02 އޯގަސްޓް 2018 - 07:23

ބޮލީވުޑްގެ ތަރިންނަކީ އެ މީހުންގެ ލޯބީގެ ވާހަކަތައް ފާޅުގައި ދައްކަން އަބަދު ވެސް ފަސްޖެހޭ ބައެކެވެ. އެކަމަކު އާލިއާ ބަޓް އާއި ސިދާތު މަލްއުތުރާ ވަރަށް ސީރިއަސްކޮށް ރައްޓއެހިވެގެން އުޅުނުކަމާއި ދެ މީހުންގެ ގުޅުން މިހާރު ނިމުމަކަށް އައިސްފައިވާކަން އެންމެންނަށް ވެސް އެނގެ އެވެ.

އާލިއާ މިހާރު ރަންބީރާ ރައްޓެހިވެ، ކައިވެންޏާ ދޭތެރޭ ސީރިއަސްކޮށް ވިސްނަން ފަށާފައިވާކަން މީޑިއާތަކުން ފެންނަ މަންޒަރުތަކުން އޮތީ ސާބިތުވާށެވެ.

އަނެއްކޮޅުން ސިދާތުގެ ލޯބީގެ މާ ފޮޅުވުންތަކުގެ ވާހަތައް ވެސް ކުރިއަށް ހުރީ އެވެ. މި ދޭތެރެއިން އަޑުތައް އެރި ގޮތުން އޭނާ އާއި ބަތަލާ ޖެކްލިން ފެނަންޑޭޒްގެ މެދުގައި ހާއްސަ ގުޅުމެއް އޮވެ އެވެ. އަދި އެ ގުޅުން އުފެދުނީ ދެ ތަރިން އެކުގައި ކުޅުނު ފްލޮޮޕް ފިލްމް "އަ ޖެންޓްލްމަން" ގެ ސެޓުން ކަމަށްވެ އެވެ.
އެކަމަކު މިހާރު ސިދާތުއާ ގުޅުވައިގެން ދައްކަނީ ޖެކްލިންގެ ވާހަކައެއް ނޫނެވެ. އަރަމުން އަންނަ ޒުވާން ބަތަލާ ކިއާރާ އަދްވާނީ އެވެ.
އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" އާ އެކު ކަރަން ޖޯހަރްގެ ކޭމްޕްގެ ތެރެއަށް ކިއާރާ އިތުރުވެފައިވާ އިރު، ފިލްމް ފެއާ އިން ބުނި ގޮތުގައި ސިދާތު އާއި ކިއާރާ މިހާރު އުޅެނީ ރައްޓެހިވެގެންނެވެ.
އެގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ފާހަގަ ކުރި ކިއާރާގެ 26 ވަނަ އުފަން ދުވަހުގެ ޕާޓީގަ އާއި ޑައިރެކްޓަރު ތަރުން މަންސުކާނީގެ ގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޕާޓީއެއްގައި ސިދާތާއި ކިއާރާ ބައިވެރިވެފައިވާ އިރު، ދެ މީހުން އެކަހެރި ވެލައިގެން ތިބި ތަން ދައްކުވައިދޭ ފޮޓޯތަކެއް ވެސް ފިލްމް ފެއާ އިން އާންމުކޮށްފައިވެ އެވެ. ތަރުންގެ ޕާޓީގައި ބައިވެރިވި މީހުންގެ ތެރޭގައި ކަރަން ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސިދާތު، 33، އާއި ކިއާރާ، 26، ގުޅުމުގެ ފަހަތުގައި ހުރީ ކަރަން އެވެ. އޭނާއަކީ އަބަދު ވެސް ލޯބިވެރިން ތައް ކުރުމުގައި ނަން މަޝްހޫރު މީހެކެވެ.
ކަރަން ކޯ-ޕްރޮޑިއުސްކޮށް، ސިދާތު ލީޑް ރޯލް ކުޅޭ ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާގެ ބަތަލާގެ ރޯލް ވެސް ވަނީ ކިއާރާ އަށް ހުށަހަޅައިފަ އެވެ. ކިއާރާއަކީ "ލަސްޓް ސްޓޯރީ" ގައި ކަރަން ޑައިރެކްޓް ކުރި ސެގްމަންޓްގެ ބަތަލާ އެވެ.
އޭނާ ބޮލީވުޑަށް ތައާރަފުވީ އަކްޝޭ ކުމާރާއި ސަލްމާން ހާން 2014 ގައި ޕްރޮޑިއުސް ކުރި "ފަގްލީ" އިންނެވެ. އަންނަ އަހަރު ކަރަން ގެނެސްދޭ "ކަލަންކް" ގެ ހާއްސަ ރޯލަކުން ވެސް ކިއާރާ ފެނިގެން ދާނެ އެވެ.