31 ޖުލައި 2018 - 14:28

ދިމިޝްގު (ޖުލައި 31) - ސީރިއާގެ ހުޅަނގު ދެކުނުގެ އަވަށަކުން 30 އަށް ވުރެ އަންހެނުންނާއި ކުޑަ ކުދިން އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރަހީނުކޮށްފައިވާ ކަމަށް މޮނިޓަރުން ބުނެފި އެވެ.
އެ މީހުން ރަހީނުކޮށްފައި ވަނީ އައިއެސް އިން މިދިޔަ ހަފުތާގައި ސުވެއިދާ ޕްރޮވިންސަށް ދިން ހަމަލާގަ އެވެ. އެ ސަރަހައްދުގެ ބޮޑު ބައެއް ސީރިއާ ސަރުކާރުން ކޮންޓްރޯލް ކުރި ނަމަވެސް އައިއެސްގެ ހަނގުރާމަވެރިން އެ ހިސާބުގެ ބައެއް ތަންތަނުގެ ކޮންޓްރޯލް ވަނީ ނަގައިފަ އެވެ.
އައިއެސްގެ ބާރުގެ ދަށުގައިވާ ތަންތަން ހިފަން ސަރުކާރަށް ވަފާތެރި ސިފައިން ވަނީ ދާދި ފަހުން އޮޕަރޭޝަނެއް ފަށައިފަ އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އައިއެސް އިން ވަނީ 36 އަންހެނުން ރަހީނުކޮށްފައި ކަމަށެވެ. އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ.
އައިއެސްގެ ބާރު ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ވަނީ ނެތި ގޮސްފަ އެވެ. އެ ޖަމާއަތުގެ ބާރު އެންމެ ގަދަ ދުވަސްވަރު އެ މީހުންގެ ބާރުގެ ދަށުގައި އޮތް ބިންތަކުގައި 10 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅުނެވެ.