ބޯހިޔާވަހިކަމެއް ނެތިގެން މަގުމައްޗަށް ނުކުތުމުން ވަޒީފާތައް އޮހެނީ
ބޯހިޔާވަހިކަމެއް ނެތިގެން މަގުމައްޗަށް ނުކުތުމުން ވަޒީފާތައް އޮހެނީ

ކާމިޔާބު މީހަކަށް ވާން ބޭނުންވާ ކަމަށާއި އެކަމަކު ބޯހިޔާވާނެ ގޮތެއް ވެސް ނެތް ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައިވާ ލިޔުމަކާ އެކު އެމެރިކާގެ ޒުވާނަކު މަގުމައްޗަށް ނުކުތުމުން ވަޒީފާތައް އޮހެން ފަށައިފި އެވެ.

ވެބް ޑިވެލޮޕަރެއް ކަމަށްވާ އުމުރުން 26 އަހަރުގެ ޑޭވިޑް ކެސަރޭޒް ޖުލައި މަހުގެ 27 ވަނަ ދުވަހު ކެލިފޯނިއާގެ މަގުމައްޗަށް ނުކުތީ ބެގީ ޖަހައި ޓައި އަޅައިގެން، ބޫޓަށް ވެސް އަރައިގެން ވަރަށް ރަސްމީކޮށް ހުރެ އެވެ. އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑުގައި ލިޔެފައި އޮތީ "ހޯމްލެސް ހަންގްރީ ފޮ ސަކްސެސް، ޓޭކް އަ ރެޒިއުމް" އެވެ.

މި އިބާރާތްކޮޅާ އެކު މަގުމައްޗަށް ނުކުމެ އުޅެނިކޮށް އޭނާގެ ވާހަކަ ސޯޝަލްް މިޑިއާގައި ވައިރަލްވީީ ފުލްމޭކަޕް އަލްކެމިސްޓްގެ ނަމުގައި ޓްވިޓާ އެކައުންޓެއް ބޭނުން ކުރާ އަންހެނަކު ޑޭވިޑް ފޮޓޯއާ އެކު އޭނާ އަށް އެހީވާން އެދި ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެ ޓްވީޓް ވަރަށް ބޮޑަށް ވައިގައި ހިފައި، އެތައް ބައެއްގެ ސަމާލުކަން ޑޭވިޑަށް ހުއްޓުނެވެ. އަދި ގޫގުލް އާއި ބިޓްކޮއިން ފަދަ މަޝްހޫރު ބޮޑެތި ކުންފުނިތަކުން ވަނީ އޭނާ އަށް ވަޒީފާގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު މިހާތަނަށް ޑޭވިޑަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ނެޓްފްލިކްސް، ލިންކްޑްއިން ފަދަ ކުންފުނިތައް ހިމެނެ އެވެ.

މިކަމާ ގުޅިގެން ނިއު ޔޯކް ޕޯސްޓަށް ޑޭވިޑް ބުނީ އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ "ގޫގުލް އަހަރެންގެ ގާތަށް" އައުމުން ކަމަށެވެ.

ޑޭވިޑް ބުނި ގޮތުގައި ދިރިއުޅޭނެ ދާއީމީ ބޯހިޔާވަހި ކަމެއް ނެތުމުން، ފާއިތުވި އަހަރެއްހާ ދުވަހު ދިރިއުޅުން މެނޭޖް ކުރަމުން ދިޔައީ ކާރު ތެރޭގަ އެވެ.

"މިދިޔަ ޖެނުއަރީ މަހު އެޕަލްގެ ވަޒީފާއަކަށް ވެސް އަހަރެން ކޮލިފައިވި. އެކަމަކު ވަކި ހިސާބަކުން އެންގީ ވަޒީފާ މިހާރު އެހެން މީހަކަށް ހަމަޖެއްސި ވާހަކަ،" ޑޭވިޑް ބުންޏެވެ. "އަހަރެން ބޭނުން ވަނީ މަސައްކަތްކޮށްގެން ކާމިޔާބު މީހަކަށް ވާން."

އޭނާ ވަނީ ސޯޝަލް މީޑިއާގައި ލިބުނު ސަމާލު ކަމަށްޓަކައި، ހިތްވަރު ދިން އެންމެންނަށާއި އޭނާގެ ވާހަކަ ދައުރުކޮށް ދިން މީހުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

"މިއީ މަގުމައްޗަށް ނުކުތް އިރު އަހަރެން އެއްގޮތަކަށް ވެސް އުންމީދުކޮށްގެން ހުރި ކަހަލަ ކަމެއް ނޫން. އަހަންނަށް ލިބުނު ސަމާލު ކަމުގެ ސަބަބުން ހަމަ އަންތަރީސްވެފައި މި ހުރީ،" އޭނާ ބުންޏެވެ. "މިއީ މުސްތަގުބަލް ބައްޓަން ކުރާނެ ގޮތުގެ ދޮރެއް ހުޅުވައި ދިން ކަމެއް."