އިންސްޓަގްރާމުން ސިއްހަތަށް ނުރައްކަލެއް
އިންސްޓަގްރާމުން ސިއްހަތަށް ނުރައްކަލެއް

ސޯޝަލް މީޑިއާ އަށް ދެވިހިފުމަކީ ބޮޑު މައްސަލައެކެވެ. އޭގެ ތެރެއިން ވެސް އިންސްޓަގްރާމުން ލިބޭ ގެއްލުން ބޮޑުވެދާނެ ކަމަށް ތަޖުރިބާކާރުން އެބަ ބުނެ އެވެ.

ޒަމާނީ ކެއުންތަކާއި އެކި ކަހަލަ ޑައެޓްތަކާ ބެހޭ އެކައުންޓްތައް އިންސްޓަގްރާމްގައި ބައިވަރެވެ. އަދި އެފަދަ އެކައުންޓްތައް ފޮލޯކުރާ މީހުން ގިނަ އެވެ. ނަތީޖާއަކީ ހަގީގަތް ނޭނގޭ ތަފާތު އެކި ޑައެޓްތަކުގެ މަޅީގައި ބެދި، ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކުން މަހުރޫމުވުމެވެ.

އިނގިރޭސިވިލާތުގެ ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޑރ. އެމާ ޑާބީޝަޔާ ވިދާޅުވެފައިވާ ގޮތުގައި އިންސްޓަގްރާމްގެ މަޅީގައި ޖެހޭ މީހުން ވަރަށް ގިނަ އެވެ. މީގެ ތެރޭގައި އަންހެނުން ގިނަ ކަމަށާއި އުމުރުން 20-30 އަހަރާ ދެމެދުގެ ގިނަ އަންހެނުންނަކީ މިހާރު އެކަށީގެންވާ ވަރަށް މެގްނީއަޒަމާއި ކޮޕާ ފަދަ މާއްދާތައް އެކުލެވޭ ކާނާތަކާ ދުރުވެފައިވާ މީހުން ކަމަށްވެ އެވެ.

"ސޯޝަލް މީޑިއާގެ ތެރެއިން ފެންނަ ޑައެޓްތައް ފޮލޯކުރަން ބޭނުން ވިޔަސް، އެކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު ހޯދުން ވަރަށް މުހިއްމު. ހަގީގަތް ނޭނގޭ ކެއުންތަކާ ވީހާ ވެސް ބޮޑަށް ދުރުވާން ޖެހޭ،" އެމާ ވިދާޅުވި އެވެ. "އެކަމަކު ސޯޝަލް މީޑިއާ އަށް ގިނަ މީހުން ދޯޅުވެފައިވާލެއް ބޮޑުކަމުން އެއިން ފެންނަ ކޮންމެ އެއްޗަކީ ރަނގަޅު އެއްޗެއް ކަމަށް ދެކުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް."

ޑރ. އެމާ ޑާބީޝަޔާ ވިދާޅުވި ގޮތުގައި އިންސްޓަގްރާމް ކަހަލަ ސޯޝަލް ޕްލެޓްފޯމްތަކުގެ ސަބަބުން ކެއުންބުއިމުގެ ރަނގަޅު އާދަތައް މިހާރު ވަނީ އޮޅުންބޮޅުންވެފަ އެވެ. އަދި މިއީ ވަރަށް ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.