ސައުދީގެ ކެބިނެޓް ބައްދަލުވުން 500 ބިލިއަން ޑޮލަރުގެ ސިޓީގައި
ސައުދީގެ ކެބިނެޓް ބައްދަލުވުން 500 ބިލިއަން ޑޮލަރުގެ ސިޓީގައި

ރިޔާޒް (އޮގަސްޓް 1) - ސައުދީގައި 500 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މެގަ ސިޓީ، ނިއޯމްގައި ސައުދީގެ ކެބިނެޓް ބައްދަލުވުން ރަސްގެފާން ސަލްމާން ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ.

މި އަހަރުގެ ހޫނު މޫސުމުގައި، އުމުރުން 82 އަހަރުގެ ރަސްގެފާން ޗުއްޓީ އަށް ވަޑައިގެން މިހާރު އުޅުއްވަނީ ނިއޯމްގަ އެވެ.

ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ސިޓީގައި ކެބިނެޓުގެ ބައްދަލުން ބޭއްވުމަކީ އެ ސިޓީ ތަރައްގީ ކުރަން ރަސްގެފާން ދެއްވާ ސަމާލުކަން ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ވަނީ ބުނެފަ އެވެ.

"މިއީ ނިއޯމް ސިޓީގެ ހުވަފެންތަކުގެ ތާރީޚީ ފެށުމެއް،" ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ޕްރައިވެޓް އޮފީހުގެ ވެރިޔާ ބަދުރް އަލް އަސަކަރު ވިދާޅުވި އެވެ.

ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނީ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއް ވެސް ނިއޯމްގައި ބާއްވާފައިވާ ކަމަށެވެ.

ނިއޯމް ތަރައްގީ ކުރުމުގެ މަލްޓި-ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާން ކުރައްވަމުން ވިދާޅުވީ "އެއީ ސައުދީގެ ރައްޔިތުންނަށް މިހާރު ލިބެން ނެތް ލައިފްސްޓައިލެއް ހޯދައިދޭނެ" ސިޓީއެއް ކަމަށެވެ.

ތެލަށް ބަރޯސާވުން ކުޑަކުރަން ސައުދީން ފަށާ މިބާވަތުގެ ބައެއް ޕްރޮޖެކްޓްތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އޭގެ ތެރޭގައި ރިޔާޒުގެ އުތުރުން 2006 ވަނަ އަހަރު ފެށި 10 ބިލިއަން ޑޮލަރުގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް ހިމެނެ އެވެ. އެކަމަކު އެ ޕްރޮޖެކްޓް އަދިވެސް ނުނިމެ އެވެ.