01 އޯގަސްޓް 2018 - 14:15

ބިހާރު (އޮގަސްޓް 1) - އިންޑިއާގެ ބިހާރު ސްޓޭޓުގައި ކުޑަ ކުދިންގެ ހިޔާއަކުން 34 ކުދިން ރޭޕްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރޭޕްކުރި ކުދިންގެ ތެރޭގައި އުމުރުން ހަތް އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. މި ޚަބަރާ އެކު އިންޑިއާގެ އެކި ހިސާބުތަކުގައި ވަނީ ނުރުހުން ފާޅު ކުރަން ފަށައިފަ އެވެ. އަދި ބިހާރުގެ ކުޑަ ކުދިންގެ ހިޔާ ހިންގުމާ ހަވާލުވެ ތިބި މީހުންނަށް ވަނީ ފާޑުކިޔުންތައް އަމާޒުވާން ފަށައިފަ އެވެ.
ބިހާރުގެ ސެވާ ސަންކަލްޕް ސަމިތީ ކެއާ ހޯމްގައި 44 އަންހެން ކުދިން ތިއްބެވެ. އެ ތަނަށް ގެންދަނީ އާއިލާތަކަށް ފިލައިގެން އުޅޭ ކުދިންނާއި ރޭލް ސްޓޭޝަންތަކުގައި އުޅޭ ކުދިންނެވެ. އެ ތަނުގައި ތިބި ކުދިންގެ އެންމެ ދޮށީ ކުއްޖާގެ އުމުރަކީ 18 އަހަރެވެ.
ފުލުހުން ބުނީ ކުޑަ ކުދިންގެ ހިޔާގެ ރޭޕާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ތަން ހިންގުމާ ހަވާލުވެ ހުރި މީހާ ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރު ކުރި މީހުންގެ ތެރޭން އެކަކު ވަނީ ފިލައިފަ އެވެ.
ހަތް އަހަރުގެ ކުއްޖާ ފުލުހުންނަށް ބުނީ ކުޑަ ކުދިންގެ ހިޔާގެ ބޮޑު މީހާ އެ ކުދިންނަށް އާއްމުކޮށް ގޯނާކޮށް އަނިޔާކުރާ ކަމަށެވެ. ދިހަ އަހަރުގެ ކުއްޖާ ބުނެފައި ވަނީ އޭނާ އަށް ނިދާ ބޭސް ދިނުމަށް ފަހު، ހެނދުނު ހޭލާ އިރު ގައިގައި ހެދުން ނޯންނަ ކަމަށެވެ. އެހެން ކުއްޖަކު ބުނެފައި ވަނީ އޭނާ ބަރަހަނާކޮށް، ޓެރެސް އަށް ގެންގޮސް ވަރަށް ގިނަ އިން އަނިޔާ ކުރާ ކަމަށެވެ. އަނެއް ބައި ކުދިން ބުނީ އެ މީހުންނަށް ނިދާ ބޭސް ދެނީ ހޫނު ފެން ގަޔަށް ޖަހައި ބިރު ދައްކައިގެން ކަމަށެވެ. ރޭޕްކުރާ މީހުންނާ ދެކޮޅު ހެދުމުން އެ ކުދިންނަށް ކާން ނުދީ ބަނޑަށް ބައިތިއްބާ ކަމަށް ވެސް ފުލުހުންނަށް ބުނެފައިވެ އެވެ.
ރޭޕުގެ ހާދިސާ ހިންގާފައި ވަނީ ކޮން ދުވަސްވަރެއްގައި ކަމެއް ނޭނގެ އެވެ. އެކަމަކު ބައެއް ކުދިން ބުނެފައި ވަނީ އެއީ ކޮންމެ ދުވަހަކު ވެސް ކުރާ ކަމެއް ކަމަށެވެ. ކުޑަ ކުދިންގެ ހިޔާގައި ބައެއް ކުދިން ތިބޭތާ ތިން އަހަރު ވަނީ ވެފަ އެވެ.
ކުޑަ ކުދިންގެ ހިޔާގައި ރޭޕުގެ ހާދިސާ ހިންގާފައި ވަނީ އިންޑިއާގައި 12 އަހަރުން ދަށުގެ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މިދިޔަ އެޕްރީލް މަހު ގާނޫނަށް ބަދަލު ގެނެސްފައި ވަނިކޮށެވެ.
ރޭޕުގެ ޝިކާރައަކަށްވި ކުދިންނާ ބައްދަލުކުރި ބިހާރު ވިމެންސް ކޮމިޝަނުގެ ތަރުޖަމާން ވިދާޅުވީ އެ ކުދިން މާޔޫސްވެގެން ބިއްލޫރި ފަދަ އެއްޗެހި ބޭނުންކޮށްގެން އަތުގެ އެކި ތަންތަން ކަފާފައިވާ ކަމަށެވެ.
ކުޑަ ކުދިންގެ ހިޔާ އިން މީހުން ހައްޔަރު ކުރުމަށް ފަހު އެތަން މިދިޔަ މަހު ވަނީ ބަންދުކޮށްފަ އެވެ.
ރޭޕްކުރި ކުދިން ވަނީ ޕަތުނާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކައިފަ އެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ބޯޑުން ބުނެފައި ވަނީ ގިނަ ކުދިންނަށް ޖިންސީ އަނިޔާދީފައިވާ ކަމަށެވެ.
އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން މިހާރު ވަނީ ރޭޕުގެ މި މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.
ގާނޫނުތައް ހަރުކަށި ކުރި ނަމަވެސް އިންޑިއާގައި ރޭޕުގެ ރޭޓް ދަށެއް ނުވެ އެވެ. އިންޑިއާގެ އެންޖީއޯއެއް ކަމަށްވާ ޗައިލްޑް ރައިޓްސް އިން ބުނީ ކޮންމެ 15 މިނިޓަކުން އެ ގައުމުގައި ކުއްޖަކު ރޭޕްކުރާ ކަމަށެވެ. ކުޑަ ކުދިންނަށް ކުރާ އަނިޔާތައް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭ ވަނީ 500 ޕަސެންޓް އިތުރުވެފަ އެވެ.
ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ޑޭޓާތައް ދައްކާ ގޮތުން އިންޑިއާގައި 2016 ވަނަ އަހަރު ވަނީ ރޭޕުގެ 38،947 މައްސަލަ ރަޖިސްޓްރީ ކޮށްފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ވަނީ 35،000 މައްސަލަ ރަޖިސްޓްރީ ކޮށްފަ އެވެ.
އިންޑިއާގެ ލޯ އެންޑް ޖަސްޓިސް މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނީ ކުޑަ ކުދިންގެ ރޭޕުގެ މައްސަލަތައް އަވަސް ކުރަން އަވަސް ނިޔާ ކޯޓުތަކެއް އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.