އަނިޔާވެރިކަން ހުއްޓުވައި އިންސާފު ގާއިމް ކޮށްދޭނަން: ފައިސަލް
އަނިޔާވެރިކަން ހުއްޓުވައި އިންސާފު ގާއިމް ކޮށްދޭނަން: ފައިސަލް

ދިވެހި ރައްޔިތުން އެދި ގޮވަނީ ހައްގުތަކާއި މިނިވަންކަމާއި އިންސާފު ގާއިމް ކޮށްދޭން ކަމަށާއި އިދިކޮޅު ކޯލިޝަނުން އުފައްދާ ސަރުކާރެއްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރައްޔިތުންނަށް އަމާން ދިރިއުޅުމެއް ހޯދައިދިނުން ކަމަށް އިދިކޮޅު ރިއާސީ ކެންޑިޑޭޓްގެ ރަނިން މޭޓު، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަނިޔާވެރިކަން ހުއްޓުވައި އިންސާފު ގާއިމް ކޮށްދޭނަން: ފައިސަލް
އަނިޔާވެރިކަން ހުއްޓުވައި އިންސާފު ގާއިމް ކޮށްދޭނަން: ފައިސަލް

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކުރާ ކެމްޕޭންގައި އދ. އަތޮޅަށް ވަޑައިގެން، މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ އަނިޔާވެރިކޮށް މަރައިލި ދިވެހިންނާއި ނުހައްގުން ޖަލަށް ލާފައި ތިބި މީހުންނަށް އިންސާފު ނުލިބި އާއިލާތައް ތިބީ ހިތްދަތި ކަމުގައި ކަމަށެވެ. މި މައްސަލަތަކުގައި އިންސާފާ ހަމަ އަށް ވާސިލް ނުވެވިގެން އުޅެނީ ސަރުކާރުގައި އިޚްލާސްތެރިކަމެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން އެދި ގޮވަނީ، މަށަށް އިންސާފު ކޮބައިހޭ؟ މަގޭ ދަރި އަށް އިންސާފު ކޮބައިހޭ؟ މަގޭ އާއިލާ އަށް ލިބެންޖެހޭ އިންސާފު ކޮބައިހޭ؟" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކޮށްދޭން ތިބި ފުލުހުންނާ މެދު ގިނަ ބަޔަކު ދެކެނީ، ގާނޫނީ ވާޖިބު އެއްފަރާތް ކޮށް ސިޔާސީ މީހުން ފަހާ ދުވުމާއި ސައިކަލްތަކުގައި ސްޓިކާ ޖަހަން ތިބޭ ބައެއްގެ ގޮތުގަ އެވެ. ފުލުހުންގެ ހަގީގީ ޒިންމާ އާއި މަސްއޫލިއްޔަތަކީ ހަމައެކަނި އެ ކަންތައް ކުރުން ނޫން ކަމަށާއި ފުލުހުންނަކީ އެ އަށް ވުރެ މާ ފަޚުރުވެރި ޒިންމާތަކެއް ކޮނޑުގައި އަޅައިގެން ތިބި ބައެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ކޯލިޝަންގެ ސަރުކާރެއްގައި ފުލުހުންނަކީ އެހާ އަގެއް ނެތް ބައެއްގެ ގޮތުގައި ވިސްނަން، ޖާގަ ނުދޭނެ ކަމަށެވެ. ގާނޫނީ ޒިންމާ އަދާކުރުމުގެ މިނިވަންކަމާއި ފުރިހަމަ އިޚްތިޔާރު ފުލުހުންނަށް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން، އަނިޔާވެރިކަމަށް ޖާގަ ދީގެން ނުވާނެ އެވެ. އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށާއި ރައްޔިތުން ދިރިއުޅެން ޖެހެނީ ހަމަޖެހުމާއި އުފާވެރިކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި މިނިވަންކަމެއް ނެތުމާއި ބިރުވެރިކަމާއި ފިއްތުންތައް އާއްމުކޮށްފައިވާ ކަމުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވެސް އިންތިހާ އަށް ގިނަ ކަމަށެވެ. މިއީ ވެސް ކޯލިޝަން ސަރުކާރެއްގައި ހައްލު ކޮށްދޭނެ މައްސަލައެއް ކަމަށާއި އެއްވެސް ގޮންޖެހުމެއް ނެތި މިނިވަންކަމާ އެކު މަސައްކަތްތެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ދިވެހި އެންމެހާ މަސައްކަތްތެރިންނަށް މިއަދު އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުން ވަނީ، ތި ބޭފުޅުންނަށް ލިބިފައިވާ ތައުލީމަކާއި ތަޖުރިބާއެއްގެ މައްޗަށް ގައުމު ހިންގުމުގައި މިިނިވަންކަމާ އެކު ގޮންޖެހުންތަކެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް އަޅުގަނޑުމެން ގާއިމް ކޮށްދޭނަމޭ،" ފައިސަލް ވިދާޅުވި އެވެ.