31 ޖުލައި 2018 - 12:01

މެޑްރިޑް (ޖުލައި 31) - ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު އެންމެ ފަހުން ހޯދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމަކީ ރެއާލް މެޑްރިޑަށް ކުރިމަތިވާނެ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ހޫލެން ލޮޕެޓެގީ ބުނެފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) އަށެވެ. ރެއާލުން ފާއިތުވި އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގައި ރޮނާލްޑޯގެ ދައުރު ބޮޑެވެ. އޭނާ ވަނީ ރެއާލުގެ ޖޯޒީގައި ތާރީހީ ރެކޯޑްތަކެއް ހަދައިފަ އެެވެ.
ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކޮށްދިން ކޯޗުކަން ޒިނެދިން ޒިދާންގެ ބަދަލުގައި އެ ޓީމާ ހަވާލުވި ސްޕެއިނުގެ ކުރީގެ ކޯޗު ލޮޕެޓެގީ ބުނީ އެއްވެސް ކުޅުންތެރިއަކު ކްލަބަކަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.
"ރެއާލުގެ ތާރީހަށް ބަލާއިރު ރޮނާލްޑޯ އަކީ ހާއްސަ ކުޅުންތެރިއެއް. އަދި އޭނާ ދިޔައީ މި ޓީމުގައި ވަރުގަދަ ނަމެއް ހޯދާފައި. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެން ރެއާލް މެޑްރިޑްގެ ދަރަޖަ މަތި. ރެއާލުގެ ހައިބަތު އެންމެނަށް ވުރެން ވެސް ބޮޑު،" ލޮޕެޓީގު ބުންޏެވެ.
އޭނާ ރެއާލުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ރޮނާލްޑޯ ޓީމު ދޫކޮށްލާނެކަން އެނގޭތޯ ނޫސްވެރިން ސުވާލުކުރުމުން ލޮޕެޓީގު ވަނީ އޭގެ އަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ. ލޮޕެޓީގު ބުނީ ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް ކުރިމަތިވެފައިވާ ޗެލެންޖަށް މަރުހަބާ ކިޔާ ކަމަށެވެ.
"އަހަރެން މި ޓީމަށް އައިރު ރޮނާލްޑޯ ހުރީ މި ޓީމުގައި. ދެން ކުއްލިއަކަށް އޭނާ ނިންމީ މި ޓީމު ދޫކޮށްލަން. އެ ވާހަކަ ދެން ދައްކަން ނެތިން. އަހަންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އެބައޮތް. ރޮނާލްޑޯ ފަދަ ކުޅުންތެރިއަކު ޓީމު ދޫކޮށްލުމުން އަލުން ޓީމު އެހެން ލެވެލަކަށް ގެންދިއުމުގެ ފުރުސަތު އަހަންނަށް އެބައޮތް،" ލޮޕެޓީގު ބުންޏެވެ.
މި ފަހަރުގެ ޓްރާންްސްފާ މާކެޓްގައި ރެއާލް ދޫކޮށްނުލާނެ ކަމަށް އެ ޓީމަށް ކުޅޭ ވޭލްސްގެ ތަރި ގަރެތު ބޭލް ވަނީ ބުނެފަ އެވެ. ލޮޕެޓީގު ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.