31 ޖުލައި 2018 - 21:00

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު އަމުރުން ކަށަވަރުވާތީ، މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބައިވެރިވާން އެ މެމްބަރުން ނިންމާފައިވާ ކަމަށް، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ މިރޭ ވިދާޅުވެއްޖެ އެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރު، މުސްތަފާ ވިދާޅުވީ އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން ސުޕްރީމް ކޯޓުގެ އަމުރުން ސާފުވާ ކަމަށެވެ. އެހެންކަމުން، ޖަލްސާތަކުގައި ބައިވެރިވާން އެ މެމްބަރުންނަށް އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުގެ އަމުރުން އެ އޮތީ އަޅުގަނޑުމެންގެ ގޮނޑި ނުގެއްލޭ ކަން ކަށަވަރުކޮށްދީފައި. އެހެންކަމުން އަޅުގަނޑުމެން ނިންމީ މާދަމާގެ ޖަލްސާ އަށް މަޖިލީހަށް ދާން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 12 މެމްބަރުން މަޖިލީހަށް ވެންނެވުމަށް އެއްވެސް މުއައްސަސާއަކަށް ހުރަސް އެޅުމުގެ ހައިސިއްޔަތެއް ނޯންނާނެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުން އެކަން ސާފުކޮށްދީފަިއވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ފެބްރުއަރީ 1 ގެ އެ އަމުރުގައި 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް އެ ބައި ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސްގެ ނިންމުމާ ގުޅިގެން އެ 12 މެންބަރުން ވަކިވަކިން ހުށަހަޅާފައިވާ މައްސަލަތަކުގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.