31 ޖުލައި 2018 - 11:05

މޮންޓެވީޑޯ، އުރުގުއޭ (ޖުލައި 31) - އުރުގުއޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް އެ މަގާމުގައި މިހާރު ހުރި އަދި އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ވިލްމާ ވަލްޑޭޒް މަގާމުން އިސްތިއުދެއްވައިފި އެވެ.
އިންތިހާބުން ވަލްޑޭޒް ނަން ނެންގެވުމާ އެކު މިއަދު އޮންނަ އިންތިހާބުގައި ވާދަކުރާނީ އުރުގުއޭގެ ދެ ވިޔަފާރިވެރިންކަމަށްވާ ޑެލް ކޭމްޕޯ އާއި އެޑުއާޑޯ އަބޫލަފީއާ އެވެ.
ވަލްޑޭޒް އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ކޮރަޕްޝަންގެ ވާހަކަތަކެއް ދައްކާ އޯޑިއޯއެއް ލީކުވިތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން އެ އޯޑިއޯ އަކީ ވަލްޑޭޒް އާއި އުރުގުއޭ ސަރުކާރުގެ އޮފިޝަލަކާއި ކުޅިވަރު ނޫސްވެރިއެއްގެ އިތުރުން ސަޕޯޓަރުންގެ ބަޔަކު ބައްދަލުކުރިއިރުގެ އޯޑިއޯއެކެވެ. އެ ބައްދަލުވުމުގައި ދައްކާފައިވަނީ ވަލްޑޭޒްގެ ކޮރަޕްޝަންތަކަކާ ގުޅޭ ވާހަކަތަކެއް ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ވަލްޑޭޒް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދިނުމާއި އުރުގުއޭ އެފްއޭގެ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"މި ނިންމުމަކީ އަހަރެންގެ ދިރިއުޅުމާއި އާއިލާއާ ގުޅޭގޮތުން ނިންމި ނިންމުމެއް. މިއީ އިންތިހާބާ ގުޅުން ހުރި ކަމެއް ނޫން. އަހަރެން ބުނަން ބޭނުންވާ ވާހަކަ އަކީ އަހަރެން މަގާމުން ވަކި މިވަނީ އެއްވެސް ބަޔެއްގެ ނުފޫޒެއް ނެތި. މިއީ ހަމަ ސީދާ އަހަރެންގެ ނިންމުމެއް،" ވަލްޑޭޒް ވިދާޅުވި އެވެ.
އުރުގުއޭގެ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވިފައިވާ ޑެލް ކެމްޕޯ ވަނީ ވަލްޑޭޒްގެ އިސްތިއުފާއާ އެކު ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި ވަލްޑޭޒްގެ އިސްތިއުފާ އާއި ލީކުވި އޯޑިއޯއާ ގުޅުވާތީ އެކަމާ ހައިރާންވާ ކަމަށް ވެސް ބުންޏެވެ.
އުރުގުއޭ އެފްއޭގެ ރައީސަކަށް ވަލްޑޭޒް އިންތިހާބުވީ 2014 ވަނަ އަހަރު އެވެ. އޭގެ އަހަރެއް ފަހުން 2015 ވަނަ އަހަރުގެ މާޗު މަހު ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާގެ ތިން ވަނަ ނައިބު ރައީސްގެ މަގާމަށް ވަލްޑޭޒް އިންތިހާބުވި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާގެ އޭރުގެ ރައީސް ހުއާން އޭންހެލް ނަޕޫޓް، ފީފާގެ ކޮރަޕްޝަން ތަހުގީގުގެ ތެރެއިން މަގާމުން އިސްތިއުފާ ދިންއިރު، ފުރަތަމަ ނައިބު ރައީސް ރަފައެލް އެސްކުއިވެލް ވަނީ އެ ތަހުގީގަށް ހައްޔަރުކޮށްފަ އެވެ. އަދި ދެ ވަނަ ނައިބު ރައީސް ސާޖިއޯ ޖެޑޫ ކޮރަޕްޝަނުގައި ބައިވެރިވެފައިވާ ކަމަށް އެއްބަސްވުމުން ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާގެ ވަގުތީ ރައީސްގެ މަގާމަށް ގެނައީ ވަލްޑޭޒް އެވެ. ވަލްޑޭޒް ވަނީ އެ މަގާމު އަހަރެއްހާ ދުވަސް ވަންދެން ފުރައިފަ އެވެ.
އުރުގުއޭ އެފްއޭގެ މަގާމުން ވަލްޑޭޒް އިސްތިއުފާދިން ކަމެއް މީޑިއާގައި ހަގީގަތަށް ހާމަނުކުރާ ކަމަށް އުރުގުއޭ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ވަލްޑޭޒް އަކީ ފީފާ ކައުންސިލްގެ ވެސް މެމްބަރެކެވެ.