02 އޯގަސްޓް 2018 - 07:26

ވާވޭ ސްމާޓްފޯނުތައް އެމެރިކާ އަށް ވަނަނުދިނުމަށް އެމެރިކާއިން ކުރި މަސައްކަތްތަކުން ފައިދާއެއް ނުކުރި އެވެ. ނަތީޖާ އަދި ދައްކަނީ އެހެންނެވެ. ސްމާޓްފޯން ވިޔަފާރީގައި އެޕަލް ތިންވަނަ އަށް ވައްޓާލައި، ޗައިނާގެ ވާވޭ ދެވަނަ މަގާމު ކަށަވަރުކޮށްފި އެވެ.
ވާވޭ ސްމާޓްފޯނުތަކަކީ އެމެރިކާ އަށް އަދި އެ މީހުން ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތަށް ބޮޑު ބިރެކެވެ. އެފްބީއައި، ސީއައިއޭ އަދި ނޭޝަނަލް ސެކިޔުރިޓީ އޭޖެންސީން ވެސް ދެކެނީ މި ގޮތަށެވެ. އެހެންވެ، އެމެރިކާ މީހަކު ވެސް، ވާވޭ ފޯނެއް ބޭނުންކޮށްގެން ނުވާނެ އެވެ.
ސްމާޓްފޯން މާކެޓްގައި ސާބިތުވެ ތިބުމަށްޓަކައި އެމެރިކާ އަކީ ވާވޭ އަށް މުހިންމު މާކެޓެކެވެ. ނަމަވެސް، އެމެރިކާގައި ވާވޭ ފޯނުތައް ވިއްކުމަށްޓައި އޮޕަރޭޓަރުންނާ ގުޅެން ވާވޭ ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވި އެވެ. ސަރުކާރުން ވަނީ ހުރަސްއަޅާފަ އެވެ. މިކަން އެ ގޮތަށް ހިނގާފައި ވަނިކޮށް، މި އަހަރުގެ ދެވަނަ ކުރާޓަރުގެ ހިސާބުކިތާބު ނިންމައި ނެރުނު ނަތީޖާގައި، އެޕަލް އޮތީ ތިން ވަނާގަ އެވެ. ވާވޭ ދެ ވަނާގަ އެވެ.
އެޕަލް އަކީ މުޅި އެމެރިކާ ފަޚުރުވެރިވާ ކުންފުންޏެެވެ. އެމެރިކާ މީހުން އުޅެނީ ވަރަށް އެޕަލް ވެގެންނެނެވެ. އެހެނެއްކަމަކު، ވިޔަފާރީގައި ވާވޭ މައްޗަށް ކާމިޔާބުހޯދޭ ގޮތެއް ނުވި އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުގައި ވާވޭއިން 54 މިލިއަން ފޯނު މާކެޓަށް ނެރުނެވެ. އެޕަލް އިން ނެރުނީ 41 މިލިއަން ފޯނެވެ. ސެމްސަންގް 73 މިލިއަން ފޯނާ އެކު އޮތީ އެއްވަނާގަ އެވެ.
އެމެރިކާ މާކެޓް ވާވޭ އަށް ނުލިބިދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެ ގޮތަށް ހާލަތު ބަދަލުވެއްޖެ ނަމަ ވާވޭ ގަސްދުކޮށްފައި އޮތީ ޔޫރަޕް އަދި އޭޝިޔާގައި ބާރުގަދަކުރުމަށެވެ. ވިޔަފާރި ކުރިއަރައި ދިއުމަށް މެދުވެރިވި ސަބަބީ ކުރިއާލައި ގޮތެއް ނިންމައިގެން ތިބުމެވެ.
ވާވޭ އަކީ ހަމައެކަނި ސްމާޓްފޯނު އުފައްދާ ކުންފުންޏެއް ނޫނެވެ. ވާވޭ ފޯނުތައް ދެކެ އެމެރިކާ ބިރުގަންނަ ސަބަބަކީ، ފޯނުތަކުގެ ޒަރިއްޔާއިން ޗައިނާ ޖާސޫސްކޮށްފާނެތީ އެވެ. ވާވޭ އުފައްދާ ނެޓްވޯކް އާލާތްތައް މެދުވެރިކޮށް ވެސް ޗައިނާ ޖާސޫސްކުރާ ކަމަށް އެމެރިކާ ތުހުމަތުކުރެ އެވެ. މި ސަބަބަށްޓަކައި އެމެރިކާ ބަލަނީ ވީހާވެސް ބޮޑަށް ޗައިނާގެ އިލެކްޓްރީނިކް ކުންފުނިތަކާ ވައިވެސް ނޭޅިވޭތޯ އެވެ.