01 އޯގަސްޓް 2018 - 08:30

މި އަހަރު ކުރީކޮޅު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ޕަދްމާވަތު" އަށް ފަހު ޝާހިދު ކަޕޫރް މިހާރު ވަރަށް ބިޒީ އެވެ. އޭނާ ލީޑް ރޯލް ކުޅެފައިވާ ފިލްމް "ބައްތީ ގުލް މީޓަރު ޗާލޫ" އަންނަ މަހުގެ 21 ގައި ރިލީޒް ކުރަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
"ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ގެނެސް ދިން ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމްގައި ޝާހިދާ އެކު ފެނިގެން ދާނީ ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމް އެވެ. މި ފިލްމް ސިނަމާތަކަށް އަންނަން ކައިރިވެފައި ވާއިރު ފާހަގަކޮށްލެވޭ ފިލްމްތަކެއް ޝާހިދުގެ އަތުގައި އެބަ ހުއްޓެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ތެލެގޫ ފިލްމް "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން އަށް ޝާހިދު ސޮއިކޮށްފައިވާ އިރު، މި މަހުގެ 20 ވަނަ ދުވަހު ފިލްމްގެ ޝޫޓިން ފަށާނެ އެވެ. ފިލްމް ޕްރޮޑިއުސް ކުރާ ޓީ ސީރީޒުން ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ.
މި ފިލްމް އަންނަ އަހަރުގެ ޖޫން 21 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، ފިލްމްގެ ރަސްމީ ނަން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ހިންދީ ރިމެކިން ވެސް ޑައިރެކްޓް ކުރާނީ "އަރްޖުން ރެޑީ" ޑައިރެކްޓް ކުރި ސަންދީޕް ވަންގާ އެވެ.
ޝާހިދާ އެކު ފިލްމްގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް އަންނަ އަހަރުގެ މެއި 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން އަލަށް ތައާރަފުވާ ބަތަލާ ތާރާ ސުތާރިއާ އެވެ.
ކަރީނާ ކަޕޫރް ބަތަލާގެ ރޯލް ކުޅޭ ފިލްމެއް ކަރަން ޖޯހަރް ޕްރޮޑިއުސް ކުރަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. ކުރިން އަޑުތައް އަރާފައި އޮތް ގޮތުން ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ސިިދާތު މަލްއުތުރާ އާއި ޖާންވީ ކަޕޫރާއި ކާތިކް އާރިޔަން ހިމެނެ އެވެ.
އެކަމަކު ރިޕޯޓްތައް މިހާރު ބުނަނީ ކަރީނާއާ އެކު ފިލްމުން ދެން ފެނިގެން ދާނީ އަކްޝޭ ކުމާރާއި ދާދި ފަހުން ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށި އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" ގައި ކަރަން ޑައިރެކްޓް ކުރި ސެގްމަންޓްގައި ބަތަލާގެ ރޯލް ކުޅުނު ކިއާރާ އަދްވާނީގެ އިތުރުން ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް ކަމަށެވެ.
ރަސްމީކޮށް މި ފިލްމް ކަރަން އަދި އިއުލާންކޮށްފައި ނުވާ އިރު، އެ ފިލްމްގެ ނަމަކީ "ގުޑް ނިއުސް" ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ. ތަފުސީލެއް ނުދީ އަކްޝޭ ވަނީ އެ ނަން ކިޔާ ފިލްމަކަށް ސޮއިކޮށްފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.
"ގުޑް ނިއުސް" ޑައިރެކްޓް ކުރާނީ "ދަޅަކް" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާންގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ރާޖް މެހެތާ އެވެ. ކަރީނާ އާއި އަކްޝޭ ވަނީ ކުރިން ވެސް ގިނަ ފިލްމްތަކެއްގައި އެކިގައި މަސައްކަތްކޮށްފަ އެވެ.
މަހޭޝް ބަޓް 1991 ގައި ގެނެސް ދިން ކާމިޔާބު ފިލްމް "ސަޅަކް" ގެ ދެވަނަ ބައެއް ގެނެސް ދޭން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން މިއޮތީ އެކަން ކަށަވަރުވެފަ އެވެ،. ފިލްމް ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނީ "ސަޅަކް 2" ރިލީޒް ކުރާނީ ނޮވެމްބަރު، 15، 2019 ގައި ކަމަށެވެ. އަދި ފިލްމްގެ ކާސްޓުން ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ސަޅަކް 2" މީގެ ޕްރިކްއެލްގެ ލީޑް ދެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ޕޫޖާ ބަޓްގެ އިތުރުން އާލިއާ ބަޓް ވެސް ފެނިގެން ދާނެ އެވެ. އާލިއާ މިހާތަނަށް އޭނާގެ އާއިލީ ފިލްމް ކުންފުނީގެ ފިލްމެއް ނުކުޅެފަ އެވެ.
"ސަޅަކް 2" ގެ ޑައިރެކްޓަރަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.
ސަލްމާންގެ ވަރަށް ތަފާތު ލުކްސްތަކެއް ފެނިގެންދާ ފިލްމް "ބާރަތު" ގެ ސެޓުން ލީކްވި ފޮޓޯއެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ފޮޓޯގައި ކްރޫގެ މެމްބަރަކާ އެކު އޭނާ ހުންނަނީ ކޮނޑުކެޑިއަކާ އެކު ވަރަށް ތަފާތު ހެއާ ސްޓައިލަކާ އެކުގަ އެވެ. އަދި ސަލްމާން ފެންނަނީ ވެސް ތަންކޮޅެއް މުސްކުޅިކޮށެވެ.
އަލީ އައްބާސް ޑައިރެކްޓް ކުރާ "ބާރަތު" ގައި ސަލްމާންގެ އުމުރުން 20-70 އަހަރާ ދެމެދު ދައްކުވައި ދޭނެ އެވެ. އެހެންވެ އޭނާ ފެންނަލެއް ވަރަށް ވެސް ތަފާތު ވާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ އެންމެ ޒުވާން އުމުރުގައި ދައްކުވައި ދޭނީ 1989 ގައި ރިލީޒް ކުރި "މޭނޭ ޕިޔާރް ކިޔާ" އިން ފެނުނު ގޮތަށެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" ގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޑިޝާ ޕަޓްނީ، ޖެކީ ޝްރޮފް، ތައްބޫ، ސުނިލް ގްރޯވާ އަދި ނޯރާ ފަތެހީ ހިމެނެ އެވެ.