އެޕްލް ވޮޗަށް ނައިކީގެ ޓްރެއިނިން ކްލަބް އެޕް
އެޕްލް ވޮޗަށް ނައިކީގެ ޓްރެއިނިން ކްލަބް އެޕް

ކަސްރަތުގެ ތަފާތު ޕްރޮގްރާމްތައް އަމިއްލައަށް އިޚުތިޔާރުކޮށް، ރާވައި، ކުރިއަށް ގެންދަން ބޭނުން ނަމަ މިހާރު މިއީ އެންމެ އެކަށީގެންވާ ޒަމާނެވެ. އެކަމަށް އެހީތެރިވެދޭނެ ސްމާޓްފޯން އެޕްތައް ބައިވަރެވެ. އެކަމަކު ސްމާޓްފޯނަކީ ދިރިހުރުމުގެ ހުރިހާ ކަމެއްހެން އެއާ ގުޅިފައިވާ ވަސީލަތަށް ވެފައިވާތީ އެއްވެސް ހުރަހަކާނުލައި، ކަސްރަތު ޕްރޮގްރާމެއް ފެށުނީއްސުރެ ނިމެންދެން ކުރިއަށްގެންދަން ސްމާޓްފޯނު ކަމަކުނުދެއެވެ.

މިފަދަ ކަންކަމަށް މިހާރު ގިނަ ބަޔަކު ހިތް ކިޔަނީ ސްމާޓްގަޑިއަށެވެ. ސްމާޓްގަޑީގެ ތެރޭން އެޕްލް ވޮޗަކީ މި ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ އެންމެ ތަޖުރިބާކާރު ގަޑިއެވެ. ދާދިފަހުން ނައިކީން ވަނީ އެ ކުންފުނީގެ މަރުކާއެއް ކަމަށްވާ ނައިކޭ ޓްރެއިނިން ކްލަބްގެ އެޕެއް ސީދާ އެޕްލް ވޮޗަށް ފަރުމާކޮށްފައެވެ.

ޓްރެއިނިންގް ކްލަބް އެޕްގެ ތެރެއިން 180 ބާވަތުގެ ކަސްރަތު އިހްތިޔާރުކުރެވެ އެވެ. އެއްފަހަރުވެސް ފޯނުގައި އަތްލާކަށް ނުޖެހެއެވެ. ހުރިހާ މައުލޫމާތަކާއި އިރުޝާދެއް ފެންނަން އޮންނަނީ އެޕްލް ވޮޗްގައެވެ. މި ކަސްރަތުތަކުގެ ތެރޭގައި ބުންވަރު ގަދަކުރާ ކަސްރަތާއި ހަށިގަނޑު ވަރުގަދަކުރާ ކަސްރަތުން ފެށިގެން މަޑުމަޑު ލުއި ކަސްރަތާއި ޔޯގާ ފަދަ ކަސްރަތުތަކުގެ އިރުޝާދު ހިމަނާފައިވެއެވެ. މި ކަސްރަތުތައް ގެނެސްދީފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ އެތުލީޓުންކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސެރީނާ ވިލިއަމްސް ފަދަ މީހުންގެ ތަޖުރިބާ އާއި އިރުޝާދުގެ އަލީގައެވެ.

އެޕްލް ވޮޗަށް ފަރުމާކޮށްފައިވާ ޓްރެއިނިންގް ކްލަބް އެޕްގެ އެންމެ ޚާއްސަ ކަމަކީ ކަސްރަތުގައި ތިމާ ހޯދާ ކުރިއެރުންތައް ވަގުތުން ވަގުތަށް ގަޑިން ބަލައިލެވެން ހުންނަ ކަމެވެ. ކޮންމެހެން ފޯނުން އެ މައުލޫމާތު ހޯދާކަށް ނުޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ކަސްރަތަށް އެއްވެސް ހުރަހެއް ނޭޅި ކުރިއަށްގެންދެވެއެވެ.

އެޕްލް ވޮޗްގެ ޓްރެއިނިންގް ކްލަބް އެޕްގެ އެހީގައި ކަސްރަތު ކުރާއިރު ތަކުރާރުކުރަންޖެހޭ ކަސްރަތު ތަކުރާރުކުރެވޭ މިންވަރާއި ކުރަމުންދާ ކަސްރަތެއް ނިންމަން ދެން އޮތީ ކިހާ ވަގުތެއްކަމާއި ކެލޮރީ އަނދަމުންދާ މިންވަރު ގަޑީގެ މޫނުމަތިން ފެންނަން ހުރެއެވެ. އެކަމަކު މި ކަސްރަތުތައް ފަށަން ޖެހެނީ ސްމާޓްފޯން އެޕްގެ ތެރެއިންނެވެ. އެއަށްފަހު ކުރިއަށްގެންދާއިރު ފޯނު ފެންނަން އޮންނާކަށް ނުޖެހެއެވެ.

ނައިކީ ޓްރެއިނިންގް ކްލަބް އެޕް މިހާރު އެޕް ސްޓޯރުގައި ޑައުންލޯޑްކުރެވެން އެބަހުއްޓެވެ. ތިމާގެ ކަސްރަތުގެ ސެޝަންތައް ބަރާބަރަށް ބަލަހައްޓަން ބޭނުންނަމަ މި އެޕް، އެޕަލް ހެލްތާ ވެސް ގުޅުވާލެވެއެވެ.