31 ޖުލައި 2018 - 12:56

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގައި، ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ހެލްތުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން އެވޯޑްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުންނެވެ. އެއީ ސަސަކަވާ ހެލްތު ޕްރައިޒް، ޔުނައިޓެޑް އެރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް، ސްޓޭޓް އޮފް ކުވައިތު ހެލްތް ޕްރޮމޯޝަން ފައުންޑޭޝަން އާއި ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޯ ޕަބްލިކް ހެލްތު އެވެ.
މިހާރު ފުރުސަތު ހުޅުވާލައިފަ މި ވަނީ 2019 ވަނަ އަހަރު ދިނުމަށް ޑަބްލިޔޫއެޗްއޯ އިން ކަނޑައަޅާފައިވާ އެވޯޑްތަކަށެވެ.
ކޮންމެ ގައުމަކުން ވެސް ކޮންމެ އެވޯޑަކަށް ކުރިމަތިލެވޭނީ އެންމެ ގިނަވެގެން އެންމެ މީހަކަށެވެ. އެގޮތުން އެވޯޑްތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު އެ މީހަކު ކުރިމަތިލާ އެވޯޑާ ގުޅޭ ދާއިރާ އިން ކޮށްފައިވާ މަސައްކަތްތަކާ އެކު ހެލްތު މިނިސްޓްރީ އަށް ހުށައެޅުމަށް އިއުލާނުގައިވެ އެވެ. އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހެވެ.
ވޯލްޑް ހެލްތު އެސެމްބްލީ އަކީ 1948 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބާއްވަމުން އަންނަ އެ ޖަމިއްޔާގެ އަހަރީ ޖަލްސާ އެވެ. ސިއްހީ ދާއިރާތަކުން ފާހަގަ ކޮށްލެވޭ ހިދުމަތްތައް ކޮށްފައިވާ ފަރާތްތަކަށް އެވޯޑް ދިނުން އޮންނާނީ މި ޖަލްސާގަ އެވެ.