ނަވާޒް ޝަރީފުގެ ހާލު ރަނގަޅުވުމާ އެކު ހޮސްޕިޓަލުން ޖަލަށް
ނަވާޒް ޝަރީފުގެ ހާލު ރަނގަޅުވުމާ އެކު ހޮސްޕިޓަލުން ޖަލަށް

އިސްލާމްއާބާދު (އޮގަސްޓް 1) - ހިތްޕުޅުގެ އާލާސްކަންފުޅަކާ ގުޅިގެން އިސްލާމްއާބާދުގެ ޕާކިސްތާން އިންސްޓްޓިއުޓް އޮފް މެޑިކަލް ސައެންސް (ޕިމްސް) ގެ ކާޑިއެކް ސެންޓަރުގައި ފަރުވާ ދޭން ފެށި ކުރީގެ ބޮޑު ވަޒީރުގެ ނަވާޒް ޝަރީފުގެ ހާލު ރަނގަޅުވުމާ އެކު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި އެވެ.

ޕަންޖާބް ޕްރޮވިންސްގެ ހޯމް މިނިސްޓަރު ޝައުކަތު ޖާވިދު ވިދާޅުވީ ނަވާޒް ޝަރީފް ޖަލަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފައާ އެކު ކަމަށެވެ. އޭނާ ވިދާޅުވީ ނަވާޒް ޝަރީފް ވެސް ހުންނެވީ ޖަލަށް ބަދަލުވާން ބޭނުންވެފައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެމަނިކުފާނުގެ ނުރުހުމުގައި ކަމަށެވެ.

ޝައުކަތު ޖާވިދު ވިދާޅުވީ ރާވަލްޕިންޑީގެ އަޑިއަލާ ޖަލުގައި ވަނީ ނަވާޒް ޝަރީފަށް މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިދީފައި ކަމަށެވެ. އެކަމަކު ހޮސްޕިޓަލްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވުމުން ނަވާޒް ޝަރީފްއާ އާއިލާގެ މީހުން ބައްދަލު ކުރަން ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލީ ކޮރަޕްޝަނުގެ ކުށުގަ އެވެ. ލަންޑަނުން އިސްލާމްއާބާދަށް ވަޑައިގަތުމާ އެކު ރާވަލްޕިންޑީގެ ޖަލަށް ގެންދިޔައީ ޖުލައި 13 ވަނަ ދުވަހު އެވެ.