31 ޖުލައި 2018 - 16:38

ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" މި ފަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަދު ލިބިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ ސިންގަޕޫރުގައި މިއަދު ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، އޭޝިއާ ޕެސިފިކް ގައުމުތަކުގައި މަސައްކަތް ކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި ކަމަށެވެ.
ބީއެމްއެލް އަށް މި އެވޯޑް ދިނީ އެ ބޭންކުން ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީން ކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.
ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވީ، އެ ބޭންކުގެ ޑައިރެކްޓަ ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަނަލް ކޮމިޔުނިކޭޝަންސް މެނޭޖަރު ފާތިމަތު މައިޝާ އާދަމް އެވެ.
އެވޯޑާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސަހާ ވިދާޅުވީ، މި ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެވަނަ ފަހަރަށް ވެސް މި އެވޯޑް ރާއްޖެ އަށް ގެނެސްދިނުމަށްޓަކައި އެޗްއާރު ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން. އެ ޓީމުގެ ދެވަނައެއް ނުވާ ޕްރޮފެޝަނަލް މަސައްކަތާއެކު މި ކާމިޔާބު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކުގެ މެނޭޖަރުންނާއި މުވައްޒަފުންގެ ޓީމަކީ ވެސް އެކުއެކީގައި މަސައްކަތް ކުރުމަށް އިސްކަންދީ އަދި އެކަށިގެންވާ މަސައްކަތުގެ މާހައުލެއް ބޭންކުގައި ގާއިމްކުރުމަށް ވަރަށް އިސްކަންދޭ މުވައްޒަފުން،" ސަހާ ވިދާޅުވި އެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދޭ އެއް ކުންފުންޏެވެ.
ބީއެމްއެލް އިން ބުނީ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށް ފަހު، އެ ބޭންކުން އަންނަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ކަމަށެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާ ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.