ކަރުދާހުން ކެނޑޭ ތަންތަނުން މާބޮޑަށް ދިލަނަގަނީ ކީއްވެ؟
ކަރުދާހުން ކެނޑޭ ތަންތަނުން މާބޮޑަށް ދިލަނަގަނީ ކީއްވެ؟

ކަރުދާހެއްގެ މިޔަ އެޅިގެން އިނގިލި ކުރިން ކަނޑައިގެންދާއިރު އެއީ ވަރަށް ކުޑަ ޒަޚަމެކެވެ. އެކަމަކު ވަޅިއަކުން ފުންކޮށް ކެނޑޭ ތަނަކަށް ތަދުވާ ނުވަތަ ދިލަނަގާ ވަރަށް ވުރެ ބޮޑަށް ކަރުދާހަކުން ކެނޑޭ ތަނެއްގައި ވޭން އަޅަ އެވެ. އެއީ ކީއްވެހެއްޔެވެ؟

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ޑާމަޓޮލިޖިސްޓް ހާލޭ ގޯލްޑްބެޗް ބީބީސީ އަށް ވިދާޅުވެފައިވާ ގޮތުގައި ތަދު އިހުސާސްވުމުގެ ބާރު އެންމެ ގަދަޔަށް ހުންނަނީ އިނގިލިކުރީގަ އެވެ. އެ ހިސާބުގައި "ޕެއިން ރިސެޕްޓާ" ތައް ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ހުންނަ ވަރަށް ވުރެ ގިނައީ އެވެ. ހޫނު އެއްޗެއްގައި އަތްލާއިރު މިކަން އެނގޭނެ އެވެ.

"ކޮންމެ ކަމެއް ވެސް ފެށިގެން މި އަންނަނީ އިނގިލިކުރިން. އެންމެ ކުދި އަދި ކަވި ކަންތައް ވެސް ކުރަނީ އިނގިލިކުރިން. އެހެންވެ އިނގިލިކުރީގައި، ނާރުތަކުގެ ކޮޅު ގިނައިން ހުރުމަކީ އާންމު ވިސްނުމުން ވިސްނާއިރު ވެސް ގަބޫލުކުރެވޭ ކަމެއް. އެއީ ހަގީގަތުގައި، ރައްކާތެރިކަމުގެ ނިޒާމެއް،" ހާލޭ ވިދާޅުވެފައިވެ އެވެ.

އިނގިލިކުރީގައި ހުންނަ ނާރުތަކުން ސިކުނޑިއަށް އިންޒާރުގެ މެސެޖު ދާނެ އެވެ. އެއްޗެއްގައި އަތްލާއިރު، އޭގެ ފިނިހޫނުމިނާއި ނުރައްކާތެރިކަމާ ގުޅޭ އިންޒާރު ސިކުނޑިއަށް ފޮނުވާނެ އެވެ.

ކަރުދާހުން ކެނޑޭ ތަންތަނަށް މާބޮޑަށް ތަދުވާ އަނެއް ސަބަބަކީ ކަރުދާސް ހުންނަ ގޮތެވެ. ކަރުދާސް ވަރަށް ތޫނު ކަމަށް، ބަލާ ބެލުމަށް ހީވިޔަސް އަރިމަތި ހުންނަނީ ކީހެއް ގޮތަށް، ތުނޑުލައިފަ އެވެ. އެހެންވެ އެއިން ކަނޑައިގެންދާ ތަން ހުންނާނީ އެއް ސީދަލަކަށް ނޫނެވެ.

ދެން އޮތް ސަބަބަކީ ކަރުދާހުން ކެނޑޭއިރު، އެ ޒަޚަމްގެ ތިލަކެމެވެ. އެހެންވެ ހަށިގަނޑުގެ ދިފާއީ ނިޒާމުން އެކަމަށް މާބޮޑު އިޖާބައެއް ނުދެ އެވެ. މި ސަބަބާ ހުރެ، ލޭ ގަނޑުވެ ކުރަމަގާލި ލުން ފަދަ ކަންކަމެއް ނުވާނެ އެވެ. ނަތީޖާއަކީ ލިބުނު ޒަޚަމް ނުބެދި ހާމަޔަށް ހުރުމެވެ. މިހެން ހުރުމުން އެ ޒަޚަމެއްގެ ތެރެއަށް ޖަރާސީމު ވަނުމާއި ހަރަކާތްތެރިވެ އުޅޭއިރު އެ ތަންތަނަށް ތަދުވުމުގެ ފުރުސަތު ވެސް ބޮޑެވެ.