާ ލީގު ނޫން އެހެން މުބާރާތްތަކުގައި، ބެންޗުގައި ހުރެ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް ހިންގާ ކޯޗުންނާއި ކޯޗިން ސްޓާފުންނަށް ކާޑު ދެއްކުމުގެ ބާރު ރެފްރީންނަށް ދީފި އެވެ.
ފާއިތުވި އަހަރުތަކުގައި ޓަޗްލައިނުގައި ތިބެ ކޯޗުންގެ މެދުން ފެންނަ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް ގިނަވާން ފެށުމުން އެކަން ހުއްޓުވަން އިނގިރޭސި އެފްއޭ އިން ވަނީ ތަފާތު ސާވޭތަކެއް ކޮށްފަ އެވެ. އެ ސާވޭގެ ނަތީޖާ ދައްކާގޮތުން ގިނަ ބަޔަކަށް އެއްބަސްވެވުނީ ކުޅުންތެރިންނެކޭ އެއްގޮތަށް ކޯޗުންނަށް ވެސް އަދަބުދޭން ޖެހޭ ކަމަށެޗެ.
އެފްއޭ އިން ނިންމާފައިވަނީ ޕްރިމިއާ ލީގު ނޫން މުބާރާތްތަކުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ އިތުރުން ޓަޗްލައިނުގައި ކުޅިވަރުގެ ރޫހާ ހިލާފު އަމަލު ހިންގާ ކޯޗުންނާއި ކޯޗިން ސްޓާފުންނަށް ރީނދޫ ކާޑާއި ރަތް ކާޑު ދެއްކުމަށެވެ.
އެއް ކޯޗަކަށް ހަތަރު ރީނދޫ ކާޑު ދައްކައިފިނަމަ އެއް މެޗަށް ސަސްޕެންޑްވާނެ އެވެ. އަށް ރީނދޫ ކާޑު ދައްކައިފިނަމަ ދެ މެޗަށް ސަސްޕެންޑްވާނެ އެވެ. އަދި 12 ރީނދޫ ކާޑާ އެކު ތިން މެޗަށް ސަސްޕެންޑްވާނެ އެވެ. އެކަމަކު 16 ރީނދޫ ކާޑަށް ވުރެން އެއް ސީޒަނެއްގައި އިތުރުވެއްޖެނަމަ އެ ކޯޗަކު ޖެހޭނީ އިނގިރޭސި އެފްއޭގެ ޑިސިޕްލިނަރީ ޕެނަލަށް ހާޒިރުވާށެވެ. އެ ޕެނަލަށް ހާޒިރުވާ ކޯޗަކަށް ހަރުކަށި އަދަބެއް ދޭން ވަނީ ނިންމައިފަ އެވެ. ރަތް ކާޑާ އެކު ބެންޗުން ފޮނުވާލުމަށް ވަނީ ހަަމަޖެހިފަ އެވެ.
ކާޑު ދެއްކުމުގެ ބައިގައި ޕްރިމިއާ ލީގު އިސްތިސްނާވި ނަމަވެސް ޕްރިމިއާ ލީގަށް ވެސް ވަނީ ގަވާއިދުތަކެއް ހަދައިފަ އެވެ. އެ ގޮތުން ޕްރިމިއާ ލީގުގައި އަމަލުކުރުމަށް ހަމަޖެހިފައިވަނީ އިންޒާރު ދިނުމުގެ ސިސްޓަމެކެވެ. އެ ގޮތުން އެއް ކޯޗަކަށް ހަތަރު އިންޒާރު ދީފިނަމަ އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. އަށް ވަނަ އިންޒާރާ އެކު ދެ މެޗުގެ ސަސްޕެންޝަނެއް އަދި 12 ވަނަ އިންޒާރާ އެކު ތިން މެޗަށް ސަސްޕެންޑްވާނެ އެވެ. އެހެން ނަމަވެސް 16 އިންޒާރަށް ވުރެން އިތުރަށް ދޭން ޖެހިއްޖެނަމަ އެ ކޯޗެއްގެ މައްސަލަ ޑިިސިޕްލިނަރީ ޕެނަލުން ބެލުމަށް ފަހު ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ.
އިންޒާރު ދިނުމުގެ ސިސްޓަމެއް ޕްރިމިއާ ލީގަށް އެކުލަވާލި ނަމަވެސް ރެފްރީ ބޭނުންވެއްޖެނަމަ މައްސަލަ އަކާ ގުޅިގެން ކޯޗު ބެންޗުން ފޮނުވާލުމުގެ އިހުތިޔާރު އޮވެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ދަށުން ކުރިއަށްދާ ތިން ލީގު ހިންގާ އީއެފްއެލްގެ ޗީފް އެގްޒެކްޓިވް ޝޯން ހާވޭ ވިދާޅުވީ ކާޑު ދެއްކުމުގެ ސިސްޓަމަށް މަރުހަބާ ކިޔާ ކަމަށާއި މިއީ ފުޓްބޯޅަ ތެރޭގައި ހުރި ނުރަނގަޅު ކަންތައްތައް ނައްތާލުމަށް އިނގިރޭސި އެފްއޭ އިން އެޅި ވަރަށް ރަނގަޅު ބިންގަލެއް ކަމަށެވެ. އަދި މީގެ ސަބަބުން މުސްތަގުބަލުގައި ގިނަ ކަންތައްތަކެއް ރަނގަޅުކުރެވޭ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގައި ދެ ޓީމުގެ ބެންޗުގައި ތިބޭ އޮފިޝަލުން މެދުގައި ގިނަ ކަންތައްތަކެއް ފާއިތުވި އަހަރުތަކުގައި ވަނީ ހިނގައިފަ އެވެ. އަދި އޭގެ ސަަބަބުން ގިނަ ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުންނަށް ވަނީ ސަސްޕެންޝަންތަކެއް އައިސްފަ އެވެ. އަދި ބޮޑެތި ޖޫރިމަނާތައް ވެސް ދައްކަން ޖެހުނެވެ.