މަޖިލިހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަކުރަނީ
މަޖިލިހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަކުރަނީ

ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ މުއްދަތު ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ފާސްކޮށްފި އެވެ.

މަޖިލިހުގެ ގަވައިދުގައި މިހާރު އޮތް ގޮތުން ނަމަ، ދެވަނަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އެކަމަކު، އާންމު ކޮމިޓީން އެ ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން، ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 16 އަށެވެ.

މީގެ އިތުރުން، ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 27 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް އާންމު ކޮމިޓީން ފާސް ކުރި އިސްލާހުގައި ވެ އެވެ. މަޖިލިހުގެ ގަވައިދުގައި މިހާރު އޮންނަ ގޮތުން ތިން ވަނަ ދައުރަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލެވެ.

މަޖިލީހުގެ ދައުރު ތިން ދައުރަކަށް ބަހާފައިވާއިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް ބަދަލެއް ނުގެނެ އެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ގޮތެއް ނިންމައި ދިނުމަށް އެދި ކޮމެޓީތަކުން މަޖިލީހަށް ހުށަހަޅާ ބިލް، މަޖިލިހުން ފާސްކުރުމުގެ ކުރިން، އިތުރު އިސްލާހެއް ގެންނަން ބޭނުން ނަމަ، ނުވަތަ ބިލްގައި ހިމެނޭ މާއްދާއެއް އުނިކުރުމަށް ހުށަހަޅަން ބޭނުން ނަމަ، އެ ބިލް އަނބުރާ ކޮމިޓީ އަށް ފޮނުވުމަށް ނުވަތަ އެ އިސްލާހެއް މަޖިލިހަށް ހުށަހެޅުމަށް މަޖިލިހަށް ކަނޑައެޅި ދާނެ ކަމަށް ނިންމައިފަ އެވެ.

ނަމަވެސް، ބިލަށް އެ މަރުހަލާގައި ގެންނަން ޖެހޭ ބަދަލަކީ ލިޔުމުގެ ކުށެއް ނަމަ، ނުވަތަ ބަލަން ޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން އުނިވެފައިވާ ކަމެއް ރަނގަޅުކުރުން ކަމަށްވާ ނަމަ، އެ ކަން ކޮމިޓީއަށް ފޮނުވުމުގެ ބަދަލުގައި މަޖިލީހުގައި އެ ކަމެއް އިސްލާހުކޮށް، ރަނގަޅު ކުރަން ޖެހޭ ކަމެއް ވެސް މަޖިލިހުގައި ރަނގަޅު ކުރެވިދާނެ ކަމަށް އާންމު ކޮމިޓީން ގެނައި ބަދަލުގައި ހިމަނާފައި ވެ އެވެ.

އާންމު ކޮމިޓީން ގެނައި މި ދެ ބަދަލަށް މަޖިލިހުގެ ތަޅުމުގައި މިއަދު ވޯޓަށް އަހާނެ އެވެ.