31 ޖުލައި 2018 - 16:46

އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ފަށާފައިވާ ކެމްޕޭންގެ ފޯރި ގަދަކޮށް، މާލޭގެ މަގުތަކުގައި އެ ޕާޓީގެ ދިދަފަތިތައް ދަމަން ފަށައިފި އެވެ.

ޕީޕީއެމްގެ ކެމްޕޭން ޓީމުތަކުން އަންނަނީ މާލޭގެ ބޮޑެތި މަގުތަކުގައި، އެ ޕާޓީގެ ދިދަތަކާއި ބެނާތައް ހަރުކުރަމުންނެވެ. މާލޭގެ ބޮޑެތި މަގުތަކާއި ހުޅުމާލެ އާއި ވިލިމާލޭގެ ބޮޑެތި ބައެއް މަގުގައި ވަނީ ދިދަ ދަމައިފަ އެވެ.

މަގުތަކުގައި ޕީޕީއެމުން ކެމްޕޭންގެ ފޯރިގަދަ މިކުރީ، އިންތިޚާބުގެ ވޯޓުލުމަށް ދޮޅު މަހަށްވެ، އެއް ބަޔަކު އަނެއް ބަޔަކަށް ބަހުުގެ ހަމަލާތަކާއި ބޮޑެތި ތުހުމަތުތަކެއް އަޅުވަމުން ދަނިކޮށެވެ.
އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި، ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކެމްޕޭން ކުރަނީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކޮށްގެންނެވެ. އަދި އެ ޕާޓީގެ އެއް ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރާނީ ސަރުކާރުގެ މުވައްޒަފުންނާއި ވަސީލަތްތައް ވެސް ބޭނުންކޮށްގެން ކަމަށެވެ.
މިހެން މިކަން އޮތް އިރު، އިދިކޮޅު ޕާޓީއެއްގެ ޖަލްސާއެއް ނުވަތަ އެއްވުމެއް ބާއްވަން ވެސް މާލޭގެ އެއްވެސް ބިމެއް އަދި ސަރުކާރުގެ އިމާރާތެއްގެ ހޯލެއް ވެސް ނުދޭތާ ދެތިން އަހަރު ވެއްޖެ އެވެ.
ކެމްޕޭންގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ މައްސަލަ ބަލައިދޭން އެދި އިދިކޮޅު އެމްޑީޕީން ވަނީ، ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ހުށަހަޅައިފަ އެވެ.
އިދިކޮޅު ޕާޓީތަކުގެ މި ތުހުމަތުތައް ސަރުކާރާއި ޕީޕީއެމުން ދޮގު ކުރެ އެވެ. އެކަމަކު، ޕީޕީއެމްގެ ގިނަ ހަރަކާތްތަކެއް ދައުލަތުގެ ތަންތަނުގައި މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އެ ގޮތުން ދަރުބާރުގެ މުޅިން ވެސް ބޭނުންކުރަނީ ޕީޕީއެމްގެ ކަންކަމަށެވެ.
ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެސް ނެރިގެން އަންނަނީ ކެމްޕޭން ކުރަމުންނެވެ.