01 އޯގަސްޓް 2018 - 09:51

ލަންޑަން (އޮގަސްޓް 1) - އަންނަ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީއާ ގުޅުނު އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް ފިޓްވާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
ސިޓީން އުމުރުން 27 އަހަރުގެ މާރޭޒްގެ ސޮއިހޯދީ 78 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. މިއީ ސިޓީގެ ރެކޯޑް ޓްރާންސްފާ އެވެ. މާރޭޒްގެ ވާތުފައިގެ ކުޑަހުޅަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ޕްރީ ސީޒަނުގެ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ބަޔާން މިއުނިކް އަތުން ސިޓީ މޮޅުވި މެޗުގަ އެވެ.
މާރޭޒަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ކުރިއަށް އޮތް ސީޒަނުގެ ޕްރިމިއާ ލީގުގައި ފުރަތަމަ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ފުރަތަމަ ބެލެވުނެވެ. އެހެން ނަމަވެސް ޓެސްޓްތަކެއް ހެދުމަށް ފަހު ރިޕޯޓް ލިބުނުއިރު މާރޭޒްގެ ކުޑަހުޅަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަން ނުދައްކަ އެވެ.
"މާރޭޒަށް ލިބުނު އަނިޔާ ސީރިއަސް އެއް ނޫން. ޗެލްސީ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތް،" ސިޓީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޝީލްޑް މެޗުގައި އެ ޓީމުގެ ގިނަ ތަރިން ފެންނާނެ ކަމަށް ދާދި ފަހުން ބުނެފަ އެވެ. އަދި ވޯލްޑް ކަޕުގައި ކުޅުނު ބައެއް ކުޅުންތެރިން ޗުއްޓީ ކެންސަލްކޮށްލުމަށް ފަހު އަވަހަށް ޓީމާ ގުޅެން ނިންމުމަކީ އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.
މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ތަށި ސިޓީން ހޯދީ ގިނަ ރެކޯޑްތަކެއް ހެދުމަށް ފަހު އެވެ. އެހެން ނަމަވެސް މި ފަހަރުގެ ސީޒަނުގައި އެ ފަދަ ކަމެއް ތަކުރާރު ކުރުމަކީ ނުވާނެ ކަމެއް ކަމަށާއި ވާދަވެރި ޓީމުތަކުން ވަރަށް ރަނގަޅަށް ސިޓީއާ ދެކޮޅަށް ނުކުންނަން ރާވާނެ ކަމަށެވެ.