01 އޯގަސްޓް 2018 - 07:41

ނުވަދިހައިގެ އަހަރުތަކުގައި މަގުބޫލު ލަވަތަކެއް ބެލުންތެރިންނަށް ގެނެސްދިން ޕްރޮޑިއުސަރު އަދި މަޝްހޫރު ފިލްމް ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް "މޮގުލް" ކުޅޭނެ އެކްޓަރަކާ މެދު ސުވާލު އުފެދިއްޖެ އެވެ.
ގުލްޝަންގެ ދަރިފުޅު އަދި މިހާރު ޓީ ސީރީޒް ހިންގުމާ ހަވާލުވެ ހުރި ޕްރޮޑިއުސަރު ބުޝަން ކުމާރް މިދިޔަ އަހަރު ވަނީ އަކްޝޭ ކުމާރާ އެކު "މޮގުލް" އިއުލާންކޮށްފަ އެވެ. އަދި ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވެސް އޭރު ދައްކައިލި އެވެ.
އެކަމަކު ތާރީހުގެ މައްސަލަތަކެއްގައި އަކްޝޭ ވަނީ ފަހުން ފިލްމު ދޫކޮށްލައިފަ އެވެ.
މިހާރު "މޮގުލް" ޕްރޮޑިއުސް ކުރަނީ ޓީ ސީރީޒާއި އާމިރް ހާން ގުޅިގެންނެވެ. އެހެންވެ އަޑުތައް ފެތުރިފައިވާ ގޮތުން ފިލްމްގެ ޓައިޓްލް ރޯލުން އޭނާ ފެނުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. "މޮގުލް" ރިލީޒް ކުރާ ތާރީހު ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.
"ޖޮލީ އެލްއެލްބީ" ފަދަ ފިލްމްތައް ގެނެސް ދިން ސުބާޝް ކަޕޫރް ޑައިރެކްޓް ކުރާ ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ. ސަލްމާން ހާންގެ "ދަބަންގް 3" ވެސް އޮތީ އަންނަ އަހަރުގެ ކްރިސްމަސް އަށް ތާވަލުކޮށްފަ އެވެ.
ޑީއެންއޭ އަށް ބުޝަން ބުނި ގޮތުގައި "މޮގުލް" ގެ ލީޑް ރޯލް ކުޅޭނެ އެކްޓަރަކު އަދި ނުނިންމަ އެވެ. އެކަމަކު އޭނާ ބުނި ގޮތުގައި ގުލްޝަންގެ ރޯލުން ފެނިގެން ދާނީ ޒުވާން އެކްޓަރެކެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބުޝަން އާއި އާމިރް ވަނީ، "މޮގުލް" ކުޅެދޭން ރަންބީރް ކަޕޫރަށް ހުށަހަޅައިފަ އެވެ. އަދި ފިލްމް ކުޅޭނެތޯ އޭނާ ވަރަށް އަވަހަށް ނިންމާނެ ކަމަށްވެ އެވެ.
ރަންބީރު މި ވަގުތު ސޮއިކޮށްފައި ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި މިހާރު ޝޫޓް ކުރަމުން އަންނަ "ބުރައްމަސްތުރާ" އާއި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" ގެ އިތުރުން ލަވް ރަންޖަންގެ ނަން އިއުލާންކޮށްފައި ނުވާ ފިލްމެއް ހިމެނެ އެވެ.
އަނެއްކޮޅުން އިންޑިއާގެ އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު ކިޝޯރް ކުމާރްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ރަންބީރާއި ޑައިރެކްޓަރު އަނޫރާގް ބާސޫ ނިންމާފައިވާތީ "މޮގުލް" އަށް ރަންބީރު އެއްބަސްވާނެކަމާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
އަނޫރާގް ނިންމާފައި ވަނީ ރަންބީރު ލައްވައި ކިޝޯރްގެ ރޯލް ކުޅުވާށެވެ.
ދާދި ފަހުން ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ސަންޖޭ ދަތުގެ ބައޮޕިކް "ސަންޖޫ" ގެ ޓައިޓްލް ރޯލް ރަންބީރު ކުޅެފައިވާލެއް މޮޅުކަމުން، ބުޝަން އާއި އާމިރް "މޮގުލް" އަށް ރަންބީރު ގެންނަން ވަރަށް ބޭނުންވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވެ އެވެ.
"ވަރަށް އަވަހަށް ފިލްމްގެ ލީޑް އެކްޓަރަކީ ކޮބައިކަން އިއުލާން ކުރާނަން،" ބުޝަން ބުންޏެވެ. "ޔަގީނުން ވެސް ޒުވާން އެކްޓަރެއް ފިލްމްގެ ލީޑް ރޯލް ކުޅޭނީ."
އުމުރުން އެންމެ 44 އަހަރުގައި އޮގަސްޓް، 12، 1997 ގައި ގުލްޝަން މަރައިލީ މުމްބާއީގެ އަންޑަވޯލްޑް ޖަމާއަތެއްގެ ބައެކެވެ. އޭނާގެ މަރާ ގުޅިގެން މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ނަދީމަށް ވަނީ ބަޔަކަށް ފައިސާ ދީގެން ގުލްޝަން މަރާލި ކަމުގެ ދައުވާކޮށްފަ އެވެ.
ނަދީމަކީ ޝަރްވަންއާ ގުޅިގެން ވަރަށް ގިނަ ފިލްމްތަކަށް މިއުޒިކް ހަދައި ދީފައިވާ ފަންނާނެކެވެ.