ބޮޑު މަހުގެ މަރުވެފައިވާ ދަރި ތިން ދުވަސްވަންދެން އުފުލައިފި
ބޮޑު މަހުގެ މަރުވެފައިވާ ދަރި ތިން ދުވަސްވަންދެން އުފުލައިފި

ވޮޝިންޓަން (ޖުލައި 31) - ބްރިޓިޝް ކޮލަމްބިއާގެ އައްސޭރިން ބޭރަށް ޖޭ35 ނަން ދީފައިވާ ކިލާ ވޭލް މިދިޔަ ހަފުތާގައި ވިހޭތާ ބައި ގަޑިއިރު ތެރޭ ވަނީ އޭގެ ދަރި މަރުވެފަ އެވެ. އެކަމަކު ޕެސިފިކް ކަނޑުގައި ބޮޑު މަސް ވަނީ މަރުވެފައިވާ ދަރި އޭގެ "ނޭފަތް" މަތީގައި ތިން ދުވަސް ވަންދެން އުފުލައިފަ އެވެ.

އުމުރުން 20 އަހަރުވެފައިވާ ކިލާ ވޭލް ނުވަތަ އޮކާ، 17 މަސް ދުވަސް ވަންދެން ކުޑަ ދަރިއަށް އިންތިޒާރު ކުރި އެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ވިކްޓޯރިއާ އޭރިއާގައި ކިލާ ވޭލެއް ވިހޭ އިރު ކުޑަ ދަރި މަރުނުވެ އޮތް ފުރަތަމަ ފަހަރެވެ.

ޖޭ35 ވިހޭ ދަރި މަރުވި ނަމަވެސް ދަރި ދޫކޮށްލަން ބޭނުމެއް ނުވި އެވެ. ނަތީޖާ އަކީ އޭގެ ބުރަކަށި މަތީގައި ކުޑަ ދަރި ތިން ދުވަސް ވަންދެން އުފުލުމެވެ. ބޮޑު މަހުގެ ބުރަކަށި މަތީގައި 180 ކިލޯގެ ދަރި ބާއްވައިގެން ކޮންމެ ދުވަހަކު 96-112 ކިލޯ މީޓަރު (60-70 މޭލު) އަށް ދަތުރު ކުރި އެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަން ސެންޓަ ފޯ ކޮންޒަވޭޝަން ބަޔޮލޮޖީގެ ކިލާ ވޭލް ބަޔޮލިސްޓެއް ކަމަށްވާ ޑެބޯރާ ގިލްސް ވިދާޅުވީ ޖޭ35 ކުރި ކަންތަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ބޮޑު މަހެއް ނުވަތަ ކޯމަހެއް ވިޔަސް ދަތުރު ކުރަމުންދާ އިރު އަޑި އަށް ފީނާ މައްޗަށް އަރަން ޖެހޭ،" ރިސާޗް ބޯޓެއްގައި ޖޭ35 އޮބްޒާވް ކުރި ގިލްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭ35 ކުޑަ ދަރިފުޅާ އެކު ދަތުރު ކުރީ ގަދަ އޮޔާ ވެސް ދެކޮޅަށް ކަމަށެވެ. އަދި އެ ތިން ދުވަހު ޖޭ35 އެއްވެސް އެއްޗެއް ކޭ ކަމަށް ވެސް ނުބެލެވޭ ކަމަށް ގިލްސް ވިދާޅުވި އެވެ.

ގިލްސް ވިދާޅުވީ ކިލާ ވޭލްގެ ފަރާތުން ވެސް ފެނިގެން ދިޔައީ އިންސާނުންނަށް ލިބޭ ކުޑަ ދަރިފުޅު ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދުނިޔެ ދޫކޮށް ދިއުމުން ލިބޭ ހިތާމަ ކަމަށެވެ.