31 ޖުލައި 2018 - 12:55

ގާނޫނުލް އުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖީލިހަށް ބިލެއް ހުށަހަޅާފައިވާ އިރު، ގައުމު މިހާރު އޮތީ ރިޝްވަތުގެ ހާއްޔަކަށް ވާން ކައިރިވެފައި ކަމަށް އިދިކޮޅު ޕާޓީތަކުގެ ރަނިން މޭޓު، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުގައި، އެ އަތޮޅު ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ދިވެހިންނަކީ 100 ޕަސެންޓް މުސްލިމުންނަށް ވާއިރު، މި ދީނުގެ ރިވެތި އުސޫލުތައް ދުވަހަކު ވެސް ދޫނުކޮށްލާނެ ކަމަށެވެ. އެކަމަކު ދީނުގައި ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރިޝްވަތު ދިނުން، ކުށެއް ނޫން ކަމަށް ކަނޑައެޅޭނީ ކިހިނެއްތޯ ސުވާލު ކުރައްވައި އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް އިއްޔެ މި އަޑުއިވުނީ ގާނޫނަކަށް ގެންނަ އިސްލާހަކުން، ވަކި ބަޔަކު ހިންގާ ރިޝްވަތުގެ އަމަލުތައް ދައުވާ ނުކުރެވޭ ގޮތަށް ކަނޑައަޅަން އުޅޭ ކަމަށް. ރިޝްވަތުގެ ކަންކަން ގައުމުގައި މި އޮތީ އިންތިހާ އަށް ގޮސްފައި. މި ގައުމު މިހާރު މި އޮތީ ރިޝްވަތުގެ ހާއްޔަކަށް ވާން ކައިރިވެފައި،" ފައިސަލް ވިދާޅުވި އެވެ.
"އެހެންވީމައި، މިއީ ހުރިހާ ދިވެހި ރައްޔިތުން ވެސް ވިސްނާލަން ޖެހޭ ކަމެއް،"
ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ހުށަހަޅާފައިވާ މާއްދާއާ މެދު އިދިކޮޅު ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހު މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީ އަށް ވެސް ފޮނުވައިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ބިލް ފާސް ކުރުމާ މެދު މަޖިލިހުގެ ތަޅުމުގައި ވޯޓު ނަގާނެ ކަމަށް ބެލެވެ އެވެ.
ހަންޏާމީދުއަށް ކުރެއްވި ދަތުރުގައި ފައިސަލްގެ ވާހަކަތައް ބޮޑަށް އަމާޒު ކުރެއްވީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކާ ގުޅޭގޮތުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ މަޝްރޫއުތައް އިސްރާފުކުރުމެއް ނެތި، ހެޔޮގޮތުގައި އޭގެ އަސްލު އަގުގައި ހިންގި ނަމަ، ރާއްޖޭގެ ރަށްރަށުގެ މީހުން ބޭނުންވާ ސިއްހީ ހުރިހާކަމެއްހެން މިހާރު އޮންނާނީ ފުރިހަމަވެފަ އެވެ. އެކަމަކު ކޮރަޕްޝަން އޮތް މިންވަރުން، އެ ކަންކަން ސަރުކާރަށް ނުކުރެވިވާކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ހަތަރު ޕާޓީގެ ލީޑަރުން، ސިޔާސީ ވިސްނުން ދޫކޮށް ގުޅިފައި މި ތިބީ، ގެއްލިފައިވާ މި ގައުމު އަނބުރާ ދިވެހިންނަށް ހަވާލުކުރުމަށް. މި މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ވާޖިބު ކަމެއް. ދަރިންނާއި މައިންބަފައިނާއި ރަހުމަތްތެރިންނާއި ގައުމަށްޓަކައި ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.