ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ހިމާޔަތް ކޮށްދިނުމަށް ބިލީފުން އެދެފި
ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ހިމާޔަތް ކޮށްދިނުމަށް ބިލީފުން އެދެފި

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށު ކުޅީގެ ބައެއް ހިއްކާފައި އޮތް އިރު، ނުހިއްކާ އޮތް ބަޔަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ އެ ސަހަރައްދު ހިމާޔަތް ކުރުމަށް، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ބިލީފް" އިން އެ ރަށު ކައުންސިލްގައި އެދިއްޖެ އެވެ.

ބިލީފުން ކައުންސިލަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އުމްރާނީ މަޝްރޫއަކަށްޓަކައި ކުޅީގެ 30 ޕަސެންޓް މިހާރު ހިއްކާފައިވާ އިރު، ނުހިއްކާ އޮތް 70 ޕަސެންޓަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި އެއާޕޯޓަށް ހިއްކާފައި އޮތް ބައި ކުޅީގެ ބާކީ އޮތް ބަޔާ ވަކިކޮށްފައި ނެތުމުން، ނުހިއްކާ އޮތް ބަޔަށް ކިސަޑު ފައިބައިގެން އެ ބައި ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ.

އެއާޕޯޓް މަޝްރޫއު ހިންގާ ފަރާތުން އެ ސަރަހައްދު ހިމާޔަތް ކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނެތް އިރު، ކުޅީގެ ސަބަބުން ރަށަށް ވަރަށް ބޮޑު ހިމާޔަތެއް ލިބޭ ކަމަށް އެ ސިޓީގައިވެ އެވެ. ހިއްކުމުގެ ސަބަބުން ކުޅީގެ ގުދުރަތީ އުފެދުމަށް ގެއްލުންވެފައި އޮތުމުން، އެ ރަށުގައި ފެންބޮޑުވެއްޖެ ނަމަ ފެން ހިންދާނެ ނިޒާމެއް ނެތް ކަމަށް ސިޓީގަވެ އެވެ.

ބިލީފުން ބުނީ ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށިކުޅީގެ އިތުރުން ރާއްޖޭން ގެއްލެމުންދާ ގިނަ ގަސްތަކެއް ހިމެނޭ ކުޅިއަކަށްވާ އިރު، ކުޅި ހިއްކުމަށް ނެގި ޗަކަތަކާއި ކިސަޑު އަދި ކެނޑި ބައެއް ގަސްތަކުގެ ކުނިތައް ކުޅީގެ ނުހިއްކައި އޮތް ބަޔަށް އެޅެމުންދާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދު ބެލެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ބިލީފުން ވަނީ އެދިފަ އެވެ. އަދި އެ ކުޅިއާ މެދު އަމަލު ކުރާނެ ގޮތުގެ ލޭންޑް ޔޫޒް ޕްލޭނެއް އެކުލަވާލައި، ރަށުގެ ރައްޔިތުންނާ އެކަން ހިއްސާ ކޮށްދިނުމަށް ވެސް ބިލީފުން އެދިފައިވެ އެވެ.