02 އޯގަސްޓް 2016 - 12:45

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކް ގޭމްސް ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ހުކުރު ދުވަހު ފަށާއިރު އިނގިރޭސިންގެ އެންމެ ބޮޑު އުއްމީދެއް މި ފަހަރު ވެސް ގުޅިފައިވަނީ، ސޮމާލިއާ އަށް އުފަން މުސްލިމް ދުވުންތެރިޔާ މުހައްމަދު ފަރާ ނުވަތަ މޮ ފަރާއާ އެވެ.

އާއިލާއާ އެކު، އުމުރުން 8 އަހަރުގައި އިނގިރޭސި ވިލާތަށް ހިޖުރަކުރި މޮ ފަރާގެ ކުޑައިރުގެ އުއްމީދަކީ އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ކްލަބް އާސެނަލަށް ފުޓްބޯޅަ ކުޅުމެވެ. އެކަމަކު އޭނާ ވީ ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ އަށެވެ. ފަސްހާސް މީޓަރު އަދި 10،000 މީޓަރު ދުވުމުން 2012 ވަނަ އަހަރުގެ އޮލިމްޕިކްސް އާއި 2013 އަދި 2015 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދި އެވެ.

މޮ ފަރާ އަކީ އޮލިމްޕިކްސް އަދި ވޯލްޑް ޗެމްޕިއަންޝިޕުގައި ދެ އިވެންޓަކުން ރަން މެޑަލް ހޯދި ދެ ވަނަ އެތުލީޓެވެ. ކެރިއަރުގެ ފަހު އޮލިމްޕިކްސްއާ ކުރިމަތިލާން ތައްޔާރުވެފައިވާއިރު މޮ ފަރާގެ އުއްމީދަކީ މި ފަހަރު ވެސް އެ ދެ އިވެންޓުން ރަން މެޑަލް ހޯދައި އިނގިރޭސި ވިލާތުގެ ތާރީހު ދުށް އެންމެ ކާމިޔާބު އެތުލީޓަށް ވުމެވެ.
"އަހަރެން މިހާރު ވެސް ހަނދާން ހުރޭ 2012 އޮލިމްޕިކްސް ބޭއްވުމުގެ ފުރުސަތު ލަންޑަނަށް ލިބުނު ދުވަސް. އެ ދުވަހުން ފެށިގެން ހަތް އަހަރު ވަންދެއް އަހަރެން އުއްމީދުކުރަމުން އައީ 2012 ވަނަ އަހަރުގެ ގޭމްސްގައި މެޑަލް ހޯދަން. އެކަން ކާމިޔާބުވި. ދެ ވަނަ ފަހަރަށް އޮލިމްޕިކްސްގައި، ދެ އިވެންޓުން ރަން މެޑަލް ހޯދިއްޖެ ނަމަ އެކަން ވެގެންދާނީ އާދަޔާހިލާފު ކާމިޔާބަކަށް،" މުޅި އުމުރު ހޭދަކުރި ލަންޑަނުގައި ބޭއްވި އޮލިމްޕިކްސް އިން މެޑަލް ހޯދި އުފާވެރި ހަނދާންތައް މޮ ފަރާ އާކުރި އެވެ.
އެ ފަހަރުގެ އޮލިމްޕިކްސް އަށް ފަހު އޭނާގެ ދިރިއުޅުން ބަދަލުވި އެވެ. ގެއިން ސުޕަމާކެޓާ ހަމަޔަށް އޭނާ އަށް ހަމަޖެހިލައިގެން ނުދެވެ އެވެ. އޮޓޯގްރާފް ދޭން ޖެހޭ ވަރުންނާއި ފޮޓޯއަށް ހުއްޓަން ޖެހޭ ވަރުންނެވެ.
"އަހަރެން ބަދަލުވީ މުޅިން ތަފާތު މީހަކަށް. ރޯލްމޮޑެލަކަށް ބަދަލުވީ. އަހަރެން ބުނާ ކޮންމެ އެއްޗެއް، ކުރާ ކޮންމެ ކަމެއް މިހާރު ވަރަށް ތަފާތު،" އުމުރުން 33 އަހަރުގެ މޮ ފަރާ ބުންޏެވެ.
މިޑްލް ޑިސްޓެންޓްސް ދެ އިވެންޓް ކަމަށްވާ 5000 މީޓަރާއި 10،000 މީޓަރުގެ ދުނިޔޭގެ ފަސް ވަނައިގައި 2011 ވަނަ އަހަރުގެ ނިޔަލަށް އޮތް މޮ ފަރާގެ ހުރިހާ ކަމެއް މިހާރު ބައްްޓަންކޮށްފައިވަނީ އޮލިމްޕިކްސްގައި ބޮޑު ކާމިޔާބެއް ހޯދުމަށެވެ. ހަފުތާއަކު 120 މޭލަށް ދުވެ ތަމްރީން ހަދާއިރު، ފެނުގެ ތެރޭގައި ބަހައްޓާފައިވާ ޓްރެޑްމިލެއްގައި ދުވެ އެވެ. އޮކްސިޖަން ޓެންޓްތަކުގައި ނިދަން ވެސް ޖެހެ އެވެ.
އޭނާގެ މަސައްކަތް ހުރީ ރަނގަޅު މިސްރާބެއްގަ އެވެ. މިދިޔަ ހަފުތާގައި ލަންޑަން އެނިވާސަރީ ގޭމްސްގައި އޭނާ 5000 މީޓަރު ދުވުމުގެ ރޭސް ނިންމާލީ، މި އަހަރު އެ އިވެންޓް އެއްވެސް ދުވުންތެރިޔަކު ނުނިންމާހާ އަވަހަށެވެ.
އާއިލާއާ އެކު ލަންޑަނަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވެ، އާއިލާ ރުޅި ބޮޑުދައިތައަކާ އެކު ދިރިއުޅުނު މޮ ފަރާގެ ކުޑައިރުގެ ހަޔާތް ހިތްދައްޗެވެ. މިހާރު އޭނާގެ އަމިއްލަ ކުޑަކުޑަ އާއިލާއެއް އެބައޮތެވެ. އެކަމަކު، ތަމްރީންތަކަށް ވަގުތު ދިނުމަށް އާއިލާއާ ހޭދަކުރެވޭ ވަގުތު އޭނާ އަށް ވަނީ މަދުވެފަ އެވެ. އެކަމަކު މޮ ފަރާ އުއްމީދުކޮށްގެން ހުރީ އެ ގުރުބާނީތަކުގެ އަގު، މި ފަހަރު ރިއޯ ޑި ޖެނީރޯގައި ލިބޭނެ ކަމަށެވެ.