31 ޖުލައި 2018 - 14:30

ފުޓްބޯޅައިގައި ޒުވާން ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި، ކުރިން ކާމިޔާބު ހޯދާފައިވާ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފަން ޖެހޭނެ ކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ބުނެފި އެވެ.

އާ ޖީލެއް ބިނާކުރުމުގެ މަސައްކަތްކުރަމުން އަންނަ ގައުމީ ކޯޗު ޕީޓާ ސެގާޓް ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑުން ތަޖުރިބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނުހިމަނަ އެވެ. މި ސީޒަނުގައި 25 ލަނޑު ޖަހާފައިވާ އުމުރުން 32 އަހަރުގެ ދަގަނޑޭ ނުހިމެނި އެއް ސަބަބަކީ އޭނާ ބުނި ގޮތުގައި ދަގަނޑޭގެ އުމުރުން ދުވަސްވެފައިވުމެވެ. އެކަމަކު އޭނާއާ ދާދި އެއް އުމުރެއްގެ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ.
އެކަމާ ބެހޭގޮތުން ހިޔާލު ހޯދުމަށް "މިހާރު"ން ސުވާލުކުރުމުން މާއްޓޭ ބުނީ މުސްތަގުބަލަށް ޓީމެއް ބިނާކުރާއިރު ސީނިއާ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ހިފައި އަދި އެ ކުޅުންތެރިން އެ ހިސާބަށް އަންނަން ކުރި މަސައްކަތް އެއީ ޒުވާން ކުޅުންތެރިންގެ ހިތްވަރަކަށް ވާން ޖެހޭ ކަމަށެވެ. އަދި ކާމިޔާބު ލިބިފައި ނެތަސް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިންނަށް ވެސް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް މާއްޓޭ ދެކެ އެވެ.
ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދިއިރު ގޯލް ބެލެހެއްޓި މާއްޓޭ ބުނީ ޓީމު ނަގާނީ އެ ކޯޗަކު ކަނޑައަޅާ ކްރައިޓީރިއާތަކަށް ބަލައި އެއަށް ފެތޭ ކުޅުންތެރިން ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އުމުރާއި މަސައްކަތުގެ ރޭޓާއި ފުޓްބޯޅައިގެ އެތިކްސް ފަދަ ކަންކަމަކީ ޓީމު ނަގާއިރު ކޯޗަކު ބަލާ މިންގަނޑުގައި ހިމެނޭ ކަންކަން ކަމަށް ބުންޏެވެ.
"އަޅުގަނޑު ކޯޗުގެ ނިންމުމަށް އިހުތިރާމްކުރަން އަދި އެކަމަށް ފާޑުކިޔަން ބޭނުމެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް ފެނޭ ދަނޑުމަތީގައި ދަގަނޑޭ ކުޅޭ ކުޅުމާއި ކުރާ މަސައްކަތް. ޔަގީނުން ވެސް ދަގަނޑޭ އެ ދައްކާ ކުޅުމަކީ ޓީމުން ބޭރުވާން ޖެހޭ ފަދަ ކުޅުމެއް ނޫން. ކުޅުންތެރިއަކު ޓީމުން ބޭރުވާނަމަ އެކަމުގައި ފެއާނަސް (އިންސާފުވެރިކަމެއް) ހުންނަން ޖެހޭނެ،" މާއްޓޭ ބުންޏެވެ.
"ދަގަނޑޭ އަކީ ޗެމްޕިއަނެއް. އޭނާ ދަނޑުމަތީގައި ދައްކާ ކުޅުމާއި އޭނާގެ ތަޖުރިބާ އާއި އޭނާ މިހިސާބަށް އަންނަން ކުރި މަސައްކަތް، މި ހުރިހާ ކަމަކީ ޒުވާން ކުޅުންތެރިންނަށް މުހިއްމު ކަންކަން ދަސްކުރާށާއި ތަޖުރިބާ ހޯދަން. ޒުވާން ކުޅުންތެރިން ބިނާކުރާއިރު އެފަދަ ކުޅުންތެރިންގެ ބޭނުން ބޮޑުވާ ސަބަބަކީ އެއީ."
ވިކްޓަރީ، ވެލެންސިއާ، އައިއެފްސީ އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ މާއްޓޭ ބުނީ އޭނާ ޓީމު ނަގާ ނަމަ ބަލާނެ މިންގަނޑުގެ ތެރޭގައި ކުޅުންތެރިއާ އަށް އާއްމުންގެ ތަރުހީބު އޮތް މިންވަރާއި އެ ކުޅުންތެރިއާކޮށްދީފައިވާ ހިދުމަތާއި ކުޅުންތެރިންގެ ސަބަބުން ޓީމަށް ލިބޭނެ ސަމާލުކަމާއި މިކަންކަން ވެސް ހިމެނޭނެ ކަމަށެވެ.
"ސަބަބަކީ ޓީމަކީ ހަމައެކަނި އެ ނަގާ 25 ކުޅުންތެރިންނާއި އޮފިޝަލުންނަށް ނުވާތީ. ޓީމަކީ މީޑިއާ، ޓީމަކީ ފޭނުން، ޓީމަކީ ސަޕޯޓަރުން،" ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް ހާސިލްކޮށްފައިވާ މާއްޓޭ ބުންޏެވެ. "ދަގަނޑޭ އަކީ އެތައް ރައްޔިތުންތަކެއް ތާއީދުކުރާ ކުޅުންތެރިއެއް. އޭނާ އަކީ މީޑިއާ އިން ފޮލޯކުރާ ކުޅުންތެރިއެއް. އޭނާ އަކީ މާކެޓިން ކޮމޯޑިޓީއެއް. އަޅުގަނޑު ޓީމު ނަގާ ނަމަ އެފަދަ މިންގަނޑުތަކެއް ވެސް ހިމެނޭނެ."
ގައުމީ ކޯޗު ސެގާޓް ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައިކޮށްދޭން އުއްމީދުކުރާ ކަމަށް ބުނެފަ އެވެ. އަދި އެ މުބާރާތަށް ދާއިރު ދަގަނޑޭގެ އުމުރުން 37 އަހަރުވާނެތީ އެއީ ވެސް އޭނާ ނުހިމެނި ސަބަބެއް ކަމަށް އިޝާރާތްކުރި އެވެ.
މާއްޓޭ ބުނީ ކޯޗުގެ އުއްމީދު އޮތުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް ކަމަށާއި އެކަމަކު އެފަދަ ނިންމުންތަކަކީ އެފްއޭއެމްގެ ފަރާތުން އަންނަން ޖެހޭނެ ކަންކަން ކަމަށާއި އެވަރުގެ ބޮޑު އަމާޒެއް ކަނޑައަޅާއިރު ސްޓްރެޓެޖީތަކެއް ހެދި ލިޔެވި ޝާއިއުކުރަވިފައި އޮންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ ހިޔާލުގައި އެކަން އެއޮތީ އިސްފަސްވެފައި. އެ އަމާޒު އަންނަން ޖެހޭނީ އެފްއޭއެމްގެ ފަރާތުން. ސަބަބަކީ ކޯޗަކީ އެފްއޭއެމުން ކަނޑައަޅާ އަމާޒުތަކަށް މަސައްކަތްކޮށްދޭން ހުންނަ މީހަކަށްވާތީ. ކޯޗަކީ އެފްއޭއެމްގެ ކޮންޓްރެކްޓެއްގައި ހުންނަ މީހެއް. އެކަމަކު އެފްއޭއެމުން ނެރޭ އެއްޗެއް ވިއްޔާ އެއީ އިންސްޓިޓިއުޝަނަލް އެއްޗަކަށް ވާނީ. އަދި އެ އަމާޒަކީ ސަރުކާރުގެ ސްޕޯޓްސް ޕޮލިސީއާ އެލައިންވާ ކަމެއްތޯ ވެސް ބަލަން ޖެހޭނެ. ސީނިއާ ޓީމަކީ އެ އަމާޒަށް ވާސިލްވުމުގެ އެއް ބައި. ޔޫތު ޓީމުތަކަށް ޕްލޭނެއް އެބައޮތްތޯ މިއީ ކޯޗާ ސުވާލުކުރެވެން ޖެހޭ ކަންކަން،" މާއްޓޭ ބުންޏެވެ.
އޭނާ ބުނީ ވޯލްޑް ކަޕަށް ދިއުމުގެ އުއްމީދުގައި މަސައްކަތްކޮށް އެ މަގުގައި ދަތުރުރާއިރު ރާއްޖޭން ތަޖުރިބާތަކެއް ވެސް ހޯދަން ޖެހޭނެ ކަމަށާއި އަދި މުބާރާތްތަކެއް ވެސް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. ދަގަނޑޭ ފަދަ ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވަނީ އެކަމަށްކަން ވެސް އޭނާ ފާހަގަކުރި އެވެ.
ދަގަނޑޭގެ އުމުރާއި އޭނާ އަށް ގައުމީ ޓީމުގައި ފަހަކަށް އައިސް ނުކުޅެވޭ ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ. މާއްޓޭ ބުނީ އެއީ އަބަދުވެސް ދިމާވާ ކަމެއް ކަމަށާއި އޭނާ އާއި އަދި ގޯލްކީޕަރު އިމްރާން މުހައްމަދަށް ވެސް އެ ފާޑުކިއުން އައި ކަމަށެވެ.
"އަޅުގަނޑު ކުޅުނުއިރު ވެސް ވަކި ހިސާބަކުން މާއްޓޭ މުސްކުޅިވެއްޖެއޭ ނުކުޅެވޭ ކިޔައިގެން ނޫސްތަކުގައި ވާހަކަތަކެއް އޮތް. ހަމަ އިމްރާނަށް ވެސް ވީ އެހެން. މިދޭތެރެއިން އިމްރާނަށް ވެސް މިހާރު ނުކުޅެވެޔޭ ބުނެ ވާހަކަތަކެއް ދެކެވުނު، އެކަމަކު އިމްރާން އޭނާގެ ފެންވަރު ސާބިތުކޮށްދީ އަލުން ކުޅެ މަޑުމަޑުން އެ ދުރަށް ޖެހިލީ. ދަގަނޑޭ އަށް ވެސް އެކަން އެ ދިމާވަނީ،" މާއްޓޭ ބުންޏެވެ.