31 ޖުލައި 2018 - 15:04

އިސްލާމްއާބާދު (ޖުލައި 31) - ރާވަލްޕިންޑީގެ އަޑިއަލާ ޖަލުގައި ހުންނަވަނިކޮށް ހިތްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވުމާ ގުޅިގެން ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސް (ޕިމްސް) އަށް ބަދަލުކޮށް މިހާރު ފަރުވާ ދެމުންދާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އޮންނެވި ވޯޑު ވެސް ކުޑަ ޖަލަކަށް ބަދަލުކޮށްފި އެވެ.
ޕާކިސްތާނުގެ އެންމެ މަތީ ފެންވަރުގެ އެއް ހޮސްޕިޓަލް ކަމަށްވާ ޕިމްސްގެ ކާޑިއެކް ސެންޓަރުގައި މިހާރު އޮންނެވި ނަވާޒް ޝަރީފުގެ ހާލުކޮޅު ރަނގަޅު ކަމަށް އޮފިޝަލުން ބުނެ އެވެ. ނަވާޒް ޝަރީފުގެ އަމިއްލަ ޑޮކްޓަރުން މިހާރު ދަނީ އިތުރު ފަރުވާ އަށް އެމަނިކުފާން ލަންޑަނަށް ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ.
އިސްލާމްއާބާދުގެ ކޮމިޝަނާ އޮފީހުން ބުނީ ޕިމްސްގެ ކާޑިއެކް ސެންޓަރުގެ ޕްރައިވެޓް ވޯޑަކީ މިހާރު "ސަބް-ޖަލެއް" ކަމަށެވެ. އިސްލާމްއާބު ޕޮލިހުން ދަނީ ހޮސްޕިޓަލްގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. ނަވާޒް ޝަރީފް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވެސް ވަނީ އިތުރު ސިފައިން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލުގައި އިތުރު ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ އިރު މޯބައިލް ޖޭމާސް ވަނީ ހޮސްޕިޓަލްގައި ހަރުކޮށްފަ އެވ. އަދި ހޮސްޕިޓަލަށް ވަދެވެނީ ސެކިއުރިޓީ ވޯކް-ތުރޫ ގޭޓުގެ ތެރޭންނެވެ.
ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައި ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލީ ކޮރަޕްޝަނުގެ ކުށުގަ އެވެ. ލަންޑަނުން އިސްލާމްއާބާދަށް ވަޑައިގަތުމާ އެކު ރާވަލްޕިންޑީގެ ޖަލަށް ގެންދިޔައީ ޖުލައި 13 ވަނަ ދުވަހު އެވެ.