01 އޯގަސްޓް 2018 - 12:51

އިސްލާމްއާބާދު (އޮގަސްޓް 1) - ޕާކިސްތާންގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނޭ ގޮތަށް ސާކް ގައުމުތަކުގެ ވެރިންނަށް ދައުވަތު ދޭން ވިސްނާ ކަމަށް ޕާކިސްތާން ތަހުރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.
ޚާން، 65، ވިދާޅުވެފައި ވަނީ އޭނާ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާނީ މި މަހު 11 ވަނަ ދުވަހު ކަމަށެވެ.
"ޕީޓީއައިގެ ޚާއްސަ ކޮމިޓީގައި މިހާރު ދަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ވެރިންނަށް ދައުވަތު ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން. އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ،" ޕީޓީއައިގެ ތަރުޖަމާން ފަވާދު ޗައުދަރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމްރާން ޚާންގެ ކާމިޔާބީއާ ގުޅިގެން މަރުހަބާ ވިދާޅުވުމަށް މޯދީ ކުރެއްވި ފޯން ކޯލަކީ ދެ ގައުމުގެ ގުޅުމުގައި އާ ޗެޕްޓަރަކަށް ވާނެ ކަމަށެވެ. މޯދީ އަރިހު އިމްރާން ޚާން ވިދާޅުވެފައި ދެ ގައުމުގެ މެދުގައި ހުރި މައްސަލަތައް މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ ކަމަށެވެ.
މޯދީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ ނިއު ދިއްލީ އަށް ވަޑައިގެންފަ އެވެ. އަދި މޯދީ ވަނީ ޑިސެމްބަރު 2015 ގައި ލާހޯރުގައި ކުޑަ ވަގުތު ކޮޅަކު މަޑުކޮށްލައްވައިފަ އެވެ.