ޖޭއެސްސީގެ މެމްބަރަކަށް ރޭނިސް ސަލީމް އައްޔަން ކޮށްފި
ޖޭއެސްސީގެ މެމްބަރަކަށް ރޭނިސް ސަލީމް އައްޔަން ކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރަކަށް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެ ކޮމިޝަނަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޖޭއެސްސީގެ މެމްބަރަކަށް ރޭނިސް ސަލީމް އައްޔަން ކޮށްފި
ޖޭއެސްސީގެ މެމްބަރަކަށް ރޭނިސް ސަލީމް އައްޔަން ކޮށްފި

އޭނާ، ޖޭއެސްސީ އަށް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ސަލީމަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި 20 ގައި ރައީސް އަބްދުﷲ ޔާމީން އުފެއްދެވި، ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ ވެސް މެމްބަރެކެވެ. އޭނާ ޖޭއެސްސީގެ މެމްބަރަކަށް އައްޔަން ކުރެއްވި ނަމަވެސް އެ ކޮމިޝަންގެ މަގާމުގައި ހުންނަވާނެ އެވެ.

ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ސަލީމްގެ އިތުރުން، މަގާމުގެ ހައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދާއި އުއްތަމަ ފަނޑިޔާރު ފިޔަވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބު ކޮށްފައިވާ އަބްދުﷲ އަރީފާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ އަބްދުއްރައޫފް އިބްރާހީމާއި އާންމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި އަބްދުލް ހަންނާން އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައެޅި، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި މަގާމުގެ ހައިސިއްޔަތުން، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ ލަތީފާ ގާސިމް އަދި މަގާމުގެ ހައިސިއްޔަތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.

ޖޭއެސްސީގެ ރައީސަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ފައިސަލް، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ހިސާބަށް ޖޭއެސްސީގެ ނައިބު ރައީސަކަށް ހުންނެވީ އޭނާ އެވެ. އޭގެ ފަހުން އެ ކޮމިޝަނަށް އަދި ނައިބު ރައީސެއް ކަނޑައެއް ނާޅަ އެވެ.