މޯނީ ރޯއިއަކީ "ބުރައްމަސްތުރާ" ގެ ވިލަން
މޯނީ ރޯއިއަކީ "ބުރައްމަސްތުރާ" ގެ ވިލަން

ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ ފެންޓަސީ/އެޑްވެންޗަ ފިލްމް "ބުރައްމަސްތުރާ" ގެ މައިގަނޑު ކޮންސެޕްޓް މިހާތަނަށް އޮތީ ސިއްރުކޮށްފަ އެވެ.

ފިލްމްގެ ޝޫޓިން ކުރިއަށްދާ އިރު، މީގެ ސެޓްގެ ތެރެއިން ނަގާ އެއްވެސް ފޮޓޯއެއް ވެސް ލީކްވުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އަނެއްކޮޅުން ފިލްމްގެ ކާސްޓް ވެސް އެހާމެ ޝައުގުވެރި އެވެ. އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން އާއި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ނާގުރްޖުނާ އަކިނޭނީ ހިމެނެ އެވެ.

ހަމައެއާ އެކު ޓީވީ ބަތަލާ މޯނީ ރޯއީއަކީ ވެސް "ބުރައްމަސްތުރާ" ގެ ހާއްސަ އެކެކެވެ.

ފިލްމްގެ ދެވަނަ ޝޫޓިން ޝެޑިއުލް ބަލްގޭރިއާގައި މިހާރު ކުރިއަށްދާ އިރު، މޯނީ ރަސްމީކޮށް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމް އަދި މި މަހުގެ 15 ގައި ރިލީޒް ކުރާ "ގޯލްޑް" ގެ ޕްރޮމޯޝަނަށް އިންޑިއާ އަށް އެނބުރި އައިސް މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަންނަކީ ބުރައްމަސްތުރާގެ ހަމައެކަނި ވިލަން. މިއަށް ވުރެ އިތުރަކަށް އަދިއެއް ނެތް ފިލްމާ ބެހޭ ގޮތުން ވާހަކަ ދެއްކޭކަށް،" ޓީވީ ސިލްސިލާ "ނާގިން" ގެ ފުރަތަމަ ދެ ސީޒަނުގެ ބަތަލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ބުރައްމަސްތުރާ" ގައި ފެނިގެން ދާނީ ވަރަށް ތަފާތު ގޮތަކަށެވެ.

"އެންމެ އުފާވި ކަމަކީ އަމީތާބް ކަހަލަ ވަރުގަދަ ތަރިންނާ އެކު މަސައްކަތްކޮށްލަން ލިބުނީމަ. މިއީ ހަމަ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް،" މޯނީ ބުންޏެވެ. "އަހަރެން ދުވަހަކު ވެސް އުންމީދެއް ނުކުރަން އަމީތުޖީއާ އެކު އެއް ފިލްމެއްގައި މަސައްކަތްކޮށްލަން ލިބޭނެ ކަމަކަށް. އެހެންވެ މިއަށް ވުރެ ވަކި ބޮޑު އުފަލެއް ނުލިބޭނެ."

އޭނާ ބުނި "ބުރައްމަސްތުރާ" ގައި މިހާތަނަށް ކުރެވުނު ތަޖުރިބާ ވަރަށް ވެސް ފުރިހަމަވެފައި، އުފާވެރި އެވެ.

"ޓީމް ވޯކް ވަރަށް ރަނގަޅު. ޑައިރެކްޓަރު އަޔާންއަކީ އެހާމެ މޮޅު ޑައިރެކްޓަރެއް،" މޯނީ ބުންޏެވެ. "އަހަރެން ބުނާނީ މި ފިލްމަކީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ފިލްމަކަށް ވާނޭ."

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ތިން ބަޔަކަށް ބަހާލައިގެން ގެނެސްދޭ "ބުރައްމަސްތުރާ" ގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ.

"ގޯލްޑް" އާއި "ބުރައްމަސްތުރާ" ގެ އިތުރުން މޯނީ ސޮއިކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ޖޯން އަބްރަހަމްއާ އެކު ކުޅޭ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އާއި ރާޖްކުމާރް ރާއޯއާ އެކު ކުޅޭ "މޭޑް އިން ޗައިނާ" ހިމެނެ އެވެ.