02 އޯގަސްޓް 2016 - 13:29

މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ އާއި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ރާއްޖޭގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުތައް އިތުރުކުމުގެ އެމްޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފާއި މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީގެ ރައީސް ޕްރޮފެސަރު ޓަން ސްރީ ޑަޓޯ ވިރާ ޑރ. މުހައްމަދު ޝުކުރީ އަބްދުލް ޔާޖިދު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގައި މެލޭޝިޔާ ޔުނިވާސިޓީގެ ޕީއެޗްޑީ ހެދުމުގެ ފުރުސަތާއި ދެ ޔުނިވާސިޓީ ގުޅިގެން މަތީ ތައުލީމުގެ އިތުރު ކޯސްތައް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އަދި އެ ޔުނިވާސިޓީގެ މުވައްޒަފުންނަށް ވެސް ފަސޭހައިން ޕީއެޗްޑީ ހެދުމުގެ ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ބުންޏެވެ.
އެމްއެންޔޫގައި މިހާރު ވެސް ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހެދެ އެވެ. އެ ޔުނިވާސިޓީން ބުނީ ކައިރި މުސްތަގުބަލެއްގައި އިއްޔެ ސޮއިކުރި އެއްބަސްވުމާ ގުޅޭ ކޯސްތައް އިއުލާނުކުރާނެ ކަމަށެވެ.