02 އޯގަސްޓް 2016 - 13:05

ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލު މި މަހުގެ 25ގެ ކުރިން ދިރާސާކޮށް ނިންމައި ރިޕޯޓު ތަޅުމަށް ފޮނުވަން މި ބިލު ދިރާސާ ކުރާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ 11 މެމްބަރުންގެ ވަގުތީ ކޮމިޓީގެ އިއްތިފާގުން އެ ގޮތަށް ނިންމީ މިހާރު ކުރި އަށް ދާ އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެއީ ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާނު ހުށަހަޅުއްވައި ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ތާއީދުކުރެއްވި ހުށަހެޅުއްވުމެކެވެ.
ޖައުފަރު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ ވަގުތީ ކޮމިޓީ އަށް ފޮނުވަން އިއްޔެ ވަނީ ނިންމައިފަ އެވެ. އެ ގޮތަށް ފާސްކުރިތާ މާ ގިނަ އިރެެއް ނުވެ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވަނީ އިއްޔެ މެންދުރުފަހު ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް އަދި ނައިބު މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވަނީ ހަމަޖައްސާފަ އެވެ.
މި ބިލު ދިރާސާ ކުރުމަށް ފޮނުވި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖައުފަރާއި ހަލީލާއި އާމިރާއި ޖަމީލުގެ އިތުރުން، ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް، ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ، ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރު، މައްޗަންގޯޅި ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ސިނާން، ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އިލްހާމް އަހުމަދު، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް އިއްޔެ ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސް ކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.
މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.