ފްރާންސްގެ ސްކޫލްތަކުގައި ސްމާޓްފޯން މަނާކޮށްފި
ފްރާންސްގެ ސްކޫލްތަކުގައި ސްމާޓްފޯން މަނާކޮށްފި

ފްރާންސްގެ ޕްރައިމަރީ ސްކޫލްތަކުގައި ސްމާޓް ފޯން އަދި އިންޓަނެޓާ ގުޅުން ހުންނަ އެހެން ޑިވައިސްތައް ބޭނުން ކުރުން ދަރިވަރުންނަށް މަނާކުރާ ގާނޫނެއް ފާސްކޮށްފި އެވެ.

ފްރާންސްގެ ސްކޫލްތަކުގައި ސްމާޓްފޯން މަނާކޮށްފި
ފްރާންސްގެ ސްކޫލްތަކުގައި ސްމާޓްފޯން މަނާކޮށްފި

މިކަމަކީ އެ ގައުމުގެ މިހާރުގެ ރައީސް އެމަނުއެލް މެކްރޯންގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފްރާންސްގެ ސްކޫލްތަކުގައި ސްމާޓްފޯން މަނާކޮށްފި
ފްރާންސްގެ ސްކޫލްތަކުގައި ސްމާޓްފޯން މަނާކޮށްފި

ޕްރައިމަރީ ސްކޫލްތަކުގައި ސްމާޓްފޯން މަނާކުރަން ހުށަހެޅި ބިލް މިދިޔަ ހޯމަ ދުވަހު ގާނޫނު ހަދާ މަޖިލީހުން ފާސްވީ 62 ވޯޓާ އެކުގަ އެވެ. އެ ގާނޫނު އަންނަ މަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ އެވެ.

އެގޮތުން އުމުރުން 3-15 އަހަރާ ދެމެދުގެ ދަރިވަރުންނަށް ސްކޫލްތަކުގައި ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ބޭނުމެއް ނުކުރެވޭނެ އެވެ.

ނަމަވެސް މި ގާނޫނަށް ސާނަވީ އާއި މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލްތަކުގައި އަމަލު ކުރާނެ ނޫންތޯ ނިންމުމުގެ އިހުތިޔާރު ސްކޫލްތަކަށް ލިބި ދީފައިވެ އެވެ.

ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު ޖިއަން-މިޝެލް ބްލެންކްއާ ވިދާޅުވީ އަލަށް ތަންފީޒު ކުރާ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީ ސްކްރީން އެޑިކްޝަނުން ދަރިވަރުން ރައްކާތެރި ކުރުން ކަމަށެވެ. އަދި މިކަން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަށާއި ޑިޖިޓަލް ސްކްރީންތަކަށް ކުދިން ދެވިހިފުމުން އެ ކުދިންނަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރުވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މި ގާނޫނަށް ފްރާންސްގެ އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ. ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ އެ ގާނޫނަކީ 21 ވަނަ ގަރުނާ ބީރައްޓެހި، ގަދީމީ ވިސްނުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށެވެ.

ކިޔަވައި ދިނުމާ ގުޅުން ހުރި އެއްވެސް ހަރަކާތެއްގައި ސްމާޓްފޯން ބޭނުން ކުރުން މަނާ ގާނޫނަކަށް 2010 އިން ފެށިގެން ވެސް ފްރާންސްގައި އަންނަނީ އަމަލު ކުރަމުންނެވެ.

އެކަމަކު އަލަށް ތަންފީޒު ކުރަން ފަށާ ގާނޫނުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން އިސްތިސްނާ ވާނެ އެވެ. އެއީ އެފަދަ ކުދިންނަށް އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރަން ކޮންމެހެން ވެސް ޖެހޭތީ އެވެ.

ދާދި ފަހުން އާންމުކޮށްފައިވާ ދިރާސާއެއްގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ސްކްރީން އެޑިކްޝަނަކީ ދަރިވަރުންގެ އުނގެނުމުގެ ހުނަރު ދަށްވާ ކަމެކެވެ. އެހެންވެ ސްކްރީންތަކުން ފިލާވަޅުތައް ދަސްކުރުމުގެ ބަދަލުގައި އެންމެ ފައިދާހުރި ގޮތަކީ ސީދާ ފޮތުން ކިޔައިގެން އުނގެނުން ކަމަށް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުންތަކާ އެކު ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ވަނީ ސްކޫލްތައް "ސްމާޓް" ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. މި ބަދަލާ އެކު ޓެކްސް ފޮތް ބޭކާރު އެއްޗަކަށްވެ، އީ-ބުކަށް ދެވޭ ސަމާލުކަން ދަނީ ބޮޑުވަމުންނެވެ.