01 އޯގަސްޓް 2018 - 16:25

ދިމިޝްގު (އޮގަސްޓް 1) - ސީރިއާގެ ހަތް އަހަރުވީ ދާޚިލީ ހަނގުރާމަ ނިމި ކާމިޔާބު ވަރަށް އަވަހަށް ހޯދޭނެ ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.
"އަހަރެމެންނަށް ކާމިޔާބު ލިބޭނެ ތާރީޚް މިހާރު ވަރަށް ގާތްވެއްޖެ،" ސީރިއާ ސިފައިންނަށް ފޮނުއްވި ލިޔުމެއްގައި އަސަދު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ސީރިއާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތީ އެ ގައުމުގެ ސަރަހައްދުގެ 17 ޕަސެންޓެވެ. އެހެން ހުރިހާ ހިސާބެއް ކޮންޓްރޯލް ކުރީ އިދިކޮޅު ހަނގުރާމަވެރިންނެވެ. ނަމަވެސް ސީރިއާ ސަރުކާރުގެ ހަމަލާތައް ވަރުގަދަ ކުރަން ފެށުމާ އެކު މިހާރު ވަނީ ގައުމުގެ ތިންބައިކުޅަ ދެބައި ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފައި ކަމަށް ސީރިއާ ސިފައިން ބުނެ އެވެ.
"ސިފައިންގެ ގަދަ ހިތްވަރާ އެކު ދޭން ފެށި ހަމަލާތަކުން އިދިކޮޅު ހަނގުރާމަވެރިން ނަގޫ ފިތި ލަދުވެތިކަމާ އެކު ވަނީ ފަހަތަށް ޖެހެން ފަށާފައި،" އަސަދު ވިދާޅުވި އެވެ.
ސީރިއާ ސިފައިންގެ ކާމިޔާބީގައި ރަޝިޔާގެ ވައިގެ ސިފައިންގެ ހަމަލާތައް މުހިންމު ދައުރެއް އަދާކުރެ އެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ 2011 ވަނަ އަހަރު އެވެ.