02 އޯގަސްޓް 2016 - 13:22

ޗައިނާގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ އެކު މިދިޔަ ޖޫން މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ މަހު ތިން ޕަސެންޓް ވެއްޓިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު ރާއްޖެ އައިސްފައި ވަނީ 79،034 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ޖޫން މަހު ރާއްޖެ ޒިޔާރަތްކުރި މީހުންގެ އަދަދު އުޅުނީ 81،506 ގަ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑަށް ޓޫރިސްޓުން މަދުވެފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން ޖޫން މަހު އައީ 8،653 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދިހަ ޕަސެންޓް ދަށް އަދަދެއް ނަމަވެސް އެއް ގައުމަކަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިންނެވެ.
މިދިއަ މަހު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އެ ގައުމުން 5،893 ޓޫރިސްޓުން އައިސްފައިވެ އެވެ.
ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެކަމަކު އެއީ މިދިއަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 6.3 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހު ރިސޯޓް، ހޮޓާ އަދި ޓޫރިސްޓް އުޅަނދުތަކުގެ އޮކިއުޕަންސީ ރޭޓް 3.9 ޕަސެންޓް ދަށްވި އިރު މިދިއަ މަހުގެ ނިޔަލަށް 619،921 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު 1.8 ޕަސެންޓްގެ އިތުރުވުމެކެވެ.