01 އޯގަސްޓް 2018 - 11:21

ރިސޯޓުތަކުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރާ މީހުންގެ ފޯމުތަކުގައި އެ ރިސޯޓެއްގެ ތައްގަނޑު ޖަހަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރެޖިސްޓްރޭޝަނުގައި މަކަރު ހެދުމުގެ ފުރުސަތު ކުޑަކުރަން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ މީހުން ވެސް، އެއް ބަޔަކު އަނެއް ބަޔަކަށް ރެޖިސްޓްރޭޝަނުގައި މަކަރު ހަދާ ކަމަށް ތުހުމަތު ކުރާ އިރު އެ ކަމުގައި އެއްވެސް އޮޅުވާލުމެއް ނެތްކަން ކަށަވަރު ކުރަން ކޮމިޝަނުން ބޭނުންވާ ކަމަށެވެ.
"މިއީ ވީހާ ވެސް ބޮޑަށް ވޯޓުލާ މީހުންގެ ހައްގު ކަށަވަރު ކުރުމަށް އަޅުގަނޑުމެން ނިންމާފައިވާ ނިންމުމެއް. އަދި މިއީ 2013ގެ ރިޔާސީ އިންތިހާބުގައި ވެސް އަމަލު ކޮށްފައިވާ ގޮތް،" އޭނާ ވިދާޅުވި އެވެ.
ރީ-ރެޖިސްޓްރީ ކުރާއިރު ރިސޯޓުތަކުގެ ތައްގަނޑު ޖަހަންޖެހޭ ގޮތަށް ހަމަޖެއްސުމުން އިދިކޮޅު އެމްޑީޕީން ވަނީ ރަސްމީ ޝަކުވާއެއްގެ ގޮތުގައި އެ ކަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
"މިސާލަކަށް ރިސޯޓުގައި އުޅޭ މުވައްޒަފަކު އޮފްޑޭއަކަށް މާލެ އައިސް ވެސް، ރިސޯޓުގެ ތައްގަނޑު ނެތިގެން ރީރަޖިސްޓްރީ ނުކުރެވިދާނެ. އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިކަން ކުރަންޖެހޭ ސަބަބު ނޭނގުން. މިހާރު އޮތް ގޮތުން، މުވައްޒަފު ރީ ރަޖިސްޓްރީ ކުރުމުގެ ބާރު މި ދޫކޮށްލަނީ ރިސޯޓުގެ މެނޭޖްމެންޓުގެ އަތްމައްޗަށް،" ޝަކުވާ ހުށެހެޅުއްވުމަށް ފަހު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. މީގެ ތެރެއިން 26 ޕަސެންޓް މީހުން ނުވަތަ 70،000 މީހުން މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ވާނެ ކަމަށް ބެލެވެ އެވެ.