ފަތިސްހަނދުވަރު
ފަތިސްހަނދުވަރު

އާދިއްތަ ދުވަހާ ގުޅޭ

އިފުރީތުގެ ބޭނުމަކީ އެހެން ހުރިހާ މީހުންނާއި ޖިނާ ވަކިކޮށްލުމެވެ. ޖިނާ ހިތަށްއެރިއެވެ. ޒޫނާ އެކަނިމާއެކަނި ގަސްތަކާ ދިމާއަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ އެހެން މީހަކަށް އެ މަންޒަރު ނުފެނުނީ ކީއްވެގެން ހެއްޔެވެ؟ ވަގުތަކީ މީހަކަށް ފޯނުކޮށް، ވާނުވާ އޮޅުންފިލުވޭ ކަހަލަ ވަގުތެއް ނޫނެވެ. ގުގުރިޖެހުމާއި އެންމެން ދުއްވައިގަތުމާ ދެމެދު ތިރީހަކަށް ސިކުންތު ވެސް ނުހިނގައެވެ. ޒޫނާ ކަމަށް ޖިނާ ހީކުރި އަންހެންކުއްޖާގެ ފަހަތުން ޖިނާ ވެސް ވަނީ ގަސްތަކުތެރެއަށެވެ. އެ ހިސާބުން "ޒޫނާ" ގެއްލުނެވެ. އޭނަ ދިޔަ ދިމާއެއް، ވަންތަނެއް ޖިނާއަކަށް ނޭނގުނެވެ. ޖިނާއަށް އޭރު ހުރެވުނީ ރަށުގެ ކޮން ހިސާބެއްގައިކަމެއް ވެސް ޖިނާއަކަށް ނޭނގެއެވެ.

"ޒޫނާ! ޒޫނާ!" ނިކަން ބާރަށް ޖިނާ ގޮވައިލިއެވެ.

"ޖިނާ!" ޒޫނާ ހަޅޭއްލަވައިގަތް އަޑު އިވުނެވެ.

އަޑު އައީ ތަންކޮޅެއް ދުރުންނެވެ. ޖިނާ އެ ދިމާއަށް ދުއްވައިގަތެވެ. ހަމަ ދުއްވައިގަތްތަނާ ކޮންމެވެސް އެއްޗެއްގައި އަޅައިގެންފައި ޖިނާ ވެއްޓުނެވެ. އައިނު ވިއްސައިގެންދިޔައެވެ. އެ ހިސާބުން ޖިނާއަށް ތަންތަން ފުސްވިއެވެ. ބިންމަތީގައި އަތްފުނާއަޅަން ފެށިއެވެ. ނަސީބަކުން އައިނު އަތުޖެހުނެވެ. އަވަސްއަވަހަށް އައިނު އަޅައިލިއެވެ. އެކަމަކު ކުރިމަތީގައި ހުރި މީހާ ފެނުމުން ޖިނާގެ ދޫ ތަޅުލެވުނު ކަހަލައެވެ. ނިތްކުރިޔަށް ރޫ ގިނަވަމުންދިޔައިރު، ދެ ލޯ ކުޑަކޮށްލައިފައި ޖިނާ ބަލައިލިއެވެ. ޖިނާގެ ކުރިމަތީގައި ހުރީ ޖިނާއެވެ. އެއްވެސް ތަފާތެއް ނެތެވެ. ތަނަށް އަނދިރިކަން ވެރިވެފައި އޮތަސް، އޭނަގެ މޫނު ޖިނާއަށް ފެނެއެވެ. އަޖައިބެއް ކަހަލަ އަލިކަމެއް އެ މޫނުގައި ހުއްޓެވެ. އޭނަ ލައިގެން ހުރީ ކަޅުކުލައިގެ ގަމީހެކެވެ. އެ ގަމީސް ވެސް ހުރީ ޒާތަކަށް ދިއްލިފައެވެ. ދެވަނަ ސިކުންތުގައި އޭނަ ލައިގެން ހުރީ ރަތްގޮޅިޖެހި ގަމީހެކެވެ.

"ކާކު ތީ؟" ޖިނާ ސުވާލުކުރިއެވެ.

"މީ ޒޫނާގެ ލޯބި!" ޖިނާގެ އަޑުން އޭނަ ޖަވާބުދިނެވެ. ސާފު ދިވެހިބަހުންނެވެ. "ކަލޭ ތީ ކާކު؟"

"ޖިނާ!" ކުރީ ފަހަރަށް ވުރެ މަޑުން ޖިނާ ބުންޏެވެ.

"ތީ ފައްކާ ޖޯކަރެއް! މީ ޖިނާ!" ދެ ލޯ އަނގުރުގަނޑެއްހެން ދިއްލައިލައިފައި، މޭގައި އިނގިލި ޖައްސައިލައިފައި އޭނަ ބުންޏެވެ. "ކަލެޔަށް ވުރެ ކުރިން މަށޭ ޖޫނާދެކެ ލޯބިވީ! ޒޫނާ އެ ވާހަކަ ކިޔައެއް ނުދޭތަ؟"

އެ ހިސާބުން ޖިނާގެ އަނގައިން ބަސް ހުސްވިއެވެ. ހިތަށް ބިރުވެރިކަން ވަނެވެ. އެންމެ ލަފުޒެއް ވެސް ދުލުން ބޭރުކުރާކަށް ނުކެރުނެވެ.

"މަ ހީކުރީ އެންމެ ލޯބިވާ މީހާ ގެއްލުނީމަ ކަލެއަށް އެއްޗެއް ވިސްނޭނެކަމަށް،" ޖިނާ ކުރިމަތީގައި ހުރި "ޖިނާ" ބުންޏެވެ. "ލޯބިވާ މީހާ އެހެން މީހަކު ޖަހައިގަތީމަ ކުރެވޭ އިހުސާސް ވެސް ކަލެޔަށް ކުރެވޭނެކަމަށް. ހަރާން ވީކަމެއް. އިހަށް ދުވަހު އޭނަ ދިޔައީ. ކަލޭ މިހާރު ތިއުޅެނީ މީހަކާ ނީނދެވިގެން ދެ ފައި އެއްތާނގަ ނުޖެހިގެން. ކޮންކަހަލަ އިންސާނެއް ކަލޭ ތީ؟ ކަލެޔާ ހެދި ދަރިންނަށް ކިހާ ބޮޑު ލަނޑެއް އެ ލިބުނީ! އޭނ؟ ކުދިންނަށް ކިހާ ބޮޑު ދެރައެއް ކަލޭ ތި ދިނީ. ކަލޭ ޒޫނާއާ ހިތާ ނުވި ނަމަ ކުދިންގެ މަންމަ އަދިވެސް ކުދިން ގާތުގަ ހުރީހޭ. ޒޫނާޔާ ދުރަށް ދާން ކަލެޔަށް ކިތައް ގޮތަށް ވިސްނައިދިނިން. ބަލަ ޒޫނާ ލޯބިވީ ކަލޭދެކެއެއް ނޫނޭ. އަހަރެން ދެކެޔޭ. އަހަންނޭ އެ ރޭ ޒޫނާއަށް ފެނުނީ. އަހަރެންގެ ފޮނި ބަސްތަކުގެ އަސަރުގަޔޭ ޒޫނާ ޖެހުނީ. އެކަމަކު މިހާރު މިއޮތީ އަހަރުމެންގެ މަގު ހުރަސްވެފަ. އަހަރެން ހިތަށްއަރާ ކިހިނެއްބާއޭ ކަލެއަށް ހަދާނީ؟"

ޖިނާ ބަލަހައްޓައިގެން އިނީއެވެ. އޭރު ބޯކޮށް ވާރޭވެހެއެވެ. މާލެއަކަށް ވާރެޔެއް ނުވެހެއެވެ. ހަނދުވަރު ވަރަށް ނަލައެވެ. ޝާޒްލީ އޮތީ ސޯފާގައި ބަންޑުން އޮށޯވެގެންނެވެ. ބުޅާ އޮތީ ތަޅުންގަނޑުމަތީގައެވެ. ބޮލުގައި އައްސަން ގެންގުޅުނު ވޫލްކޮޅު ބުޅަލަށް ދިއްކުރާއިރަށް ބުޅާ ފުންމަފުންމައިފައި އޭގައި ހިފޭތޯ މަސައްކަތްކުރެއެވެ. ކައިރީގައި ހުރި މޭޒުމަތީގައި އޮތް ފޯނު ރަނގަބީލުވިއެވެ. ފޯނަށް ބަލައިލައިފައި، ވަރަށް އުފާވެފައި ޝާޒްލީ ފޯނު ނެގިއެވެ.

"މަ ގުޅާގުޅާ!" ޝާޒްލީ ބުންޏެވެ. "ކޮންތާކު ތި އުޅެނީ؟ އެނގޭތަ އަހަންނަށް ޖޮބު.."

ޝާޒްލީއަށް ބުނެވުނީ އެ ހިސާބަށެވެ. ވާހަކަ މެދުކަނޑައިލައިފައި ޢަލީ ވާހަކަދެއްކިއެވެ.

"އަހަރެން އަޑުއެހިން ޝާޒްލީގެ ބައްޕަ މީހަކާ އިންނަންއުޅޭ ވާހަކަ،" ޢަލީގެ ރާގުގައި ހުރީ ފޫހިކަމުގެ އަސަރެވެ. "ތެދެއްތަ؟"

"ކިހިނެއްވީ؟" ހައިރާންވެފައި ޝާޒްލީ ބުންޏެވެ. "ކިހިނެއް އައްޔައަށް އެނގުނީ؟"

"ޒޫނާތަ އޭނައަށް ކިޔަނީ؟" ޢަލީ ސުވާލުކުރިއެވެ.

"ކިހިނެއްވީތަ؟" ޖަވާބުދިނުމުގެ ބަދަލުގައި ޝާޒްލީ ވެސް ކުރަނީ ސުވާލެވެ. "ކީއްވެތަ މާ އެހެން ގޮތަކަށް ތި ވާހަކަދައްކަނީ؟ ކަމަކާ ރުޅިއައިއްސަތަ ތިހިރީ؟"

ޢަލީގެ ރާގު ބަދަލެއްނުވިއެވެ. ޝާޒްލީ ކުރި ސުވާލަކަށް ޖަވާބެއް ވެސް ނުދިނެވެ.

"ޝާޒްލީއަށް ވަރިހަމަތަ ބައްޕަ މޮޔައަކާ އިނަސް؟" ޢަލީ އެހިއެވެ. "މާލޭން އަންހެނުން ހުސްވީތަ؟ އޭނައަކީ މޮޔައިން ތިބޭ ތަނުން އިހަށްދުވަހު ދޫކޮށްލި މީހެކޭ."

"ކިހިނެއްވެގެންތަ ތިހާ ރުޅިއައިސްގެން ތި އުޅެނީ؟" އަނެއްކާ ވެސް ޝާޒްލީ އެހިއެވެ. "ޒޫނާ މިހާރު ރަނގަޅުވެއްޖޭ! އެނގޭތަ ބައްޕަ އައީމަ ދެން އަހަރުމެން މީޓުކުރަން އެހާ ފަސޭހައެއް ނުވާނެ. ހަދަންޖެހޭނެ ގޮތަކީ.."

ޢަލީ ފޯނު ކަނޑައިލިއެވެ. ޝާޒްލީ އުޅުނީ އަލުން ގުޅާށެވެ. އެ ވަގުތު ފަޒޭލު ކޮޓަރިން ބޯދިއްކޮށްލައިފައި ތުނބުންފުމެލިއެވެ. ޝާޒްލީ ބަލައިލުމުން، އައުމަށް އިޝާރާތްކޮށްލިއެވެ. އެ ރެޔަކީ ތިންބެއިންގެ މެދުގައި ވަރުގަދަ ރޭވުމެއް ރޭވުނު ރެޔެކެވެ. އިސްކޮށް އުޅުނީ ސުހެއިލެވެ.

ކައިވެނީގެ ހުރިހައިކަމެއް ނިންމައިފައި، މާލެދާން ފުރިއިރު ގަޑިން އެގާރަގަޑި ބައިވަނީއެވެ. ފެރީގައި މީހުން ވަރަށް މަދެވެ. ތިބި މީހުންގެ ތެރޭގައި ވެސް ގިނައީ ކައިވެންޏަށް ތަން ތައްޔާރުކުރަން ދިޔަ މީހުނެވެ. ޒޫނާ އިނީ ފިކުރަކަށް ގެއްލިފައެވެ. ޖިނާ އިނީ ނިކަން ސާބިތުކަމާ އެކުގައި ޒޫނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހީވާ ކަހަލައެވެ. އެހާ ގާތުން ޒޫނާގެ މޫނު ޖިނާއަށް ނުފެންނަތާ އެތަކެއް ދުވަހެއް ވެއްޖެއެވެ.

"އޭތް!" ވަރަށް އޯގާތެރިކަމާއެކު ޖިނާ ބުންޏެވެ. "ކޮން ފިކުރެއްގަ؟"

"މަ ހަމަ ހައިރާންވެއްޖެ!" ޒޫނާ ޖަވާބުދިނެވެ.

"ކޮންކަމަކާ؟" ޖިނާ ސުވާލުކުރިއެވެ.

ޒޫނާ ހަމަޖެހިލިއެވެ. ޖިނާގެ އަތުގައި ހިފައިލިއެވެ.

"އަހަރުމެން ކައިވެނިކުރި ތަނަށް އޭނަ ނައީމަ،" ޒޫނާ ޖަވާބުގައި ބުންޏެވެ. "އޭނަޔަށް ނޭނގިޔެއް ނުހުންނާނެ. ފޫހިވީ ކަންނޭނގެ ދޯ؟"

ޖިނާ ބޮޑަށް ގާތަށްޖެހިލައިފައި ޒޫނާގެ ކަންފަތް ކައިރިއަށް ގުދުވެލިއެވެ.

"އޭނަ ނުވާނެ ފޫއްސެއް،" ވައިއަޑުން ޖިނާ ބުންޏެވެ. "ތީ ފޫހިވާ ކަހަލަ ކުއްޖެއްތަ؟"

ޒޫނާގެ ގައިން ހީބިހިނަގައިގެންދިޔައެވެ. ޖިނާ ނޭވާގައި ހުރީ، ކުރިން ނުހުންނަ ކަހަލަ ހޫނުކަމެކެވެ. ޒޫނާއަށް ދުރަށްޖެހިލެވުނެވެ.

"ޖިނާއަށް އެނގޭތަ ޖިނާ މީހާރު އޭނަޔާ ކިހާ ވައްތަރުކޮށް ވާހަކަދައްކާކަން؟" ޒޫނާ ފާޑަކަށް ބަލަހައްޓައިގެން އިނދެފައި ބުންޏެވެ.

"ތީ ލޯބިން ބުނި އެއްޗެއްތަ ނޫނީ ރުޅިއައިސްގެން ބުނި އެއްޗެއްތަ؟" ޖިނާ ސުވާލުކުރިއެވެ.

"ރޭގަނޑު ކަނޑުމަތީގަ ތިބެގެން އޭނަގެ ވާހަކަދައްކާކަށް ނުވާނެ،" ގޮނޑީގައި ހަމަޖެހިލަމުން ޒޫނާ ބުންޏެވެ. "އަހަރެން މިހާރު ހިތަށްއަރާ ކީއްވެގެންބާއޭ އަތިރިމަތީގަ ކައިވެނިކުރަން އަހަރެން ބޭނުންވީ؟ ކަމެއް ނުވިކަން އެއީ ހަމަ ނަސީބެއް."

"އަސްލު ވެސް،" ޖިނާ ބޯޖަހައިލަމުން ބުންޏެވެ. "ލިބުނު ހެޔޮ ނަސީބުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ!"

މާލެއައިސް ޒޫނާ ދިޔައީ ޒޫނާގެ ގެޔަށެވެ. ޖިނާ ވެސް ދިޔައީ އެ ގެއަށެވެ. އެކަމަކު އެ ގޭގެ ދޮރާށްޓާ ހިސާބަށް ގޮސްފައި ޖިނާ ހުއްޓުނެވެ. ޖިނާއަށް ދޮރު ފެންނަނީ އަލިގަނޑެއްހެންނެވެ. ހީކުރި ވަރަށް ވުރެ ބޮޑަށް ލޮލަށް ނުކުޅަދާނަވާ ވަރު ވެއެވެ. އިންސާނެއްގެ ހައިސިއްޔަތުން، އެ ކަންކަމާ ކުރިމަތިލުމަކީ ޖިނާއަށް ފަސޭހަކަމެއް ނޫނެވެ. ރައްކާތެރިކަމެއް ވެސް ނޫނެވެ.

"މިރޭ ދާންވީ ގެއަށް ކަންނޭނގެ ދޯ؟" ޖިނާގެ ޚިޔާލު ބަދަލުވިކަމަށް ހެދުނެވެ.

"ދެން ނޫން!" ޒޫނާ އެއްބަހެއް ނުވިއެވެ. "އަހަރެންގެ ކޮޓަރި އެހެރީ ރެޑީކޮށްފަ! ދޯ ގާދިރުބޭ!"

ގާދިރު ހިނިތުންވެލިއެވެ. ޖަވާބެއް ނުދެއެވެ.

"ދަރިފުޅު ބޭނުން ގޮތެއް ހަދަންވީ!" ސަކީނާ ވެސް ދިނީ ލުއި ޖަވާބެކެވެ. "މަންމައަށް މައްސަލައެއް ނެތް ކޮންމެ ގޮތެއް ވެސް. ވަކި ގޮތެއް ހަމަޖެހެންދެން މި ގޭގަ ހުރުން ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ."

ޖިނާ ވިސްނައިލިއެވެ. ކުރިޔަށް ހިނގައިގަތެވެ. ގެޔަށް ވަނީއްސުރެ ޖިނާއަށް އުނދަގޫތަކެއް އިހުސާސް ކުރެވުނެވެ. ކެތްކޮށްލައިގެން ހުރީއެވެ. އެކަކަށް ވެސް އެނގުނަކަ ނުދެއެވެ. ކޮޓަރިއަށް ވަނީއްސުރެ ޖިނާގެ ކަމަކީ ސުވި×ޗު ނިއްވުމެވެ. ތަން އަނދިރިކުރުމެވެ. ޒޫނާގެ ކަމަކީ ސުވިޗު ޖެއްސުމެވެ.

"ކީއްވެގެންތަ ތި ނިއްވަނީ؟" ޒޫނާ އެންމެ ފަހުން އެހިއެވެ. "އަނދިރިކަމުން ތަނެއް ދޮރެއް ނޭނގެއެއްނު!"

"ކަމެއްނުވޭ!" ޖިނާ ބުންޏެވެ. "މާ އަލިވީމަ އަހަންނަކަށް އެހާ ކަމަކުނުދޭ. ނިދަންތަ މި އުޅެނީ؟ ހިނގާބަލަ އަތިރިމައްޗަށް ގޮސްލަން. ވާރޭ ވެސް ހުއްޓައިލައިފިއެއްނު."

ޖިނާގެ އެ ޚިޔާލު ޒޫނާއަކަށް ކަމަކުނުދިޔައެވެ. ވަރުބަލިވެގެން ވެއްޓޭ ކަހަލަ ގޮތަކަށް އެނދަށް ވެއްޓިގަތެވެ.

"ޖިނާ ތި ބުނަނީ އަތިރިމައްޗަށް ދާން،" ލޯމަރާލައިގެން އޮވެ ޒޫނާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ފާޚާނަޔާ ހަމައަށް ދާން ވެސް. މިހެން އޮވެ ނިދާހިތް ވަނީ. ވަރަށް ލޮޑުވެއްޖެ!" އެ ހިސާބުން ޒޫނާ ލޯ ހުޅުވައިލިއެވެ. "ޖިނާ ގެއަކަށް ނުގުޅާނަންތަ؟ ދާންވީނު ގެއަށް ވަދެލާފަ އަންނަން."

ޖިނާ އަނެއްކާ ވެސް ބޮކި ނިއްވައިލިއެވެ. މުޅި ތަން އަނދިރިވިއެވެ. ދެން އިވެން ފެށީ ޖިނާގެ ގުގުރީގެ އަޑެވެ. ޒޫނާ ހީނގަތެވެ. ކުއްލިއަކަށް ޒޫނާގެ އަތުގައި ޖިނާ ހިފިއެވެ. އެ ހިސާބުން މުޅި މާޙައުލުގެ ކުލަ ބަދަލުވެގެންދިޔައެވެ.

ޒޫނާއަށް ވަރަށް ގަދަޔަށް ނިދުނެވެ. އެކަމަކު ދަންވަރު ހޭލެވުނެވެ. ބަލައިލިއިރު އެނދަކު ޖިނާއެއް ނެތެވެ. ފަތިސްވަނިކޮށް ވެސް ޒޫނާއަށް ހޭލެވުނެވެ. އޭރު ވެސް ޖިނާއެއް ނެތެވެ. ދެން ނިދިފައި ޒޫނާއަށް ހޭލެވުނީ ހެނދުނު ނުވައެއް ޖަހަނިކޮށެވެ. އޭރު ވެސް އެނދުގައި އޮތީ ޒޫނާ އެކަންޏެވެ. ޒޫނާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ކޮޓަރިތެރެއަށް ނަޒަރުހިންގައިލިއެވެ. ޖިނާއެއް ނެތެވެ.

"ޖިނާ!" ޒޫނާ ތެދުވަމުން ގޮވައިލިއެވެ.

(ނުނިމޭ)