31 ޖުލައި 2018 - 16:05

ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު މުނައްވަރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ކަންޓްރީ ޑައިރެކްޓަރު އިދާ ސަވަރަޔީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ، ވޯލްޑް ބޭންކުން ދޭ 12 މިލިއަން ޑޮލަރުގެ ތެރެއިން 50 ޕަސެންޓަކީ އެހީ ކަމަށެވެ.
"މިއީ ސަރުކާރުގެ ޕަބްލިކް ރިފޯމް އެޖެންޑާ އަށް ވޯލްޑް ބޭންކުން ދިން ވަރަށް މުހިންމު އެހީއެއް،" މުނައްވަރު ވިދާޅުވި އެވެ.
ވޯލްޑް ބޭންކާ އެކު ރާއްޖެ އިން މަސައްކަތް ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވާ ކަން ފާހަގަ ކުރައްވަމުން މުނައްވަރު ވިދާޅުވީ، އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މާލީ ނިޒާމުގެ އޮނިގަނޑު ރަނގަޅު ކުރުމާއި ޕަބްލިކް ފައިނޭންސް އިސްލާހު ކުރުމާއި ދަރަނި މެނޭޖް ކުރުމަށާއި ފިސްކަލް ރިޕޯޓިން ނިޒާމު ރަނގަޅު ކުރުމަށް އަދި ތަފާސްހިސާބުގެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، މިއީ ސަރުކާރުން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މުހިންމު ކަންތައްތަކެއް ހާސިލް ކުރުމުގެ ނަތީޖާ އެވެ.
"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި ވަނީ ވަރަށް ގިނަ ކަންތައްތަކެއް ހާސިލް ކޮށްފައި. ވޯލްޑް ބޭންކުން އަޅުގަނޑުމެންނާ އެކު ކުރަމުންދާ މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ނިންމުމުގެ ވަރަށް ބޮޑު ސަބަބެއް އެއީ،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މިދިޔަ ހަތަރު އަހަރު މާލީ ދާއިރާ އަށް ގެނެސްފައިވާ އިސްލާހުތައް ވޯލްޑް ބޭންކުން ވަނީ ބަލައިގަނެފައި. އަދި ސަރުކާރުގެ މި މަސައްކަތްތަކަށް އެހީވުމަށް ތައްޔާރަށް އޮތް ކަން މިކަމުން ހާމަވަނީ."
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެ އަށް ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ ކަންޓްރީ ޑައިރެކްޓަރު އިދާ ވިދާޅުވީ ދިވެހި ސަރުކާރާ އެކު ކުރިއަށް ދާން ނިންމީ ވަރަށް މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އަޅާފައި ވާތީ ކަމަށެވެ.
"[މާލީ] ނިޒާމަށް ގެނައި އިސްލާހުތަކުގެ ސަބަބުން ބަޖެޓު ތައްޔާރު ކުރުމާއި ތަންފީޒު ކުރުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައި ކަން ފާހަގަކުރަން. އަދި ފައިނޭންސް މިނިސްޓްރީގެ ވެބްސައިޓަށް ވަދެ ބަޖެޓަށް ލާފައިވާ ކަންތައްތަކާއި ހަރަދު ކުރި ގޮތް ފެންނަން ހުރުމަކީ ވެސް މީގެ ސަބަބެއް. އޭރުން، މި ކަންތައްތަކަށް ފާޑު ކިޔުމުގެ ފުރުސަތު ހުޅުވިގެން ދާނެ. ވޯލްޑް ބޭންކުން ދެކޭ ގޮތުގައި މިއީ ކޮންމެ ގައުމެއް ވެސް ތަރައްގީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.
އިދާ ވިދާޅުވި ގޮތުގައި، ސަރުކާރުން އެކިއެކި މަޝްރޫއުތަކަށް ބަޖެޓުން ކަނޑައަޅާ މިންވަރާއި ބަޖެޓުން ހަރަދު ކުރާ ގޮތުގެ ތަފްސީލު ހާމަ ކުރުމަކީ ވެސް ރާއްޖެއާ އެކު ކުރިއަށް ދިއުމަށް ނިންމި އެއް ސަބަބެވެ.
"ދެހާސް ސޯޅަ ވަނަ އަހަރު ފައިނޭންސް މެނޭޖްމަންޓް ސްޓޭޓްމަންޓްސް މިހާރު އެ ދަނީ އޮޑިޓް ކުރަމުން. އަދި ފުރަތަމަ ފަހަރަށް މިފަހަރު ތިޔަ ބޭފުޅުންނަށް ފެނިގެންދާނެ އޮޑިޓަރުގެ ހިޔާލުތައް ވެސް. މިފަދަ ސަބަބުތަކާ ހެދި ވޯލްޑް ބޭންކުން މި މަސައްކަތުގައި ބައިވެރި ވަނީ. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ބަޖެޓިން ޕްރޮސެސް އަކީ ހަމައެކަނި މިނިސްޓްރީ އަށް ނުވަތަ ސަރުކާރަށް އެކަނި ފެންނަންޖެހޭ އެއްޗެއް ނޫން. އެކަމަކު ރައްޔިތުންނަށް ވެސް ބަޖެޓުގައި ހިމެނޭ ކަންކަމާއި އެ ހަރަދު ކުރެވޭ ގޮތް އެނގެންޖެހޭ،" އިދާ ވިދާޅުވި އެވެ.