ސަރުކާރެއް އުފެއްދޭ ވަރަށް އިމްރާން ޚާންގެ ޕާޓީން އަޣުލަބިއްޔަތު ހޯދައިފި
ސަރުކާރެއް އުފެއްދޭ ވަރަށް އިމްރާން ޚާންގެ ޕާޓީން އަޣުލަބިއްޔަތު ހޯދައިފި

އިސްލާމްއާބާދު (ޖުލައި 31) - ސަރުކާރެއް އުފެއްދޭ ވަރަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދާފައިވާ ކަމަށް އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.

ޕީޓީއައިގެ ތަރުޖަމާން ފަވާދު ޗައުދަރީ ވިދާޅުވީ މައިނޮރިޓީ އާއި އަންހެނުންނަށް ރިޒާވްކޮށްފައިވާ ގޮނޑިތަކާ އަދި ބައެއް ސިޔާސީ ޕާޓީތަކުގެ ތާއީދާ އެކު ވަރަށް ހަމަޖެހިލައިގެން ސަރުކާރެއް އުފެއްދޭނެ ކަމަށެވެ.

"މިހާރު 168 މެންބަރުންގެ ތާއީދު ވަނީ ޕީޓީއައި އަށް ލިބިފައި. އަދި މިނިވަން ކެންޑިޑޭޓުންގެ ތާއީދު ލިބޭތޯ މަޝްވަރާ ކުރަމުން މިދަނީ،" އިސްލާމްއާބާދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައުދަރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއްތަހިދާ މޫވްމަންޓް (އެމްކިއުއެމް) އާއި ޕާކިސްތާން މުސްލިމް ލީގު- ގާއިދު (ޕީއެމްއެލް-ކިޔޫ) އަދި ބަލޮޗިސްތާން އާއި ސިންދުގެ ސަރަހައްދީ ގްރޫޕްތައް ވަނީ ޕީޓީއައިއާ ގުޅެން އެއްބަސްވެފައި ކަމަށެވެ.

އަނެއްކޮޅުން ޕާކިސްތާން މުސްލިމް ލީގު ނަވާޒް (ޕީއެމްއެލް-އެން) އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ވަނީ ޕާލަމެންޓުގައި އިިދިކޮޅު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން އެއްބަސްވެފަ އެވެ.

ޕީޓީއައި އިން ދަނީ އަންނަ މަހު 11 ވަނަ ދުވަހު އިމްރާން ޚާން ބޮޑު ވަޒީރުކަމުގެ ހުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސަމުންނެވެ.